ތިންމަހުން ނިންމާގޮތަށް ނަރުދޫގައި އިންޖީނުގެއެއް އަޅަން ޙަވާލުކޮށްފި

ށ. އަތޮޅު ނަރުދޫގައި އިންޖީނުގެއެއް އެޅުމުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަނުން ކުންފުންޏަކާ ޙަވާލު ކޮށްފިއެވެ. އެ ކުންފުންޏާ މަސައްކަތް ޙަވާލު ކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ސެޓެމްބަރު 29 ވަނަދުވަހުއެވެ.

އިންޖީނުގެ އެޅުމަށް ޙަވާލު ކޮށްފައިވަނީ ސީސައިޑު ޕްރައިވެޓް ލިމިޓެޑާއެވެ. އެއްބަސްވުމުގައި ފެނައިން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ އަޙުމަދު ސަޢީދު މުޙައްމަދެވެ. ސީސައިޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރއެވެ.

އެ ކުންފުންޏާ މަސައްކަތް ޙަވާލު ކުރެއްވީ ތިންމަސްތެރޭގައި ނިންމާ ގޮތަށެވެ. މަސައްކަތުގެ އަގަކީ 5.11 މިލިއަން ރުފިޔާއެވެ. އިންޖީނުގެ އެޅުމުގެ ޢަމަލީ މަސައްކަތް ފަށާނެ ކަމަށްވަނީ އަންނަ ބުރާސްފަތި ދުވަހުއެވެ.

ނަރުދޫގައި އަލަށް އަޅާ އިންޖީނުގެ ޢިމާރާތް ކުރަނީ މީހުންއުޅޭ ސަރަޙައްދާ ދުރުގައެވެ. ފެނަކައިގެ މީޑިއާ އޮފިޝަލް ވިދާޅުވީ އާ އިންޖީނުގެ ނިމި ޚިދުމަތްދޭން ފެށުމުން މިހާރަށްވުރެ ހުރިހާ ގޮތަކުންވެސް ޚިދުމަތުގެ ފެންވަރު ރަނގަޅުވެގެންދާނެއެވެ.

ފެނަކައިން ގެންދަނީ ރައްޔިތުންނަށް ދެމުން ގެންދާ ކަރަންޓު ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް ވަރުގަދަ ކުރުމަށް މަސައްކަތް ކުރައްވަމުންނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.