(20 ސެޕްޓެންބަރު 2019ގައި ޝާއިއުކުރި ބަޔާ ގުޅޭ)
އޭނާ އަތްތިލައިގެ ހުރި ރޮނގުތަކުގައި ޝަހާދަތް އިނގިލިން ކުރަހައިލިއެވެ. އިރުކޮޅަކު ހިމޭނުން އިނދެފައި ވައި އަޑުން ބުންޏެވެ. "އިމާމާ ހާޝިމް."
ފުރްގާން ފުން ނޭވައެއް ލިއެވެ. އޭނާގެ ދަރިފުޅަށް ސާލާރް އެހައި ގިނަ ހަދިޔާ ގަނެދެނީ ކީއްވެގެން ކަން ވިސްނުނެވެ. ފުރްގާނާ ގުޅުން ބަދަހިވެ އެގެއަށް ދާން ފެށިފަހުން އިމާމާއަށް ޚާއްޞަގޮތެއް ސާލާރް ބަހައްޓައެވެ. ޕެރިހުގައި ހުރި އިރުވެސް އޭނާ އިމާމާއަށް ހަދިޔާ ފޮނުވައެވެ. އެހެންނަމަވެސް ސާލާރް ދުވަހަކުވެސް ފުރްގާންގެ ދަރިފުޅު އިމާމާ އާ ނަމުން މުޚާޠަބެއް ނުކުރެއެވެ. އިމާމާ ހާޝިމްގެ ނަން އަޑުއިވުމުން އެއީ ކީއްވެކަން މިހާރު އޭނާއަށް ސާފުވެއްޖެއެވެ.
ސާލާރް މިހާރު ފުރްގާނަށް އޭނާޔާ އިމާމާގެ ވާހަކަ ކިޔައިދެނީއެވެ. ހުރިހާ ވާހަކައެއް ކިޔައިދީ ނިމުމުން މުޅިތަނަށް ހިމޭންކަން ވެރިވިއެވެ. ފުރްގާން އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ދޭނެ ލަފައެއް ވެސް ނޭނގުނެވެ.
"އޭނާގެ މަތިން ހަނދާން ނައްތާލާ." ކޮޓަރިތެރެއަށް ވެރިވެފައި އޮތް ހިމޭންކަން ނަގައިލީ ފުރްގާން އެވެ. "އޭނާ އުޅެނީ ރައްކާތެރި ތަނެއްގައި ސަލާމަތުން ކަމަށް ހިތަށް ގެނޭ." ފުރްގާން ނަސޭހަތް ދިނެވެ.
"އެހީ ވެވެން އޮތް މިންވަރަށް އެހީވީމެއްނު؟ ދެން އެކަމާ ނުވިސްނާ. އޭގެ ފަހުން މިހާރު އޭނައަށް މާ ރަނގަޅު މީހަކު ފެނުނީ ކަމަށްވެސް ވެދާނެ. އަހަންނަކަށް ހިއެއް ނުވޭ ޖަލާލް އާ އިމާމާއަށް ނީނދެވުނީ ސާލާރްގެ ސަބަބުން ހެނެއް. ތިކިޔައި ދިން ވާހަކައިން އަހަންނަށް ވިސްނެނީ ޖަލާލް އިމާމާ އާ ދުވަހަކުވެސް ނީންނާނެކަން. ވަރީގެ ވާހަކަ ދައްކާނަމަ، އޭނާ ވަރިވާން ބޭނުން ނަމަ ގުޅާނެ އެއްނު. ގުޅިނަމަ ވަރިކުރާނަމެއްނު؟ އެކަމުގައި ގޯހެއް ހެދިފައި އޮތް ނަމަ އެ ކުށަކަށް ﷲ ޢަފޫކުރައްވާނެ. އެކަމާ މާޔޫސްވުމުގެ ބޭނުމެއް ނެތް. ތި ހަނދާންތަކާ ދުރަށް ދެވޭތޯ ބަލާ." ފުރްގާން މަސައްކަތް ކުރީ ސާލާރަށް ވިސްނައިދެވޭތޯއެވެ. ސާލާރް އަނގައިން ނުބުނެ އިނުމުން އޭނާގެ މަސައްކަތް ކާމިޔާބު ވާހެން ހީވިއެވެ. ސާލާރް ތެދުވެ ބްރީފް ކޭސް ހުޅުވައިލިއެވެ.
