ބުޅާތައް ހިފައި ކައުންސިލާ ޙަވާލުކުރަން އެންގީ އެހެން ގޮތެއްނެތިގެން: ނާސިރު

ބުޅާތައް ހިފައިގެން އައިސް ކައުންސިލާ ޙަވާލު ކުރުމަށް ކައުންސިލުން އެންގީ އެހެން ގޮތެއް ނެތިގެބް ކަމަށް ރ. އުނގޫފާރު ކައުންސިލްގެ ރައީސް ޢަބްދުއްނާސިރު ޢަލީ ވިދާޅުވެއްޖެއެވެ.

އާފަތިހަށް މަޢުލޫމާތު ދެއްވަމުންއޭނާ ވިދާޅުވީ ކައުންސިލުގެ ޤަރާރަކުން ނިންމެވީ ކައުންސިލަށް ގެންނަ ކޮންމެ ތިން ބުޅަލަކަށް ސަތޭކަ ރުފިޔާ ދިނުމަށް ކަމަށެވެ. އެގޮތަށް އެކަން ކުރަން ނިންމުމުގެކުރިން އެރަށުގައި ބުޅާގެންގުޅޭ މީހުންގެ ސަމާލު ކަމަށް އެކަން ގެނެސް އެމީހަކު ގެންގުޅޭ ބުޅަލެއްގެ ފަރާތުން އެހެން މީހުންނަށް އުނދަގޫ ނުވާނޭހެން ގެންގުޅުމަށް އެންގި ކަމަށެވެ. އެގޮތަށް އެންގުމުން ބުޅާ ގެންގުޅޭ އެކަކުވެސް އެރަށުގައި ހުރި ކަމަށް ނުވިއެވެ. "އަޅުގަނޑުމެން އެންގިން ބުޅާ ގެންގުޅޭ މީހުން އެހެން މީހުންނަށް އޭގެސަބަބުން އުނދަގޫ ނުވާގޮތަށް ބަންދުކޮށްގެން ގެންގުޅެން. އެހެންނަމަވެސް އެންމެފަހު ވަގުތު ބުޅާގެންގުޅޭބަޔަކު އެރަށުގައި ތިބިކަމަށްނުވި. ދެން އަޅުގަނޑުމެން ނިންމީ އެހެން މީހުންގެ ގޭގެއަށް ގޮސް އުދަގޫކޮށް އުޅޭނީ ވަލު ބުޅާކަމަށް. އެގޮތަށް ނިންމައިގެން ބުޅާ ހިފައިގެން ގެނައުމުގެ ގަރާރެއް ފާސްކުރީ،" ނާސިރު ވިދާޅުވިއެވެ.

ބުޅާ ހިފައިގެން ކައުންސިލަށް ގެންނަން ނިންމެވީ ރަށުތެރޭގައި ބުޅާ ގިނަވެ ޢާއްމުނަނަށް އުޅެން ދަތިވެގެން ކަމަށް އޭނާ ވިދާޅުވިއެވެ. ގޭގެ ފުރާޅުމައްޗަށް އަރައި ނަޖިސް ކުރުމާއި، ޑަސްބިން ވައްޓައިގެން ހޭވުމާއި ފެންތާނގީ މައްޗަށް އަރުންފަދަ އެތައްކަމެއް ކުރިމަތިވާން ފެށުމުން އާޢްމުންގެ ޝަކުވާތައް ވެސް އިންތިހާއަށް އަންނަން ފެށި ކަމަށް އޭނާ ވިދާޅުވިއެވެ. "ހިފައިގެން ގެންނަ ބުޅާތައް އެކަތިފަހަރުން ޖަހައި މަރާގޮތަށް އަޅުގަނޑުމެން ވިސްނުންހުރީ. އެއީ އޭގެ އުދަގޫ އިންތިހާއަށް ބޮޑުވެ އެހެން ގޮތެއްނެތިގެން ކުރަން ނިންމިކަމެއް،" ނާސިރު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މިދުވަސްވަރަކީ ވާރޭވެހޭ ދުވަސްވަރަކަށްވުމުން ފުރާޅުން ފެންނަގާއިރު ބުޅަލުގެ ނަޖިސް އެތެރެހައްޓަށްގޮސް ބަލިޖެހުމުގެ ފުރުސަތުވެސް އޮންނާނެ ކަމަށެވެ.

އެހެންނަމަވެސް އެގޮތަށް ޢަމަލުކުރަން ފެށުމާއެކު އެލްޖީއޭއާއި ރައީސް އޮފީހާއި ބައެއް މިނިސްޓަރުން ވެސް ގުޅުއްވައި އެކަން އެގޮތަށްކުރުން ހުއްޓާލުމަށް އަންގަމުންދިޔަ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެއީ ޤާނޫނީ ކުށެއްކަން ހަނދާން ކޮށްދެމުން ގެންދިޔަ ކަމަށް އޭނާ ވިދާޅުވިއެވެ. "ދައުލަތުން އެހާވަރަށް ކަންބޮޑުވުން ފާޅުކުރުމުން އަޅުގަނޑުމެން ވަނީ ގަރާރު ބާތިލްކޮށް އެކަން ހުއްޓާލާފައި،" ނާސިރު ވިދާޅުވިއެވެ. އެގޮތަށް ކަންތައް ކުރުމުންވެސް ބައެއް ޢާއްމުންގެ ފަރާތުން ޝަކުވާއަންނަން ފެށި ކަމަށް ނާސިރު ވިދާޅުވިއެވެ. ބުޅަލުގެ އުދަގޫ ކިތަންމެ ބޮޑުވިޔަސް ސަރުކާރަށް ކައުންސިލަށް ދެންކުރެވޭނެ ކަމެއްނެތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.