ފާނޫޒު - 67

(2 އޮކްޓޯބަރު 2019ގައި ޝާއިއުކުރި ބަޔާ ގުޅޭ)

"ކިހިނެއްވީ؟" ޖަވާބުގައި ސާލާރް އެ ސުވާލު ތަކުރާރު ކުރިއެވެ.

"މަށެއްނު މި އަހަނީ، ކިހިނެއްވީ؟" ފުރްގާން އޭނާ އާ ޖެހިގެން އިން ސޯފާގައި އިށީންނަމުން އެހިއެވެ.

"ކަމެއް ނުވޭ."

"ގޭގެ ހުރިހާ ކަމެއް ރަގަނޅުތަ؟"

"އާނ..."

"ދެން... ދެން ކިހިނެއްވެފަ ތީނީ؟ ބޮލުގައި ރިއްސަނީތަ؟ މައިގްރެއިންތަ؟"

ފުރްގާނަށް އޭނާގެ މޫނަށް އަރައިފައިބަމުން ދިޔަ ކުލަވަރު ފެނެއެވެ.

"ނޫން..." މިފަހަރު ސާލާރް ހިނިތުންވާކަށް މަސައްކަތެއް ނުކުރެއެވެ. ބޭނުމެއް ވެސް ނެތީމައެވެ. އޭނާ ދެ ލޯ ފޮހެލިއެވެ.

"ދެން، ކިހިނެއްވީ؟ ދެ ލޯ ވެސް ރަތްވެފަ."

"އަހަރެން ރޭގާ އެއްގޮތަކަށް ވެސް ނުނިދަން. މިކޮޅަށް އައީ ރޭ." ސާލާރް ބުންޏެވެ.

"އެޕާޓްމަންޓަށް އައިސް ނުނިދީ ކީއްވެ؟ ހެނދުނު ކީއްކުރީ؟" ފުރްގާން އެހިއެވެ.

"ކަމެއް ނުކުރަން."

"ކީއްވެ ނުނިދީ؟"

"ނިދަން އުޅެއުޅެ ނުނިދުނު..."

"ބޭސް ކައިގެން ނިދާ މީހަކަށް ކީއްވެ ނުނިދޭންވީ؟" ފުރްގާން އަނެއްކާވެސް އެހިއެވެ.

"މިއަދު ބޭސް ކާން ބޭނުން ނުވީ. ނިދަން ބޭނުން ނުވީއޭ ވެސް ބުނެވިދާނެ."

"އެއްޗެއް ކައިގެންތަ ތިހިރީ؟"

"ނޫން، ބަނޑުހައެއް ނުވޭ..."

"މިހާރު ދޭއް ޖަހަނީ. އަހަރެން ގެއަށް ގޮސް އެއްޗެއް އެބަފޮނުވަން. ކައިގެން ނިދާލާ. ހަވީރު ބޭރަށް ދާނީ."

"ނޫން. ކާ އެއްޗެއް ފޮނުވާނެ ކަމެއް ނެތް. އަހަރެން މިއުޅެނީ ނިދަން. ހޭލައިގެން ބޭރަށް ގޮސް އެއްޗެއް ކައިލާނަން." އެހެން ބުނެފައި އޭނާ ސޯފާގައި އޮށޯވެ ލޯ މަތީގައި ދެ އަތް އެޅިއެވެ. އިރުކޮޅަކު އެތާ އިނދެފައި ފުރްގާން ގެއަށް ހިނގައްޖެއެވެ.

***

"ހާލު ރަނގަޅު ތަ؟" ސާލާރް ގެ ކެބިން އަށް ވަންނަމުން ރަމްޝާ އެހިއެވެ. ރިސެޕްޝަނަށް ދިޔައިރު އޭނާ އަށް ދޮރުފޮތިގަނޑުގެ ދޭތެރެއިން ސާލާރް މޭޒުގައި އުޅަނބޮށި ވިއްދައިގެން ބޮލުގައި ދެއަތުން ހިފަހައްޓައިގެން އިންތަން ފެނުނެވެ. ސާލާރް އަށް މައިގްރެއިން އެޓޭކް އަންނަކަން ރަމްޝާއަށް އެނގެއެވެ. އެހެންކަމުން ރިސެޕްޝަނަށް ނުގޮސް އޭނާ ސާލާރް ގެ ކެބިން އަށް ވަނެވެ.