"ކީއްކުރަން ތިއުޅެނީ؟" ފުރްގާން އެހިއެވެ.
"އަަހަރެން ފުރާ ގަޑި ކައިރިވަނީ." ބްރީފް ކޭހުން ކަރުދާސްތަކެއް ނަގަމުން އޭނާ ބުންޏެވެ. ފުރްގާން ހައިރާންވިއެވެ.
***
އޭނާ އެތައް ފަހަރަކު ޕާކިސްތާނަށް އައިސް ގޮސް ހަދައިފިއެވެ. އެނބުރި ދާންވީމާ ދުވަހަކުވެސް މިއަދު މިވާ ގޮތަށް ދެރައެއް ނުވެއެވެ. ފްލައިޓް ނައްޓާލީމާ ބުނެދޭން ނޭނގޭ ކަހަލަ، ހުސްކަމެއް އިހުސާސް ވިއެވެ. އޭނާ ކުޑަ ދޮރުން ބޭރު ބަލައިލިއެވެ. ދުރަށް ފެތުރުފައިވާ އެ ބިމުގެ ކޮންމެވެސް އެއް ހިސާބެއްގައި އިމާމާ ހާޝިމް އުޅޭނެއެވެ. އެރަށުގައި ދިރިއުޅޭނަމަ ކޮންމެވެސް ތަނަކުން އޭނާއަށް އިމާމާ ފެނުނީހެވެ. ނުވަތަ އިމާމާ ދަންނަ މީހަކާ ބައްދަލުވީހެވެ. އެކަމަކު އޭނާ ދާން އުޅޭ މަންޒިލަކު އިމާމާ ހާޝިމެއް ނޫޅޭނެއެވެ. އޭނާ މިފަހަރު އެނބުރި ދަނީ ވަރަށް ގިނަ ދުވަހަށެވެ.
ދިހަވަރަކަށް މިނެޓު ފަހުން ނިދާ ބޭސް ގުޅައެއް ކައިގެން ސާލާރް ލޯމަރައިލިއެވެ. ހަޔާތުގައި އޭނާއަށް އަދި އެއްވެސް މަންޒިލަކަށް ނުދެވެއެވެ. ދިރިއުޅޭ އިމާރާތުގެ ހަތްވަނަ ފަންގިފިލާގައި ހުރި އެޕާޓްމަންޓަށް އޭނާ ވަނީ ހިތާ ދެކޮޅަށެވެ. އޭނާ އެތަނަށް ވަންނާކަށް ބޭނުމެއް ނޫނެވެ. އެކަމަކު ދާން ބޭނުންވާ ވަކިތަނެއް ވެސް ނެތެވެ.
އެތެރެއަށް ވަދެ އެޕާޓްމަންޓުގެ ދޮރު އެތެރެއިން ތަޅުލިއެވެ. އަދީ ޓީވީ ޖައްސައިގެން ސޯފާގައި އިށީނެވެ. ސީއެންއެން އިން އެވަގުތު ދައްކަނީ ޚަބަރެވެ. ބޫޓާއި ޖެކެޓު ބޭލުމަށް ފަހު ރިމޯޓު ހިފައިގެން ސޯފާގައި އޮށޯތެވެ. ފަހަރަކު ޗެނަލެއް ބަލަމުން ދަނިކޮށް އުރްދޫ ޗެނަލަކަށް ބަދަލުވިއެވެ. އެވަގުތު އަންނަނީ ވަރަށް ރީތި ޣަޒަލެކެވެ. އެ ޣަޒަލްގައި ކިޔަނީ މިހެންނެވެ.
"މި ދުނިޔޭގައި އަހަންނާ ކަލާޔާ ވަނީ ވަކިވެފައެވެ. ނަަމަވެސް އަހަރެންގެ ހިތުގައި ރަނިކަން ކުރަނީ ކަލާއެެވެ. އަހަރެންގެ ހިތާއި އެންމެ ކައިރީގައި، ކޮންމެ ވިންދަކާ އެހާ ކައިރީގައި، އެހެން ނަމަވެސް ދެކެން ބޭނުންވާ، ލޮލަށް ނުފެންނަހައި ދުރުގައެވެ."
