އެމްއެންޑީއެފްގެ ފަޔަރފައިޓަރުންގެ މަސައްކަތާއި ހިތްވަރަށް ސާބަސް

މިދިޔަ ހުކުރުދުވަހުގެރޭ މާލޭގައި ހިނގި އަލިފާނުގެ ނުރައްކާތެރި ޙާދިސާގައި ދިވެހި ސިފައިންގެ ފަޔަރފައިޓަރުންވަނީ 6 މީހުން ސަލާމަތް ކޮށްފައެވެ. އަނދައަނދައިހުރި އަލިފާނުގެ ތެރެއަށް ވަދެގެންނެވެ.

އެމީހުން އެތަނަށް ވަނީ ޒަމާނީ އާލާތްތައް ބޭނުން ކޮށްގެންނެވެ. ފިސާރި ތައްޔާރުވެގެންނެވެ. އެހެންމަވެސް އެމީހުން ބޭނުންކުރި ސާމާނަކީ ވެސް ވަކިވަރަކަށް ހޫނުވުމުން ހުޅުހިފާ އެއްޗެއްސެވެ. އާދައިގެ ބަހުން ބުނާ ކަމަށްވާނަމަ އެމީހުން ލައިގެން ތިބޭ ކޯޓާއި އަޅައިފައިވާ މާސްކާއި އެހެން ސާމާނަކީ ވެސް ހުޅުހިފާ ސާމާނެއެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި 15 ވަރަކަށް މިނިޓު އަލިފާނުގައި އުޅޭއިރު އޭގައި އަލިފާން ހިފާނެއެވެ.

ރޯވެފައިވާ ގެއަށް ސިފައިންގެ ފަޔަރފައިޓަރުން ވަދެ 6 މީހުން ސަލާމަތްކޮށްފައިވަނީ ދެ ފަހަރު މަތީންނެވެ. ސަލާމަތްކުރި މީހުގެ ތެރޭގައި ކުޑަކުއްޖަކު ވެސް ހިމެނެއެވެ. ސިފައިންގެ ފަޔަރ އެންޑް ރެސްކިއު ސަރވިސްގައި މަސައްކަތްކުރާ ސިފައިންނަކީ އެކަމަށް ފުރިހަމައަށް ތަމްރީނުވެފައިވާ ކުޅަދާނަ ބައެކެވެ. ކިތަންމެ ވަރުގަދަ ތަމްރީންތަކެއް ލިބިފައިވީނަމަވެސް ގޮތްނޭނގޭ އަލިފާންގަނޑެއްގެ ތެރެއަށް ޖެހިލުމެއްނެތި ވަންނަން ކެރޭނީ ހިތާއި ސިކުނޑި އެކަމަށް ވަރަށް ބޮޑަށް ތައްޔާރުވެފައި ހުރެގެންނެވެ. "އަޅުގަނޑުމެން މަސައްކަތް ކުރަނީ  އިންސާނިއްޔަތަށްޓަކައި. އަލިފާނުގެ ތެރޭގައި މީހަކު ވެއްޖެ ކަމަށް ވާނަމަ އެއްވެސް ޖެހިލުމެއްނެތި އަމިއްލަ ފުރާނައަށް ވެސް ބެލުމެއްނެތި ވަންނަ ހިތުން އަލިފާނުގެ ތެރެއަށް ވަންނާނަން. މީހެއްގެ ފުރާނަ ސަލާމަތް ކުރުމަކީ ލިބޭ ވަރަށްބޮޑު އުފަލެއް. އަޅުގަނޑުމެންގެ ފުރާނައަށްވުރެ އެހެން މީހުންގެ ފުރާނަ ސަލާމަތް ކުރުމަށް އަބަދުވެސް އިސްކަންދޭނަން. މިއީ އަޅުގަނޑުމެން ތަމްރީން ވެފައިވާ ގޮތް" ސިފައިންގޭގައި އަލިފާން ނިއްވުމުގެ މަސައްކަތް ކުރާތާ 19 އަހަރު ވެފައިވާ މީހަކު ބުންޏެވެ. މިއީ ފަޔަރުގައި މަސައްކަތްކުރާ 5 މީހަކާ ވާހަކަ ދެއްކުމުން ވެސް ދިން ޖަވާބެވެ.

