އެމްއެންޑީއެފްގެ އިލްތިމާސް: މޫސުމަށް ސަމާލުވޭ

ހއ.އަތޮޅުން ފެށިގެން ތ.އަތޮޅާ ހިސާބަށް ރީނދޫ އެލަރޓް ނެރެފައިވާތީ އެ ސަރަހައްދުގައި ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފުން އިލްތިމާސް ކުރައްވައިފިއެވެ.

ކަނޑުދަތުރުކުރައްވާ ފަރާތްތަކުން ދަތުރަށް ފެށުމުގެ ކުރިން މޫސުމާބެހޭ އެންމެ ފަހުގެ މަޢުލޫމާތު ސާފުކުރެއްވުމަށާއި ދަތުރު ކުރައްވާ އުޅަނދުގައި ލައިފްޖެކެޓާއި، މުވާސަލާތީ ވަސީލަތްތަކާއި ދިޔަހިއްކާ ޕަންޕު ފަދަ ނިޒާމްތައް ހުރިތޯއާއި ހުރިނަމަ ހުރީ ރަނގަޅަށްތޯ ޗެކް ކުރުމަށް ވެސް އިލްތިމާސް ކުރައްވާފައިވެއެވެ. އަދި އުޅަނދު ފަހަރަށް މުދާ ބަރުކުރުމުގައި ކަނޑައެޅިފައިވާ މިންގަނޑަށް ވުރެން ބޮޑަށް ބަރުނުކުރެއްވުމަށް އިލްތިމާސްކުރައްވާފައިވެއެވެ.

ކަނޑުދަތުރުފަތުރު ކުރައްވާ ފަރާތްތަކުން އެއްވެސް ހާދިސާއެއް ހިނގައިފިނަމަ، ލަސްނުކުރައްވާ ކޯސްޓްގާޑްގެ ހިލޭ ގުޅޭ ނަންބަރު 191 އަށް ގުޅުއްވުމަށް ވެސް އެމްއެންޑީއެފުން ވަނީ އެދިވަޑައިގެންފައެވެ. މިދުވަސްވަރަކީ ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާ ކުރަމުންދާ ދުވަސްވަރެކެވެ.

މޫސުމާ ބެހޭ އޮފީހުން ވިދާޅުވެފައިވަނީ ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކޮށް ބައެއް ރަށްރަށަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ.

ދެކުނުގެ އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން އަދި އެހެން ހިސާބުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 7 މޭލާއި 17 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށްވެސް ވިދާޅުވެފައިވެއެވެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް މޫސުމާބެހޭ އޮފީހުން ވަނީ ވިދާޅުވެފައެވެ. ކަނޑުތައް  އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެއެވެ.

 

 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.