އޭނާ މޭ މަތީގައި ރިމޯޓު ބާއްވައިލިއެވެ.
ޣަޒަލް ކިޔަމުންދާ މީހާގެ އަޑުގައި އަާދަޔާ ޚިލާފު އަސަރެއް އެކުލެވިފައި ވެއެވެ. އޭނާ ބަޔާން ކުރަމުން އެ ގެންދަނީ ޚުދު އޭނާގެ ދިރިއުޅުމުގެ ހަގީގަތް ކަހަލައެވެ.
"ކޮންމެ ތަނެއްގައި، ކޮންމެ ގޮތަކަށް ކަމުގައި ވިޔަސް ކޮންމެވެސް އެއް ދުވަހަކުން އަހަރެންގެ ފުރާނަ ގުރުބާން ވެގެން ދާނެއެވެ.
ވީހައިވެސް އަވަހަކަށް ކަލާ އަހަރެންގެ ފުރާނަ ގެންދާށެވެ. އެހެން މީހަކު ނެތިއްޔާ އަހަރެން ނަމަވެސް ފުދޭނެއެއް ނޫން ހެއްޔެވެ؟"
ޅެންވެރިކަމާއި، އިހުގެ މިއުޒިކާއި، އިހުގެ ފިލްމާއި، އެކި އާލަތްތުގެ ބޭނުން ކޮށްގެން ކުޅޭ މިއުޒިކުގެ އަގު ސާލާރަށް ވަޒަން ކުރެވޭން ފެށީ ވޭތުގެދިޔަ މަދު އަހަރުކޮޅުގެ ތެރޭގައެވެ. އޭނާ ވަނީ މިހާރު މިއުޒިކު ދެކެ ލޯބިވާން ފަށާފައެވެ. އެކަމަކު އުރުދޫ ޣަޒަލް އަދި އޭނާއަށް ތަންކޮޅެއް ބީރައްޓެއްސެވެ.
"އެއީ ޠޫރުސީނާގެ ފަރުބަކަމުގައި ވިޔަސް، މަޙްޝަރުގެ މައިދާން ކަމުގައި ވިޔަސް، އަހަރެން އިންތިޒާރު ކުރާނަމެވެ. ކޮންމެވެސް އެއް ދުވަހަކުން، ކޮންމެވެސް ތަނަކުން އޭނާޔާ ބައްދަލު ވާނެއެވެ."
ސާލާރަށް އަނެއްކާވެސް އިމާމާގެ މަތިން ހަނދާންވިއެވެ. ކުރިން އިމާމާ މަތިން އޭނާ ހަނދާންވަނީ އެކަނި ވާ ވަގުތުއެވެ. ފަހުން މީހުންގެ ތެރޭގައި އުޅޭ އިރުވެސް ހަނދާންވާން ފެށިއެވެ. ލޯތްބަކީ ކޮން އެއްޗެއް ކަމެއް ސާލާރަކަށް ނޭނގެއެވެ.
"އޭނާއަކީ އަހަރެންގެ މީހެއް ނޫނެވެ. އެކަމަކު އަހަރެންގެ ލޯތްބަކީ ތާހިރު ލޯތްބެކެވެ. އަމިއްލަ އެދުމެއް ނޫނެވެ. އަހަންނަކީ އޭނާގެ މިލްކެކެވެ. އޭނާ އަހަރެންގެ މިލްކަކަށް ނުވިޔަސް ވެހެވެ."
ސާލާރް ކުއްލިއަކަށް ސޯފާއިން ތެދުވެ ކުޑަ ދޮރާ ދިމާއަށް ދިޔައެވެ. ހަތްވަނަ ފަންގިފިލާގައި ހުއްޓިލައިގެން ހުރި އިރު ދުރުން އަލި ފެނުނަސް އޭނާއަށް އަދިވެސް އިހުސާސް ކުރެވެނީ އަނދިރި ކަމެވެ. އޭނާއަށް ކުރެވެނީ ބީރައްޓެހި އިހުސާސެކެވެ.