ރަމްޝާ ފެނުމުން ސާލާރް މޭޒުމަތީގައި އޮތް ފައިލެއް ހުޅުވިއެވެ.

"ރަނގަޅު ތަ؟" ރަމްޝާ ކަންބޮޑުވެފައި އެހިއެވެ.

"އާނ، ވަރަށް ރަނގަޅު."

އޭނާ ރަމްޝާ އާ ދިމާއަށް ބަލައިވެސް ނުލައެވެ. ކެބިން އިން ނުކުތުމުގެ ބަދަލުގައި ރަމްޝާ ކުރިއަށް ޖެހިލިއެވެ.

"ރަނގަޅުހެނެއް ހިއެއް ނުވޭ." ސާލާރްގެ މޫނަށް ބަލަން ހުރެ އޭނާ ބުންޏެވެ.

"މި ފައިލް ބަލާބަލަ، އަހަންނަށް އުޅެއުޅެ މީގެ ތެރެއަކަށް ނުވަދެވުނު." ފައިލް ލައްޕާލާފައި ރަމްޝާ އާ ދިމާއަށް ޖައްސައިލަމުން ސާލާރް ބުންޏެވެ.

"އެންމެ ރަނގަޅު، އަހަރެން ތި މަސައްކަތް ނިންމައިލާނަން. ގެއަށް ދާންވީނުން." ރަމްޝާ ހުރީ ވަރަށް ކަންބޮޑުވެފައެވެ.

"އާނ. ގެއަށް ދިޔައިއްޔާ ކަން ނޭނގޭ ރަނގަޅުވާނީ" އޭނާ ބްރީފްކޭސް ހުޅުވާފައި ބްރީފްކޭހަށް އެއްޗެހި އެޅިއެވެ. ރަމްޝާ ފަރުވާތެރިކަމާއެކު ސާލާރަށް ބަލަން ހުއްޓެވެ.

***

ސާލާރަށް ގެއަށް އާދެވުނީ އެގާރަ ޖެހި އިރުއެވެ. އޭނާ މި ހާލެއްގައި އުޅޭތާ ހަތަރު ދުވަސްވީއެވެ. ކުއްލިއަކަށް ހުރިހާ ކަމެއްގެ މަތިން އޭނާ ފޫހިވެއްޖެއެވެ. ވަޒީފާ އާއި، ޔުނވަރސިޓީގައި ނަގައިދޭ ގަޑިއާއި، އަދި ޑރ. ސިބްތެ އަލީ އާއި ފުރްގާން، އަދި ސްކޫލާއި ކުރިއަށް ރާވާފައި ހުރި ހުރިހާ ކަމެއްގެ މަތިން ވެސް ފޫހިވިއެވެ.

ވަޒީފާ އާއި ހުރިހާ އެއްޗެއް ދޫކޮށްފައި އޭނަ ޕާކިސްތާނަށް އައީ ވަކި ކަމަކު އެވެ. މިހާރު އެކަން ހާސިލުވާނޭ ކަމުގެ އެއްވެސް އުއްމީދެއް ނެތެވެ. އޭނާގެ އުއްމީދުގައި ސިއްކަ ޖެހުމަކީ އެހެން ހުރިހާ ކަމެއްގެ ނިމުން ކަމަށް ވާނޭ ކަމަކަށް ސާލާރް ހިއެެއް ނުކުރެއެވެ. އެ ހާލަތުން އަރައިގަންނަން ކުރި ހުރިހާ މަސައްކަތެއް ވީ ނާކާމިޔާބެވެ.

އެހެން މީހެއްގެ އަތްނބެއްގެ ގޮތުގައި އިމާމާ އުޅޭކަމުގެ ޚިޔާލަކީ ހަށިވިއްކަން ރެޑްލައިޓު އޭރިއާގައި އުޅެނީއޭ ހިތަށް އެރުންހައި ހިތި، އަނިޔާވެރި ޚިޔާލެކެވެ.

އެ ހާލުގައި ހުރެ އޭނާ ޢުމްރާއަށް ދާން އޭނާ ނިންމިއެވެ. ހަޔާތަށް ވެރިވި އަނދިރި ކަމުން އަރައިގަނެ، ހިތަށް ފިނިކަމެއް ލިބޭން އޮތް ހަމައެކަނި ގޮތަކީ އެއީ އެވެ. 

