ގިރިފުށީގައި ޓްރޭނިން ހަދަމުންދިޔަ ސިފައިންގެ ބޭކަލަކު މިއަދު ކުއްލިގޮތަކަށް ނިޔާވެއްޖެއެވެ.
އެމްއެންޑީއެފުން ވިދާޅުވީ ގިރިފުށި ޓްރޭނިން ސެންޓަރުގައި ޓުރެއިނިން ހައްދަވަމުން ގެންދަވަނިކޮށް މިއަދު ހެނދުނު ނިޔާވެފައި ވަނީ އެމްއެންޑީއެފްގެ މެރިން ޑިޕްލޮއިމަންޓް ޔުނިޓް (އެމްޑީޔޫ) 2 ގައި މަސައްކަތް ކުރައްވާ ސްޓާފް ސާޖަންޓް ޢަލީ ރިޔާޒެވެ. އޭނާ ވަނީ ހުޅުމާލޭގައި މިއަދުއޮތް ބީއެފްޓީ ޓެސްޓެއް ވެސް ހަދައިފައެވެ. އަދި "ހެނދުނު އެނބުރި ގިރިފުއްޓަށް ގޮސް، ބަނޑަށް ވައިގެ އުނދަގޫތަކެއް ވާކަމަށް ކައިރީގައި ހުރި ދަރިވަރަކު ކައިރީގައި ބުނިތަނާހެން ގައިން ވަރުދޫވެގެން ވެއްޓުނެވެ. ވަގުތުން އިމަޖެންސީގައި ސްޓާފް ސާޖަންޓް ރިޔާޒް މާލެ ގެނެވި އޭޑީކޭ ހޮސްޕިޓަލަށް ވަނީ ގެންދެވިފައެވެ." އެމްއެންޑީއެފުން ވިދާޅުވިއެވެ. ރިޔާޒަކީ ދ. ކުޑަހުވަދުއަށް އުފަން ބޭކަލެކެވެ.
އޭނާ ސިފައިންގެ ޚިދުމަތާ ގުޅިލައްވާފައި ވަނީ 2003 ފެބްރުވަރީ 18 ވަނަ ދުވަހުގައެވެ. ސިފައިންގެ ޚިދުމަތުގައި ސްޓާފް ސާޖަންޓް ޢަލީ ރިޔާޒް ހޭދަކުރެއްވި 16 އަހަރާއި 7 މަހާއި 17 ދުވަހެވެ. އެ މުއްދަތުގައި އޭނާއަށްވަނީ މިނިވަން ފަންސާހުގެ މެޑަލް، ސާރކް ސަމިޓް މެޑަލް، ސިފައިންގެ ޚިދުމަތުގެ ކުލަ، ދިގު މުއްދަތެއްގައި ޚިދުމަތްކުރުމުގެ ކުލަ އަދި ހުނަރުވެރިކަމުގެ ކުލަ އާއި އަޚްލާޤީ ކުލަ 3 ވަނަ ފަހަރަށް ލިބިފައެވެ. އުމުރުން 36 އަހަރުގެ ސްޓާފް ސާޖަންޓް ޢަލީ ރިޔާޒަކީ އެމްއެންޑީއެފްގެ ތަމްރީނު މަރުކަޒުތަކުގައި ސިފައިން ތަމްރީނު ކުރުމުގައި އެތަކެއް މަސައްކަތްތަކެއް ކުރައްވާފައިވާ މުދައްރިބެއް ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.
ޢަލީ ރިޔާޒް ނިޔާވިއިރު އެންސީއޯ އެކަޑަމީގައި ހިންގަމުންދިޔަ "އެންސީއޯ ކެރިއަރ ކޯސް" ދިޔައީ ފުރިހަމަ ކުރައްވަމުންނެވެ. ސްޓާފް ސާޖަންޓް ޢަލީ ރިޔާޒް ފުރިހަމަ ކުރައްވާފައިވާ ކޯސްތަކުގެ ތެރޭގައި 43 ވަނަ އަސާސީ ތަމްރީނު ކޯސް، ސްޕެޝަލް ޓާސްކް ފޯސް ޓްރޭނިންގ (އެސްޓީއެފް)، އެންސީއޯ ކާޑަރ ކޯސް، ވެޕަން އިންސްޓްރަކްޓަރ ކޯސް، ވެޕަން އިންސްޓްރަކްޓަރ ރިފްރެޝަރ ކޯސް، ސާޖަންޓް ކޯސް ހިމެނެވެ. މީގެ އިތުރުން އިންޑިއާއިން ޖޫނިއަރ ކޮމްބެޓް ލީޑަރ ކޯސް ވެސް ވަނީ ފުރިހަމަ ކުރައްވާފައެވެ.
ސްޓާފް ސާޖަންޓް ޢަލީ ރިޔާޒް މިއަދު ނިޔާވިއިރު އަންބަކާއި 13 އަހަރުގެ ފިރިހެންކުއްޖަކު ހުއްޓެވެ. ސްޓާފް ސާޖަންޓް ޢަލީ ރިޔާޒް މޫނު ދެއްކުން އޮންނާނީ އާ ސަހަރާގައި މިއަދު މެންދުރުފަހު 14:30 އިން ފެށިގެންނެވެ. އަދި މި މަރުޙޫމްގެ ކަށުނަމާދު އޮންނާނީ މިއަދުގެ މަޣްރިބު ނަމާދަށްފަހުގައި އިސްލާމީ މަރުކަޒުގައި ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.