މަޙްޝަރް ދުވަހަށް މަޑުނުކޮށް މިއަދު ފައިސަލާ ކުރާށެވެ. އެތާނގައި ދޭން ގަސްތު ކުރާ އަނިޔާ މިއަދު މިތާނގައި ދޭށެވެ."
ކުޑަ ދޮރު ކައިރީގައި ހުއްޓިލައިގެން ދުރުން ފެންނަ ނިވި ދިއްލޭ ބޮކިތަކަށް ބަލަން ހުރެ އޭނާ ފުން ޚިޔާލަކަށް ގެނބެން ފެށިއެވެ.
"އަަހަރެން؟ އަންހެން ކުއްޖަކު ދެކެ ލޯބިވުން؟ އެއީ އުފައްދަން ޖެހޭ ސުވާލެއްވެސް ނޫން!" މީގެ އެތައް އަހަރެން ކުރިން އޭނާ އަބަދު ބުނާ ވާހަކައެއް ހަނދާނަށް އައެވެ. ބޭރަށް އަނދިރިކަން ވެރިވަމުން ދިޔަވަރަކަށް އޭނާގެ އެތެރޭގައި އުފެެދެމުން ދިޔަ ޠޫފާން ވެސް ވަރުގަދަ ވަމުން ދިޔައެވެ. އޭނާ އިސް ދަށަށް ޖެހިއެވެ. އިރުކޮޅަކުން އިސް އުފުލައިލާފައި ކުޑަދޮރުން ބޭރު ބަލައިލިއެވެ. އަނެއްކާވެސް މައްޗަށް ބަލައިލިއެވެ. އަމިއްލަ މައްސަލަތަށް އަމިއްލައަށް އަތް މައްޗަށް ނެގުމުގެ ހައްގު ފެށެނީ ކިހާ ހިސާބަކުން ހެއްޔެވެ؟ ނުވަތަ އެކަން ނިމެނީ ކިހާ ހިސާބަކުން ހެއްޔެވެ؟ ދުރުން ފެންނަ އަލި ފަނޑުވާން ފެށިއެވެ. އަނެއްކާވެސް ޑިޕްރެޝަން އޭނާގެ މައްޗަަށް ބާރު ފޯރުވަން ފެށިއެވެ.
"އޭނާ އެންމެ ފަހަރަކު ނަމަވެސް ދެކިލުމަށް ކުރަމުން މިގެންދާ އުއްމީދު ފުރިހަމަ ވާނެއެވެ. އެތައެް ހާސް ލޮލަކަށް ނިވައި ވެގެން، އެތައް ހާސް ފަރުދާއެއްގެ ފުރަގަހުގައި ހުއްޓަސްވެހެވެ."
ސާލާރް ޓީވީ ސްކްރީނާ ދިމާއަށް އެނބުރިލިއެވެ. ލަވަކިޔުންތެރިޔާ ލަވައިގެ ފަހު ބައިތު ތަކުރާރު ކުރަމުން ދިޔައެވެ. ސާލާރް ގޮސް ސޯފާގައި އިށީނެވެ. މޭޒުމަތީގައި ހުރި ބްރީފްކޭހުން ލެޕްޓޮޕް ނެގިއެވެ.
"އޭނާ އެންމެ ފަހަރަކު ނަމަވެސް ދެކިލުމަށް ކުރަމުން މިގެންދާ އުއްމީދު ފުރިހަމަ ވާނެއެވެ. އެތައެް ހާސް ލޮލަކަށް ނިވައި ވެގެން، އެތައް ހާސް ފަރުދާއެއްގެ ފުރަގަހުގައި ހުއްޓަސްވެހެވެ."
ލަވަކިޔުންތެރިޔާ ލަވައިގެ ފަހު ބައިތު ތަކުރާރުކޮށް ކިޔަމުން ދިޔައެވެ. ސާލާރް އިސްތިއުފާގެ ސިޓީ ލިޔަމުން ދިޔައެވެ. މިއުޒިކުގެ އަޑު ކެނޑުނެވެ. އިސްތިއުފާގެ ސިޓީގެ ކޮންމެ ފޮޅުވަތެއް އޭނާގެ ހިތްވަރު ވިރުވަމުން ދިޔައެވެ. އޭނާއަށް އެސްފީނާއެއް ޖެހުނީ ކަހަލައެވެ.
