ރައީސް ޔާމީނާ ދެކޮޅަށް ހިންގާ މަނީ ލޯންޑަރިންގެ ޝަރީޢަތުގެ ފަސްވަނަ އަޑުއެހުން މިއަދު ކުރިމިނަލް ކޯޓްގައި ފަށައިފިއެވެ.
މިއަދުގެ އަޑުއެހުން ފެށުމަށްފަހު އިސްޤާޒީ އަޙުމަދު ހައިލަމް ވިދާޅުވީ، ކުރީގެ ރައީސް ޢަބްދުﷲ ޔާމީނާ ދެކޮޅަށްކުރާ މަނީ ލޯންޑަރިންގެ ދަޢުވާގައި ދިފާޢީ ހެއްކެއްގެ ގޮތުގައި ހުށަހަޅައިފައިވާ އެމް.އެމް.އޭ.ގެ ކުރީގެ ގަވަރުނަރު އަޒީމާ އާދަމް ކޯޓަށް ހާޒިރުވެ ވަޑައިގެންނެވެން ނެތްކަމަށް ވިދާޅުވެ އޭނާ ކޯޓަށް ސިޓީއެއް ފޮނުއްވައިފައި ވާކަމުގައެވެ. އެނާ ކޯޓަށް ޙާޒިރު ނުވެވޭނެކަމަށް ވިދާޅުވެފައި ވަނީ ރާއްޖޭން ބޭރުގައި މިހާރު ދިރިއުޅުއްވަމުން ދާތީކަމަށް ވެސް ސިޓީގައި ބަޔާންކުރައްވައިފައިވާކަމަށް އިސްގާޒީ ހައިލަމް ވިދާޅުވިއެވެ. އެހެންކަމުން އޭނާގެ ހެކިބަސް ނެގުމަށް ކޯޓަށް ހާޒިރު ނުކުރުމަށް އިސްޤާޒީ މިއަދު ނިންމެވިއެވެ.
ދައުލަތުން ހުށަހަޅައިފައިވާ ހެކިންގެ ތެރެއިން އޭ.ސީ.ސީ.ގެ ކުރީގެ ރައީސް ހަސަން ލުތުފީ ހެކި ބަސް ދެއްވަން އިންކާރު ކުރައްވާފައިވާތީ، ހެކި ބަހުގެ ބަދަލުގައި އޭނާ ފުލުހުންނަށް ދެއްވައިފައިވާ ބަޔާނުގެ ވީޑިއޯ ސީޑީ ޝަރީޢަތުގެ ބޭނުމަށް ބައްލަވާގޮތަށް ޤާޒީ ނިންމެވިއެވެ. އެހެންނަމަވެސް އެ ވީޑިއޯ ޝަރީޢަތުގެ މަޖިލީހުގައި ނުދައްކަވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
މިއަދު ގެ އަޑު އެހުމުގައި ވަނީ ދައުލަތުގެ ފަރާތުން ރައީސް ޔާމީނާ ދެކޮޅަށް ކިތާބީ ހެކި ވެސް ހުށަހެޅުއްވައިފައެވެ. ދައުލަތުން ހުށަހެޅި ޝަފަވީ ހެކިންގެ ތެރެއިން އޭ.ސީ.ސީ.ގެ ކުރީގެ ރައީސް ޙަސަން ލުތުފީ ނޫން އެހެން ހެކިންގެ ހެކިބަސް ކުރިން ވަނީ ނަންގަވައި ނިނަމަވައިފައެވެ.