އަށްވަނަ ބާބު 

އިޙްރާމް ބަނދެގެން ގޮސް ސާލާރް ހުއްޓީ ހުރީ ކަޢުބާގެ ކުރިމަތީގައެވެ. އެތަނުގައި އޭނާ ނޫން މީހަކު ނެތެވެ. ލޮލަށް ފެންނަ ހިސާބުގައި ވެސް މީހަކު ނެތެވެ. އެއީ އެރޭގެ މެންދަމުގެ ވަގުތެވެ. ސަންގުމަރުމަރު ހިލަ ޖަހާފައިވާ ތަޅުމުން ތަރިތަކާއި ހަނދުވަރުގެ އަލި ރިފެރިވެއެވެ. މުޅި މާހައުލު އޮތީ ކިރުކުލައިގައެވެ. ހަނދުވަރުގެ އަލި ނޫން އެހެން އަލިކަމެއް ނެތެވެ.

ކަޢުބާގެ އުރަކޮޅުގައި ޖަރީކޮށްފައިވާ އާޔަތުން އޭގެ ޒާތުގައި އަމިއްލަ ވިދުވަރެއް ފެންނަ ހެން ހީވެއެވެ. އެތަނަށް ވެރިވެފައި އޮތް ހިމޭކަން ނަގައިލީ އޭނާގެ އަމިއްލަ އަޑުންނެވެ. އޭނާ ހުއްޓިގެން ހުރީ މުލްތަޒިމްގެ ޖާގައިގައެވެ. ނަޒަރު ހުއްޓިފައި ހުރީ ކަޢުބާގެ ދޮރާއި ދިމާއަށެވެ. އެ ދިމާއަށް މައްޗަށް ބަލާފައި އޭނާ ބާރަށް ގޮވަން ފެށިއެވެ.

لَبَّيْكَ اللَّهُمَّ لَبَّيْكَ، لَبَّيْكَ لاَ شَرِيْكَ لَكَ لَبَّيْكَ، إِنَّ الْحَمْدَ وَالنِّعْمَةَ لَكَ وَالْمُلْكَ لاَشَرِيْكَ لَكَ

"މިއަޅާ އިބަރަސްކަލާނގެ ޙަޟްރަތަށް ރުޖޫޢަ ވެއްޖައީމެވެ. ހައްދަވައި ބޮޑުކުރެއްވި ރަސްކަލާނކޮ! މިއަޅާ އިބަރަސްކަލާނގެ ޙަޟްރަތަށް ރުޖޫޢަ ވެއްޖައީމެވެ. އިބަރަސްކަލާނގެއަށް ބައިވެރިޔަކު ނުވެއެވެ. މިއަޅާ އިބަރަސްކަލާނގެ ޙަޟްރަތަށް ރުޖޫޢަ ވެއްޖައީމެވެ. ހަމަކަށަވަރުން އެންމެހައި ރިވެތި ސަނާއަކާއި ބަރަކާތަކާއި ވެރިކަން ވަނީ އިބަރަސްކަލާނގެ ޙަޟްރަތަށް މިލްކުވެގެންނެވެ. އިބަރަސްކަލާނގެއީ ބައިވެރިޔަކު ނުވާ ރަސްކަލާނގެއެވެ."

އަޑުގެ ކޮޅަށް ސާލާރް ތަލްބިޔާ ކިޔަމުން ދިޔައެވެ. ގޯތިތެރޭގަޔާއި މަސްޖިދުލް ޙަރާމްގެ ހިނގާގޯޅިތަކުގައި އެއް އަޑަކަށް ހިފާފައި ހުރީ އޭނާގެ އަޑެވެ.

لَبَّيْكَ اللَّهُمَّ لَبَّيْكَ އެއީ އޭނާގެ އަޑެވެ. ހަށިގަނޑުގެ ދެބައިކުޅަ އެއްބައި ނިވައިކޮށްގެން އެތަނުގައި ކޮޅަށް ހުރިއިރު ސާލާރަށް އޭނާގެ އަޑު ރަނގަޅަށް ފާހަގަކުރެވުނެވެ.