***
"ތިހާ ރަނގަޅު ވަޒީފާއެއްގަ ހުރެ ކުރިއެރުން ލިބެމުން ދަނިކޮށް ތިކަހަލަ މޮޔަ ނިންމުމެއް ނިންމާނީ ދަރިފުޅު އެކަނި."
އޭނާ އަނގައިންވެސް ނުބުނެ ސިކަންދަރް އުސްމާން ގެ ވާހަކަ އަޑު އެހިއެވެ. "ކުއްލިއަކަށް ވަޒީފާ ދޫކޮށްލަން ނިންމީ ކީއްވެ؟ ވަޒީފާ ދޫކޮށްލަންޏާ ބައްޕަގެ ވިޔަފާރި ބަލަހައްޓާދޭންވީނު. ބެންކަށް ވަޒީފާއަށް ދިއުމުގެ ބޭނުމަކީ ކޮބާ؟"
ސާލާރްގެ ނިންމުމަށް ސިކަންދަރް އުސްމާން ވަރަށް ބޮޑަށް ފާޑުކިއެވެ.
"އަހަރެން ބޭނުންވަނީ ޕާކިސްތާނުގައި ދިރިއުޅެން، އަހަރެން ވަޒީފާ ދޫކޮށްލީ އެހެންވެ. ވިޔަފާރިކުރާކަށް ޝައުގުވެރިކަމެއް ނެތް، ބޭންކުން ހުށަހެޅުމެއް ލިބިފައި އޮންނަތާ ވަރަށް ގިނަ ދުވަސް ވެއްޖެ. އެތަނުން އަހަންނަށް ވަޒީފާ ހަމަޖެހޭނެ. އަހަރެން އެ ހުށަހެޅުން ގަބޫލުކޮށްފިން." ބައްޕަގެ ހުރިހާ ސުވާލަކަށް ސާލާރް ޖަވާބު ދިނެވެ.
"ބޭންކަށް ދާނެ ކަމެއް ނެތް. ބައްޕައާއެކު މަސައްކަތް ކުރަން އާދޭ."
"ބައްޕާ... އަހަންނަށް މަޖުބޫރު ނުކުރޭ! އަހަންނަށް ތިކަމެއް ނުވާނެ."
"އެހެން ވެއްޖެއްޔާ ތިކޮޅުގަ މަޑުކުރޭ. ކީއްކުރަން އަންނަނީ؟"
"މިހާރު މިކޮޅުގަ ހުރެވޭކަށް ނެތް..."
"މާ ވަޠަނީ ވީތަ؟"
"ނޫން."
"ދެން."
"އަހަރެން ބޭނުންވަނީ އާއިލާ އާއެކު އުޅެން." ސާލާރް ރާގު ބަދަލުކުރިއެވެ.
"ތީ އަމިއްލަ ފައިދާ އަށް ނިންމި ނިންމުމެއް ނޫންކަން ކަށަވަރު." އޭނާގެ ބައްޕަގެ ރާގުވެސް ބަދަލުވިއެވެ.
ސާލާރް އެއަކަށް ޖަވާބެއް ނުދެއެވެ. ސިކަންދަރް އިރުކޮޅަކު ހިމޭނުން ހުއްޓެވެ.
"މާ ކުރިން ގޮތެއް ނިންމައިގެން ތިހިރީ، ތިކަމުގެ އަހަންނަށް ކުރެވޭނެ ކަމެއް ނެތް. މިކޮޅަށް އައިސް ބައްޕައާއެކު މަސައްކަތް ކުރަން ބޭނުމިއްޔާ ކޮންމެ ވަގުތަކު އަޔަސް ބައްޕަ މަރުހަބާ ކިޔާނަން. އެކަމަކު ފުރަތަމަ ބޭންކުގެ ގޮތް ބަލައިލަބަލަ. އެެހެން ނަމަވެސް އަހަރެން އެދެނީ އާއިލާގެ ވިޔަފާރި ކުރިއަރުވަން މަސައްކަތް ކޮށްދިނުން." ސިކަންދަރް އުސްމާން ސާލާރް ގެ ނިންމުން ބަލައިގަތެވެ. ދެން އޭނާ އެހެން ކަމެއް ހަނދާންވިއެވެ. "ޕީއެޗްޑީ ހަދަން ވެސް އުޅުނީމެއްނު؟ މިހާރު އެކަންތައް ވީ ކިހާ ހިސާބެއްގައި؟" ސިކަންދަރު އެހިއެވެ.