އަލިފާންގަނޑު ކޮންޓްރޯލް ކުރެވުމުގެ ކުރިން. ފޮޓޯ: ސޯޝަލްމީޑިއާ

"އަލިފާން ރޯވެފައި ހުރެމެ ބަޔަކު އެތެރޭގައި ތާށިވެފައި ތިބި ކަމަށްވާނަމަ އެމީހުން ސަލާމަތް ކުރުމަށް އެތަނަށް ވަންނަން ކެތް މަދުވެފައިތިބެނީ. އޭރު އަމިއްލަ ފުރާނައާއި އަމިއްލަ ޢާއިލާގެ މަތިން ވެސް ހަނދާން ނުހުރެއޭ ބުންޏަސް ދޮގަކަށް ނުވާނެ" އެތަނުން އެކަކު ބުންޏެވެ. އެވަގުތުގައި އެންމެންވެސް ތިބެނީ ވަރަށް ފޯރީގައި ކަމަށް އެމީހުން ބުންޏެވެ.

ފަޔަރފައިޓަރުން ކިތަންމެ ފޯރީގައި ތިބެ ރައްޔިތުންނަށް އެހީވިޔަސް މިދާއިރާ ރާއްޖޭގައި ކުރިއަރާފައިވާ މިންވަރާ މެދު ސުވާލު ވެސް އުފެދެއެވެ. ރާއްޖޭގައި ރައްޔިތުންގެ ދިރިއުޅުމަށް އައިސްފައިވާ ފުދުންތެރިކަމާ ޒަމާނަށް އައިސްފައިވާ ބަދަލާ، އުމްރާނީގޮތުން ޤައުމަށް އައިސްފައިވާ ކުރިއެރުމާއެކު އުސް އިމާރާތްތައް މިވަނީ އިތުރުވެގެން ގޮސްފައެވެ.

މާލޭގައި 25 ބުރީގެ ޢިމާރާތެއް އެބަހުއްޓެވެ. އެތަނުގައި އަލިފާނުގެ ޙާދިސާއެއް ހިނގައިނަމަ ހަދާނެ ގޮތެއް ވެސް އޮންނަވާނެތާއެވެ. އިމާރާތްތައް ފަރުމާކުރާއިރު އަލިފާނުގެ ހާދިސާއަކުން ސަލާމަތްވެވޭނެ ގޮތްތަކެއް ހިމެނިފައިވާން ޖެހެއެވެ. އެހެން ވާން ޖެހެނީ ރައްޔިތުންގެ މުދަލާއި ފުރާނަ ސަލާމަތްކުރުމުގައި އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކަށް ސިފައިންގެ ޚިދުމަތް ފޯރުކޮށްދިނުމުގައި ތަފާތު ގޮންޖެހުންތައް ކުރިމަތިވަމުން ދާތީއެވެ. ޖުމުލަކޮށް ދަންނަވާނަމަ 15 ބުރިއަށްވުރެ އުސް ޢިމާރާތެއްގައި ރޯވެއްޖެއްޔާ ސިފައިން ވެސް ޖެހޭނީ ބަލަންތިބޭށެވެ. އެހެންކަމުން ފަޔަރ އެންޑް ރެސްކިއު ސާވިސަސްގައި ބޭނުންކުރާ ހުރިހާ ސާމާނެއް ތަރައްޤީވާން ޖެހެއެވެ. އަޕްޑޭޓްވާން ޖެހެއެވެ.

ހިތްހަމަޖެހުމަކީ އަދި އިތުބާރަކީ ކެރޭ، ހިތްވަރުގަދަ، އޯގާތެރި ޓީމެއް އޮތުމެވެ. މާލޭގައި ހިނގި އަލިފާނުގެ ޙާދިސާގައި ފުރާނަ އަތްމައްޗަށް ލައިގެން މަސައްކަތްކުރި ސިފައިންނާއި ފުލުހުންނާއި ޢާއްމުންނަށް ސާބަސް ހުއްޓެވެ. ފަހުގެ ތާރީޚުގައި ފަވައިލެވުނު އެ ޚިދުމަތަށް، ހިތްތައްވަނީ ޝުކުރުން ފުރިފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.