لَبَّيْكَ اللَّهُمَّ لَبَّيْكَ އާނ. އެއީ ހަމަ އޭނާގެ އަޑެވެ... لاَ شَرِيْكَ لَكَ لَبَّيْكَ إِنَّ الْحَمْدَ وَالنِّعْمَةَ لَكَ وَالْمُلْكَ އޭނާގެ ލޮލުން ފައިބާ ކަރުނަ، ދެމޭ ކޯރެއްހެން ކޯތާފަތްމަތިން ގޮސް ފައިތިލައަށް ފައިބައެވެ. لاَشَرِيْكَ لَكَ

އޭނާ ދެއަތް އުފުލިއެވެ. لَبَّيْكَ اللَّهُمَّ لَبَّيْكَ

ކިސްވާގައި ލިޔެފައި އޮތް އާޔަތް މިހާރު ވަރަށް ސާފުކޮށް ފެނެއެވެ. އެ އާޔަތް މިހާރު ވަނީ ހަނދުވަރުގެ އައްޔާއެކު މާ ދުރަށް ދިއްލިފައެވެ. އޭނާ ކަޅިޖަހައިނުލައި އެ އާޔަތަށް ބަލަން ހުއްޓެވެ. ހިތު ދަސްކޮށްފައިވާ އެއްޗެއްހެން އޭނާ ތަލްބިޔާ ކިޔަމުން ދިޔައެވެ. ކަޢުބާގެ ދޮރު މަޑުމަޑުން ހުޅުވޭތަން އޭނާއަށް ފެނުނެވެ. ވަރަށް ލަސްލަހުންނެވެ. އެއާއެކު އޭނާ ގެ އަޑު ގަދަވިއެވެ. އެއްނޭވާއިން އޭނާ ތަލްބިޔާ ކިއެވެ.

لاَشَرِيْكَ لَكَ މި ފަހަރު އޭނާގެ އަޑުދަށުން އެހެން މީހަކު ވެސް ތަލްބިޔާ ކިޔާހެން ހީވިއެވެ.

إِنَّ الْحَمْدَ وَالنِّعْمَةَ لَكَ وَالْمُلْكَ އޭނާގެ އަޑަށް ވުރެ އެ އަޑު މާ މާޑެވެ. ހީވަނީ ވައި އަޑުން ކިޔާހެންނެވެ. އެއީ އެހެން މީހެއްގެ އަޑުކަން އެނގެއެވެ. ގެފުޅު އަރިހަށް އައިސް ހުރި އިރު ފުރަތަމަ ފަހަރަށް އެހެން މީހަކު އެތަނުގައި ހުރި ކަމުގެ އިހުސާސް ވިއެވެ.

لاَشَرِيْكَ لَكَ ކަޢުބާގެ ދޮރު ވަރަށް ބޮޑަށް ހުޅުވުނެވެ.

لَبَّيْكَ اللَّهُمَّ لَبَّيْكَ އެއީ އޭނާ ދަންނަ އަންހެނެއްގެ އަޑެވެ. އެ މީހާ އޭނާގެ އަޑު ދަށުން ތަލްބިޔާ ތަކުރާރުކުރަމުން ދިޔައެވެ. އެ އަޑު އަންނަނީ އޭނާގެ ފުރަގަހުން، ވާތް ފަރާތުންނެވެ. އެމީހަކު ހުރީ އޭނާއާއި ހަތަރު ފަސް ފިޔަވަޅެއް ކައިރީގައެވެ.

ސާލާރް އޭނާގެ ފައިތިލައަށް ބަަލައިލިއެވެ. މިހާރު ފައިތިލަ ހުރި މުޅިން ތެމިފައެވެ. ދެން އޭނާ ކަޢުބާ އަށް ބަލައިލިއެވެ. ދޮރު ހުރީ ހުޅުވިފައެވެ. އެތެރޭގައި އާދަޔާ ޚިލާފު ވިދުވަރެއް ހުއްޓެވެ. އޭނާ ސަޖިދައަށް ތިރިވިއެވެ. އޭނާގެ ނިތްކުރި ބިންމަތީގައި ޖެއްސިއެވެ. އެތަނަށް ވެރިވެފައި އޮތް އަލި ފަނޑުވާން ފެށުމުން އޭނާ ސަޖިދައިން ތެދުވިއެވެ. އެ އަލި އިތުރަށް ފަނޑުވިއެވެ. އޭނާ ކޮޅަށް ތެދުވިއިރު ކަޢުބާ ގެ ދޮރު ލެއްޕެނީއެވެ. އެ އަންހެން މީހާގެ އަޑު ވަރަށް ގާތުން އިވުނެވެ. އޭނާ ފަހަތަށް އެނބުރި ބަލައިިލިއެވެ.

