ޒުވާނުންނަށް އަމާޒުކޮށްގެން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އާއި މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް ގުޅިގެން ހިންގި ލީޑަރޝިޕް ޑިވެލޮޕްމަންޓް ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު މިއަދު ހަވީރު ގިރިފުށީގައި ބާއްވައިފި އެވެ.
މި ޕްރޮގްރާމް ނިންމުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ޔޫތް އެންޑް ސްޕޯޓްސް އަލްފާޟިލާ އިރުތިޝާމް އާދަމްއެވެ. މިއަދު ގިރިފުށީގައި ކުރިއަށް ދިޔަ މި ރަސްމިއްޔާތުގައި މިފަދަ ޕްރޮގްރާމެއް މިހާ ފުރިހަމަށް ގެންދިއުމުގައި އެމްއެންޑީއެފްގެ ފަރާތުން ކޮށްފައިވާ މަސައްކަތް ފާހަގަކޮށް ޔޫތް މިނިސްޓަރ ވަނީ އެމްއެންޑީއެފްއަށް ޝުކުރު ދަންނަވާފައެވެ.
މި ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި ޕްރޮގްރާމް ފުރިހަމަ ކުރެއްވި ފަރާތްތަކަށް ވަނީ ހަނދާނީ ލިޔުން ހަވާލުކޮށްދެއްވާފައެވެ. މި ފަރާތްތަކަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ އެމްއެންޑީއެފް ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒްގެ ކޮމާންޑިންގ އޮފިސަރ ކާނަލް ވައިސް ވަހީދެވެ.
މީގެ އިތުރުން މި ރަސްމިއްޔާތުގަައި އިންޑިވިޖުއަލް ވަނަތަކެއް ވަނީ ދީފައެވެ. މިގޮތުން "ޝައިނިންގ ސްޓަރ" ގެ ނަމުގައި ޕްރޮގްރާމްގެ ފަސް ބައިވެރިންނަށް ވަނީ ހަނދާނީ ފިލައާއި ލިޔުން ހަވާލުކޮށްފައެވެ. އަދި ލީޑަރސް ރިއެކްޝަން ކޯސް 1 ވަނަ ސްކޮޑާއި އޮބްސްޓެކަލް ކޯސް އެއްވަނަ ޕްލެޓޫން އާއި ބެސްޓް ޕްލެޓޫން ވެސް ވަނީ ހޮވާފައެވެ. މި ފަރާތްތަކަށް ހަނދާނީ ފިލައާއި ލިޔުން ހަވާލުކޮށްދެއްވީ ޔޫތް މިނިސްޓަރ އަލްފާޟިލާ އިރުތިޝާމް އާދަމްއެވެ.
"ޝައިނިންގ ސްޓާރ" އަށް ހޮވިފައިވާ ފަސްބައިވެރިންނަކީ ގާނިމް ހައްސާން އާއި އަޙުމަދު ސާދިމް ޖަލީލް އާއި މަރިޔަމް ޝަރުފާ އާއި އަބްދުﷲ އަރުހަމް އަދި ފާތުމަތް ކިރަން އެވެ.
ލީޑަރސް ރިއެކްޝަން ކޯސް 1 ވަނަ ސްކޮޑަކަށް ހޮވިފައިވަނީ ޓެންގޯ ޕްލެޓޫން 2 ވަނަ ސްކޮޑެވެ.
އޮބްސްޓެކަލް ކޯސް 1 ވަނަ ޕްލެޓޫން އަށް ހޮވިފައިވަނީ ޓެންގޯ ޕްލެޓޫނެވެ. އަދި ބެސްޓް ޕްލެޓޫންގެ ގޮތުގައި ހޮވިފައިވަނީ ވެސް ޓެންގޯ ޕްލެޓޫނެވެ.
ޝައިނިންގ ސްޓަރ އެވޯޑަކީ ޕްރޮގްރާމްގައި އެންމެ ރަނގަޅަށް މަސައްކަތްކުރި އަދި އެންމެ ހިއްވަރު ކުރި ފަރާތްތަކަށް ދެވޭ އެވޯޑެކެވެ.
މިމަހު 3 ވަނަ ދުވަހުން ފެށިގެން މިއަދުގެ ނިޔަލަށް ކުރިއަށްގެންދެވުނު މި ޕްރޮގްރާމްގައި ޖުމްލަ 35 ބައިވެރިއަކު ބައިވެރިވެފައިވެއެވެ. މީގެ ތެރޭގައި ސަރުކާރުގެ ވުޒާރާތަކުންނާއި ބައެއް އޮފީސް ކުންފުނިތަކުން 20 ފިރިހެން ބައިވެރިއަކާއި 15 އަންހެން ބައިވެރިއަކު ވަނީ ބައިވެރިވެފައެވެ.
މި ޕްރޮގްރާމްގެ މައިގަނޑު މަޤްސަދަކީ، އިސްލާމީ ރިވެތި އުޞޫލުތައް ދަސްކޮށްދިނުމާއި ބައިވެރިންގެ ހިތްތަކުގައި ޤައުމީ ލޯތްބާއި ޤައުމީ ރޫޙު އަށަގެންނެވުމާއި ލީޑަރޝިޕް ހުނަރު އިތުރަށް ތަރައްޤީ ކުރުމުގެ ފުރުޞަތު ހޯދައިދިނުމާއި ހަރުދަނާ ނަފުސެއް ބިނާކުރަން ދަސްކޮށްދިނުމެވެ.
މީގެއިތުރުން މި ޕްރޮގްރާމްގައި ނަފުސަށް އިތުބާރު ކުރަން ދަސްކޮށްދިނުމާއި ހަރުދަނާ ނަފުސެއް ބިނާކުރާނެ ގޮތްތަކާއި، ލައިފް ސްކިލްސް ޓްރެއިނިންގ އާއި ފަޔަރ ފައިޓިންގ އަދި ބޭސިކް ފަސްޓްއެއިޑް ކިޔަވައިދެވިފައިވެއެވެ.
އެމްއެންޑީއެފްއާއި ޔޫތު މިނިސްޓްރީ ގުޅިގެން ހިންގާ ޔޫތު ލީޑަރޝިޕް ޑިވެލޮޕްމަންޓް ޕްރޮގްރާމްގައި ކިޔަވައިދެއްވީ އެމްއެންޑީއެފްގެ ތަޖުރިބާކާރު މުދައްރިބުންނެވެ.
މި ރަސްމިއްޔާތުގައި އެމްއެންޑީއެފްގެ ފަރާތުން އެމްއެންޑީއެފް ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީސްގެ ކޮމާންޑިންގ އޮފިސަރ ކާނަލް ވައިސް ވަހީދާއި ސިފައިންގެ ވެލްފެއާ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މޭޖަރ އަޙްމަދު ޒުބައިރު އާއި ލީޑަރޝިޕް ކޭމްޕްގެ ކޮމާންޑަރ ކެޕްޓަން އިބްރާހިމް ޝާހިދްގެ އިތުރުން ސިފައިންގެ ބައެއް އޮފިސަރުން ނާއި ޔޫތް މިނިސްޓްރީގެ ބައެއް އިސްވެރިން ބައިވެރިވެފައެވެ.