ބިދޭސީން އުޅޭތަންތަނާއި ކައްކައި ކާންދޭ ތަންތަން ބަލަން ފަށައިފި

މާލެ ސިޓީގައި، ބިދޭސީން ދިރިއުޅޭ ތަންތަނާއި ބިދޭސީންނަށް ކައްކާ ކާންދިނުމުގެ ޚިދުމަތްދޭ ތަންތަން ބަލައި ފާސްކުރުމުގެ އޮޕަރޭޝަނެއް އެމްއެންޑީއެފުން މިއަދު ފަށައިފިއެވެ.

މިއީ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސް (އެފްއާރުއެސް) އިން ސިލްސިލާކޮށް ހިންގާ އޮޕަރޭޝަނެކެވެ. މިފަހަރުގެ އޮޕަރޭޝަން ކުރިއަށް ގެންދަނީ "އޮޕަރޭޝަން ހިރާސް ފާސް 2018" ގެ ނަމުގައެވެ. މިއޮޕަރޭޝަން ޚާއްސަ ކުރަނީ އެކިފަހަރު އެކިދިމަދިމާއަށެވެ.

ބަލާ ފާސްކުރުމުގެ އޮޕަރޭޝަންގައި އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅިފައިހުރީ ކިހާ މިންވަރަކަށްތޯ ބެލުމާއި އަލިފާނުން ރައްކާތެރިކޮށްދޭ ނިޒާމް ހުރިތޯ ބަލައި، އެ ތަކެތީގެ ހާލަތު ދެނެގަނެ، އަލިފާން ނިއްވުމަށް ބޭނުންކުރާ އާލާތްތަކުގެ ފެންވަރު ހުރީ ކިހާ މިންވަރަކަށްތޯ ބެލުމުގެ އިތުރުން އިމާރާތާއި ބެހޭ މުހިންމު މަޢުލޫމާތުތައް ބެލުމަށް އެތަންތަން ސަރވޭ ކުރުމަށް ހަމަޖެހިފައިވާ ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.

ކަޅުތުއްކަލާ ކޮށީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި އޮޕަރޭޝަން ފަށްޓަވައިދެއްވީ މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު ޒުހައިރެވެ.

މިރަސްމިއްޔާތުގައި ސްޓޭޓް މިނިސްޓަރ ޒުހައިރު ވަނީ އެފްއާރުއެސް އިން ހަރަކާތްތެރިވި އަލިފާނުގެ ބޮޑެތި ބައެއް ހާދިސާތަކުގައި އެފްއާރުއެސްގެ ސިފައިން ކުރައްވާ ހުނަރުވެރި ބުރަ މަސައްކަތް ވަރަށް ގާތުން ދެކެވަޑައިގެންނެވިކަމަށް ވިދާޅުވެ އެމަސައްކަތްތަކަށް ތަޢުރީފުކުރައްވައި ވާހަކަފުޅު ދައްކަވައިފައެވެ. އަދި އެފްއާރުއެސް ރައްޔިތުންނަށް ފޯރުކޮށްދެއްވަމުންގެންދަވާ އަވަސް ޚިދުމަތާ ބެހޭގޮތުންވެސް އޭނާ ވާހަކަ ދެއްކެވިއެވެ.

އޮޕަރޭޝަން ފެށުމުގެގޮތުން މިއަދު ބޭއްވި ރަސްމިއްޔާތުގައި އެފްއާރުއެސްގެ އިސް އޮފިސަރުންނާއި ގިނައަދަދެއްގެ ސިފައިން ވަނީ ބައިވެރިވެލައްވާފައި ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.

 

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.