***

ސާލާރަށް ހޭލެވުނު އިރު އޭނާ އިނީ ޙަރަމްފުޅުގެ ބޭރުގައި ހުރި ތަނބަކަށް ލެނގިލައިގެން އިށީނދެގެންނެވެ.

އެއީ އިމާމާ އެވެ. ޝައްކެއް ނެތެވެ. އޭނާގެ ފަހަތުގައި އިހްރާމް ބަނދެގެން ހުރީ އިމާމާ އެވެ. އޭނާއަށް އިމާމާ ފެނުނީ އެއްލި ކަޅިއަކުންނެވެ. އެކަމަކު ވެސް އެއީ އިމާމާކަން ޔަގީނެވެ. މީހުން ކޮޅުކޮޅުމައްޗަށް ދާތަން ފެނުމުން އޭނާގެ ހިތް ޖަޒުބާތުން ފުރިގެން ބަންޑުންވާން ކައިރިވެއްޖެއެވެ.

އަށް އަހަރު ފަހުން އޭނާއަށް އިމާމަ އެ ފެނުނީ ކަޢުބާގައި އިނދެ ލޮލަކަށް ޖެހުނު ވަގުތުއެވެ. އޭނާގެ ހިތުގައި ހުރި ޒަޚަމްތަކަށް އާރޯކަން ލިބުނު ފަދައެވެ. ސާލާރް އައިނު ނަގާފައި ދެއަތުން ކަރުނަ ފޮހެލިއެވެ. އިރުކޮޅަކުން އޭނާގެ ހިތަށް އެރިއެވެ. މިއީ ޙަރަމް ޝަރީފެވެ. މިތާނގައި ކަރުނަ ފޮރުވުމުގެ ބޭނުމެއް ނެތެވެ. މީހުން މިތަނަށް އަންނަނީ ހިތް ފުރެންދެން ރޯށެވެ. އޭނާ މޫނުމަތިން ދެއަތް ނެގިއެވެ. އަދި އިސްދަށަށް ޖަހައިގެން އިނދެ ހިތް ފުރެންދެން ރުއެވެ.

ސާލާރް ކޮންމެ އަހަރަކު ޢުމްްރާގެ އަޅުކަން އަދާކުރުމަށް މައްކާ އަށް ދެއެވެ. އަދި އިމާމާގެ ނަމުގައި އޭނާ ޠަވާފު ކުރެއެވެ. އިމާމާ ރައްކާތެރިކުރައްވައި ދިގު އުމުރެއް ދެއްވުން އެދި އޭނާ ދުއާ ކުރެއެވެ. ނުތަނަވަސް ކަމާއި ދުއްތުރާ ތަކުން އޭނާ ސަލާމަތްކަމުގައި އޭނާ ލެހެޓެވުންވުން އެދި ސާލާރް ދުއާކުރެއެވެ. އޭނާގެ އަމިއްލަ ނަފްސަށް އެދޭ ކޮންމެ ހެޔޮ ކަމެއް އިމާމާއަށް ވެސް އެދެއެވެ. އެހެން ނަމަވެސް އެ މާތް ބިމުގައި ހުރެ ދުވަހަކުވެސް އިމާމާ ހާޝިމް އޭނާއަށް ދެއްވުން އެދި އަދި ނުދަންނަވައެވެ. އޭނާގެ ލޮލުން ކަރުނަ ހިކިއްޖެއެވެ. ސާލާރް ކޮޅަށް ތެދުވިއެވެ.

ވުޟޫކޮށްގެން އޭނާ ޢުމްރާއަށް އިޙްރާމް ބަނެވެ. ކަޢުބާ ވަށައިގެން ދިޔައިރު އޭނާއަށް މުލްތަޒިމާ ކައިރިން ޖާގައެއް ލިބިއްޖެއެވެ. އެއީ އޭނާއަށް ހުވަފެނުގައި ފެނުނު ތަނެވެ. ސާލާރް އެތާނގައި ހުއްޓި ހުރެ ދުޢާއަށް ދެ އަތް އުފުލައިލިއެވެ.

"މިއީ އެތަނެއްގައި ތިއްބަވައިގެން ރަސޫލުންނާއި ނަބިއްޔުން އިބަރަސްކަލާނގެ އަށް ދުޢާ ދެންނެވި ތަނެވެ. ރަސޫލުންނާއި ނަބިއްޔުންގެ ދުޢާ އާއި މި އަޅާގެ ދުޢާ ހާސްބައި ތަފާތެވެ."

