ކުޑަކުދިންނަށް އަނިޔާކުރުމުގެ 105 މައްސަލަ ޖެންޑަރ އަށް ހުށަހަޅައިފި

   ހުސްވި ފެބުރުއަރީމަހު މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސާވިސަސް އަށް ޖުމްލަ 213 މައްސަލަ ހުށަހަޚައިފައިވާ ކަމަށާއި އޭގެ ތެރެއިން 105 މައްސަލައަކީ ކުޑަކުދިންނަށް ކުރާ އެކިބާވަތުގެ އަނިޔާ ކަމަށް އެމިނިސްޓްރީގެ ތަފާސް ހިސާބުތަކުން ވަނީ ދައްކައިފައެވެ. މި ޢަދަދަކީ ފެބުރުއަރީމަހު ރިޕޯޓު ކޮށްފައިވާ ޖުމްލަ މައްސަލަތަކުގެ 49 އިންސައްތައެވެ.

މި ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ އިހުމާލުވުމުގެ މައްސަލަތަކެވެ. އެ ގޮތުން  އޭގެ 32 މައްސަލަ ވަނީ މިނިސްޓްރީއަށް ހުށަހަޅައިފައެވެ. މި ބާވަތުގެ މައްސަލަތަކުގެ އިތުރުން ޖިސްމާނީ ހާނީއްކައިގެ 26 މައްސަލަ، ޖިންސީ ހާނީއްކައިގެ 22 މައްސަލަ، އެހެން ކުދިންގެ ފަރާތުން ގަނާ ކުރުމާއި ފުރައްސާރައިގެ ޝިކާރައަކަށްވުމުގެ 8 މައްސަލައާއި ނަފްސާނީ ހާނީއްކައިގެ 5 މައްސަލަ ހިމެނެއެވެ. އަދި ގެވެށި އަނިޔާ ކުރާތަން ދެއްކުން ނުވަތަ ފެނުމުގެ 5 މައްސަލައާއި އެހެން ކުދިންގެ ފަރާތުން އިންޓަނެޓް މެދުވެރިކޮށް ގަނާކުރުމުގެ 3 މައްސަލައާއި ނަހަމަ ގޮތުގައި ވިޔަފާރި ފައިދާއަށް ބޭނުންކުރުމުގެ 2 މައްސަލަ، ނަހަމަ ގޮތުގައި ވިޔަފާރި ފައިދާއަށް ޖިންސީ ބޭނުންކުރުމުގެ 1 މައްސަލަ އަދި ނަހަމަ ގޮތުގައި ބޭނުންކުރުމުގެ 1 މައްސަލަ ހިމެނެއެވެ.

އޭގެ އިތުރަށް ޙައްޤުތަކުން ކުޑަކުދިން މަޙްރޫމުކުރުމުގެ މައްސަލައިގެ ގޮތުގައި ތަޢުލީމަށް ހުރަސް އެޅުމުގެ މައްސަލައަކާއި، ޢާއިލީ މައްސަލައިގެ 26 މައްސަލަ ވަނީ މިނިސްޓްރީއަށް ހުށަހަޅައިފައެވެ. އޭގެ ތެރޭގައި ކުދިންނާ ބައްދަލުނުކުރެވޭ 12 މައްސަލައާއި ކުދިން ބެލުމުގައި ދިމާވާ 9 މައްސަލަ އަދި ދަރިންގެ ޚަރަދު ދިނުމުގައި ދިމާވާ 2 މައްސަލަ ހިމެނޭ ކަމަށް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

ފެބުރުއަރީމަހުގެ ތަފަސް ހިސާބުތަކުން ދައްކާގޮތުގައި ކުޑަކުދިން އެކި ބާއްވަތުގެ ކުށްކޮށްގެން ހުށަހަޅައިފައިވާ 6 މައްސަލައާއި، ތަންތަނަށާއި ތަކެއްޗަށް ގަސްދުގައި ގެއްލުންދިނުމުގެ 5 މައްސަލަ އަދި ވައްކަންކުރުމުގެ 1 މައްސަލަ ހިމެނެއެވެ. އޭގެ އިތުރަށް ކުޑަކުދިންގެ އަޚުލާޤާ ގުޅުން ހުރި 15 މައްސަލަ މިދިޔަ މަހު ވަނީ ހުށަހަޅައިފައެވެ. އޭގެ ތެރޭގައި ގެއިން ނުކުމެގެން ދިޔުމުގެ 4 މައްސަލަ، ސްކޫލަށް ދާން ބޭނުންނުވުމުގެ 3 މައްސަލަ އަދި އެހެން ކުދިންނަށް ގަނާކުރުމާއި ފުރައްސާރަ ކުރުމުގެ 1 މައްސަލަ ހިމެނެއެވެ. ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 25 މައްސަލަ މިދިޔަ މަހު މިނިސްޓްރީއަށް ވަނީ ހުށަހަޅައިފައެވެ. އޭގެ ތެރެއިން ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ އެކި ބާވަތުގެ ޖިސްމާނީ އަނިޔާކުރުމުގެ މައްސަލަތަކެވެ. މި ބާވަތުގެ 12 މައްސަލަ މި މުއްދަތުގެ ތެރޭގައި ރިޕޯޓުކޮށްފައިވެއެވެ.

މީގެ އިތުރުން، ނަފްސާނީ އަނިޔާކުރުން ނުވަތަ އަނގަބަހުން ކުރެވޭ އަނިޔާގެ 7 މައްސަލައާއި، ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަމާ ގުޅޭ 2 މައްސަލަ، އިހުމާލުވުމުގެ 1 މައްސަލަ، ޖިންސީ ހާނީއްކަކުރުމުގެ 1 މައްސަލަ، ޖިންސީ ފުރައްސާރަކުރުމުގެ 1 މައްސަލަ އަދި ބާރާއި ނުފޫޒު ފޯރުވުމުގެ 1 މައްސަލަ ހިމެނެއެވެ.

އޭގެ އިތުރަށް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އުމުރުން ދުވަސްވީ މީހުނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން 30 މައްސަލަ މިދިޔަ މަހު މިނިސްޓްރީއަށް ވަނީ ހުށަހަޅައިފައެވެ. އެއީ އުމުރުން ދުވަސްވީ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅައިފައިވާ 16 މައްސަލައާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅައިފައިވާ 14 މައްސަލައެވެ.  އޭގެ އިތުރަށް އަމިއްލަ ނަފުސަށް ގެއްލުންދިނުމާ ގުޅޭ 5 މައްސަލަ މިދިޔަ މަހު ޖެންޑަރ މިނިސްޓްރީއަށް ރިޕޯޓުކޮށް އެކަން ބަލައިފައިވާ ކަމަށް މިނިސްޓްރީން ވިދާޅުވެފައިވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.