"މިވަގުތު އަހަރެން އިތުރަށް ކިޔަވާކަށް ބޭނުމެއް ނޫން. އެކަމާ އުޅުނަސް އުޅޭނީ ދެ ތިން އަހަރު ފަހުން." ސާލާރް ބުނެލިއެވެ.
"އެނބުރި އަންނަނީ ސްކޫލް ހިންގަންތަ؟"ސިކަންދަރް އުސްމާން ކުއްލިއަކަށް އެހިއެވެ.
"ވެދާނެ..." އެ ވާހަކައަށް އޭނާ ދެކޮޅެއް ނުހެދިއެވެ. އޭނާ އެނބުރި ދާން ނިންމީ ސްކޫލާ ހިންގަންކަމަށް ބައްޕައަށް ހީވަންޏާ އެކަމާ އެއްޗެއް ބުނުމުގެ ބޭނުމެއް އޮތް ކަމަކަށް އޭނާއަކަށް ނުފެނެއެވެ.
"ސާލާރް. ތި ނިންމުމާ މެދު އަލުން އަދި ވިސްނައިލާ." އޭނާގެ ބައްޕައަށް ބުނެވުނެވެ. "ވަޒީފާގެ ކުރީކޮޅު ތިހައި ބޮޑު ކުރިއެެރުން ލިބެނީ ވަރަށް މަދު ބަޔަކަށް. ބައްޕަ މި ބުނި ވާހަކަ އަޑު އިވިއްޖެތަ؟"
"އާނ." ސާލާރް ބުންޏެވެ.
"ދަރިފުޅު މިހާރު ތިހިރީ ތަޞައްރަފް ފުދިފަ، އަމިއްލައަށް ކަންކަން ނިންމަން އެނގޭނެ." ބައްޕަ ފޯނު ބޭއްވިއެވެ.
ފޯނު ބާއްވާފައި ސާލާރް އެޕާޓްމަންޓު ވަށައިގެން ނަޒަރު ހިންގައިލިއެވެ. އަށާރަ ދުވަސްފަހުން، އަބަދަށްޓަކައި އޭނާ އެތަން ދޫކޮށްލާނެއެވެ.
ހަތްވަނަ ބާބު
ޕެރިހުން އެނބުރި އައިސް އޭނާ މުޅިން އާ ދިރިއުޅުމެއް ފެށިއެވެ. ފުރަތަމަ ކޮޅު އޭނާ މަސައްކަތް ކުރީ އިސްލާމްއާބާދުގައި ހުންނަ ބޭރު ބޭންކެއްގެ ގޮތްޕެއްގައެވެ. ދުވަސްކޮޅެއް ފަހުން ލާހޯރްގައި އަލަށް ހުޅުވި އެ ބޭންކުގެ ގޮތްޕަށް ބަދަލުކުރިއެވެ. ކަރާޗީއަށް ދިއުމުގެ ފުރުސަތުވެސް އޭނާއަށް ލިބުނެވެ. ނަމަވެސް އޭނާ ޚިޔާރުކުރީ ލާހޯރެވެ. އޭރުން ޑރ. ސިބްތެ އަލީ އާއެކު ވަގުތު ހޭދަކުރުމުގެ ފުރުސަތު ލިބޭނޭތީއެވެ.