ސާލާރް އަޑުގައި ހުރީ އާދޭހުގެ އަސަރެވެ.

"މިއަޅާއަކީ ނަބިއްޔެއް ނަމަ ނަބީބޭކަލުން ކުރެއްވި ގޮތަށް ދުޢާ ކުރީމުހެވެ. އެކަމަކު މި އަޅާއަކީ އާދައިގެ އިންސާނަކީމެވެ. ފާފަވެރި އިންސާނަކީމެވެ. މި އަޅާގެ އެދުންތަކަކީވެސް އާދައިގެ އެދުންތަކެކެވެ. މި ތަނުގައި ހުއްޓި ހުރެ އެއްވެސް މީހަކު އަންހެނަކަށްޓަކައި ކަރުނަ އޮހޮރާފައި ނުވާނެއެވެ. މި އަޅާގެ ގޮތެއް ނެތްކަމާއި ބަލިކަށިކަން އިބަރަސްކަލާނގެ މޮޅަށް ދެނެވޮޑިގެން ވާނެއެވެ. މި ތާނގައި... މާތްވެގެންވާ ޙަރަމްފުޅުގެ އަރިހުގައި ހުރެގެން... ރޮއި އާދޭސް މި ދަންނަވަނީ އަންހެނަކަށްޓަކައެވެ. އެހެން ނަމަވެސް މި އަޅާގެ ހިތަށްވެސް އަދި ކަރުނަ އަށް ވެސް މިއަޅާގެ ބާރެއް ނުފޯރުވެއެވެ."

"މި އަޅާގެ ހިތުން އިމާމާއަށް ޖާގައެއް ދެއްވީ އިބަރަސްކަލާނގެއެވެ. އޭނާއަށްޓަކައި މިއަޅާގެ ހިތް ލޯބިން ފުރިގެން ބަންޑުންވަނީއެވެ. އިބަރަސްކަލާނގެ ޙަޟްރަތުގައި ހުއްޓި ހުންނަ އިރުވެސް މިއަޅާ އިމާމާގެ މަތިން ހަނދާންވަނީ ކީއްވެގެންހެއްޔެވެ؟ މި އަޅާ އަށް އަމިއްލަ ނަފްސުގެ މައްޗަށް އެއްވެސް ބާރެއް ނުފޯރުވެނީ ކީއްވެގެން ހެއްޔެވެ؟ މި އަޅާއަކީ އިބަރަސްކަލާނގެ ހެއްދެވި ބަލިކަށި އިންސާނަކީމެވެ. އިބްރަސްކަލާނގެ ހެޔޮ މަގު ދެއްކެވިއްޔާ ނޫނީ މިއަޅާއަކަށް ދިންނެވުމެއް ނެތެވެ. ދިރިއުޅުމުގައި މިއަޅާ އަޅާ ކޮންމެ ފިޔަވަޅެއްގެ ހުރަހަކަށް އެ އަންހެން ކުއްޖާ ހުރެއެވެ. މިއަޅާގެ ހިތުން އޭނާއަށް ދެވިފައިވާ ލޯބި އުނިކުރައްވާދޭނވެ. ނުވަތަ މިއަޅާއަށް އޭނާ ދެއްވާނދޭވެ. މިއަޅާގެ ދިރިއުޅުމަށް އޭނާ ނާތުވެއްޖެނަމަ މިއަޅާގެ މުޅި ހަޔާތް ހޭދަވާނީ ހިތާމައިގައެވެ. މިއަޅާ އަށް އެ އަންހެންމީހާ ދެއްވާނދޭވެ. އިމާމާ ހާޝިމް ދެއްވާނދޭވެ.

މިތާނގައި ހުއްޓި ހުރެ ނިކަމެތިކަމާއެކު މި އަޅާ މި އެދެނީ އަންހެނަކަށެވެ.

މި އަޅާ މި އެދެނީ އިމާމާ ހާޝިމަށެވެ.

(ނުނިމޭ)

އާމިނަތު ސަޢީދު
އާމިނަތު ސަޢީދަކީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރުސިޓީގައި ލިންގުއިސްޓިކްސް ކިޔަވައިދެއްވާ ލެކްޗަރާރެކެވެ. ލިންގުއިސްޓިކްސް އިން މާސްޓަރސް ހާސިލު ކުރައްވައިފައިވާ ފަންނީ ލިޔުންތެރިއެކެވެ.

5 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.