އަދާކުރަން ފެށި ވަޒީފާގެ ގޮތުން އޭނާގެ އެހެން ހަރަކާތްތަކަށް ބަދަލުއައެވެ. ޕާކިސްތާނުގައި ވެސް ދުވާލާއި ރޭގަނޑު އޭނާ އުޅެންޖެހުނީ އަވަދިނެތިއެވެ. އާދަޔާ ޚިލާފަށް މޮޅު އިގްތިސާދީ މާހިރެއްގެ ގޮތުގައި އޭނާ ކުރާ ކޮންމެ ދަތުރަކާއެކު އޭނާގެ އަގުވެސް އުފުލެމުން ދިޔައެވެ. ޕާކިސްތާނުގެ ސަރުކާރަށް އޭނާ އަކީ ބީރައްޓެހި ނަމެއް ނޫނެވެ. އެނބުރި ޕާކިސްތާނަށް ދިއުމުން ޕާކިސްތާނުގެ މާލީ ވުޒާރާގެ ތަމްރީނު ޕްރޮގްރާމްތައް ހިންގުމަށް އޭނާއަށް ފުރުސަތު ލިބެން ފެށިއެވެ. އެގޮތަށް ލެކްޗަރު ނަގައި ދިނުމަކީ އޭނާއަކަށް އާ ކަމަކަށް ނުވިއެވެ. ޔޭލް އިން ކޯސް ނިންމުމަށްފަހު އެތަނުގައި އޭނާ އެތައް ކުލާހެއް ނަގައިދިނެވެ. އަދި އެތަނުން ނިއު ޔޯކަށް ބަދަލުވުމަށްފަހު ވެސް ލެކްޗަރު ކުރުން ހުއްޓައެއް ނުލައެވެ. ކޮލަމްބިއާ ޔުނިވަރސިޓީން ހިންގާ ހިއުމަން ޑިވެލޮޕްމަންޓް ސެމިނާރު ތަކުގައި ބައިވެރި ވުމުގެ ތެރެއިން އޭނާގެ ޝައުގުވެރިކަން އިގްތިސާދުގެ ދާއިރާއަށް ހުއްޓުނެވެ.
ޕާކިސްތާނަށް އެނބުރި އައިސް އެފަދަ ސެމިނާރު ތަކުގައި ބައިވެރިވާން ފެށިއެވެ. އިގްތިސާދު އަދި އިންސާނީ ތަރައްގީ އަކީ އޭނާގެ ހިމޭންކަން ނަގާލާ ދެ މައުޟޫއެވެ. އެއީ އޭނާގެ ހިތާއި ގުޅިފައިވާ ދެ މައުޟޫއެވެ. އަދި އެފަދަ ސެމިނާރުތަކުގައި އޭނާ ނަަގައިދޭ ސެޝަންތަކަަށް އާދަޔާ ޚިލާފު ތަރުހީބެއް ލިބެއެވެ.
ކޮންމެ މަހަކު އެއް ހަފްތާ ބަންދު އޭނާ ހޭދަކުރަމުން ދިޔައީ އޭނާ ބިނާކުރި ސްކޫލް ހުންނަ ރަށުގައެވެ. އެތަނުގައި އުޅެން ފެށިފަހުން އޭނާެ ހަޔާތަށް އާ ކަންކަން ތައާރަފްވާން ފެށިއެވެ.
"ބިން މަތީގައި އަޅާފައި އޮންނަ ދޫލައިގެ ދަށަށް ހިރަފުސް ކަހައިލާހެން، ރަށްފުށުގެ ފަގީރުކަން ވެސް އޮންނަނީ ހަމަލޮލަށް ފޮރުވާފައި." ސްކޫލް އިމާރާތް ކުރަމުން ދިޔައިރު އެއްދުވަހަކު ފުރްގާން ބުންޏެވެ. ރަށުގައި ހޭދަކުރާ ދުވަސްދުވަހު އެ އަނދިރި ހަގީގަތް އޭނާއަށް އިހުސާސް ކުރެވެން ފެށިއެވެ. އޭނާއަށް ޕާކިސްތާނުގެ ފަގީރުކަން އޮތްކަން ނޭނގެނީއެއް ނޫނެވެ. އޭޝިއާގެ ގައުމުތަކުގައި ހުންނަ ޔުނިސެފާއި ޔުނެސްކޯގެ އޮފީސްތަކާއެކު ކުރަން ޖެހުނު މަސައްކަތުގެ ތެރޭގައި ޕާކިސްތާނާއި ބެހޭ އެތައް ރިޕޯޓެއް އޭނާ ވަނީ ކިޔާފައެވެ. އެހެންނަމަވެސް އެރަށުގައި ދުވަސްތައް ހޭދަކުރަން ފެށުމުން ރައްޔިތުން އުޅޭ ފަގީރު ހާލު ފުރަތަމަ ފަހަރަށް ހަމަ ލޮލަށް ފެންނަން ފެށިއެވެ.
(ނުނިމޭ)