އެކަކު މަރުވެ، އެތައް ބައެއްގެ ދިރިއުޅުން އަނދާ އަޅިއަށް ހަދާލި އަލިފާނުގެ ޙާދިސާ

ސެޕްޓެމްބަރ 20 ވަނަ ދުވަހު މާލޭގައި ހިނގި އަލިފާނުގެ ޙާދިސާ: އެ ޙާދިސާގައި ވަނީ ބޮޑެތި ގެއްލުންވެފައި

ރޭ އިރާ ކޮޅު މުޅި މާލެއަށް ވެރިވަފައި ވަނީ ބިރުވެރިކަމާއި ހާސްކަމާއި ކަންބޮޑު ވުމާއި މާޔޫސް ކަމެވެ. ލޮބުވެތި ދިވެހި ދަރިއެއްގެ އަގު ބޮޑު ފުރާނަ ގެއްލި އެތައް ދިވެހިންގެ ދިރިއުޅުން ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ވަނީ އަނދާ އަޅިއަށް ވެފައެވެ. ކުލިއަކަށް ގޮވި ގޮވުމެއްގެ އަޑާއެކު ހެންވޭރު އަބަދަށް ފެހިމަގުގައި ހުންނަ ކެމިކަލް ގުދަނެއްގައި ރޯވެ މުޅިސަރަޙައްދަށް އަލިފާން ގަނޑު ފެތުރިގެން ދިޔައެވެ.

ހާދިސާ ހިނގި ގަޑީގައި އެސަރަޙައްދުގައި ހުރި މީހަކު ބުނެފައިވާ ގޮތުގައި އެއްޗެއް ގޮވި އަޑާއެކު އަލިފާންގަނޑު ދިޔައީ ފެތުރިގެންނެވެ. ފެތުރިގެން ދިޔަ އަލިފާންގަޑުން މަގުމަތީގައި ޕާކްކޮށްފައި ހުރި ސައިކަލްތަކުގައި ވެސް ވަނީ ރޯވެފައެވެ. މުޅި ސަރަޙަދަށް އަލިފާންގަނޑު ފެތުރިގެން ދިޔައީ ދެމިނެޓެއްހާ ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ކަމަށް އެމަންޒަރު ވަރަށްގާތުން ތަޖްރިބާ ކޮށްފައިވާ މީހަކު ކިޔައި ދިނެވެ. ކެމިކަލް ގުދަނެއްގައި ރޯވި އަލިފާންގަނޑު ފެތުރިގެން ގޮސް ތިންގަނޑިއެއްހާ އިރުތެރޭގައި އެތައް އެ އިމާރާތެއް ވަނީ އަދާ ހުލިވެފައެވެ. އެމްއެންޑީއެފް އިން މަޢުލޫމާތު ދެއްވައިފައިވާ ގޮތުގައި ހަތް އިމާރާތަކަށް ވަނީ އަލިފާނުގެ އަސަރުކޮށްފަ އެވެ. އޭގެތެރޭގައި ހަތަރު ގުދަނެއްވެސް ހިމެނޭކަމަށް އެމްއެންޑީއެފް އިން މަޢުލުމާތު ދެއްވައެވެ.

ރޭގެ ހާދިސާގައި އަލިފާންގަނޑު ކޮންޓްރޯލް ކުރެވުމުގެ ކުރިން. ފޮޓޯ: ސޯޝަލްމީޑިއާ

ފުރަތަމަ ގޮވުން ގޮވައި އަލިފާންރޯވީ ހ. އަބަދަށް ފެހިމަގުގައި ހުންނަ ތިލަފުށީގޭގައި ހުރި ކެމިކަލް ގުދަނުގައެވެ. ނަމަވެސް ޢިމާރާތްތަކުން ތޮއްޖެހިފައިވާ އެސަޙައްދަށް އަލިފާންގަނޑު ފެތުރިގެން ދިޔައީ ވަރަށް ހަލުއި ކަމާއެކުއެވެ. މިކަމުގެ ސަބަބުން ޢިމާރާތްތަކުގައި ދިރިއުޅެމުން ދިޔަ މީހުންނަށް، ސަލާމާތް ވުމަށާއި އެމީހުން ސަލާމަތް ކުރުމަށް ވެސް ގޮން ޖެހުންތައް ކުރިމަތި ވިއެއެވެ.

ޢިމާރާތްތަކުން މީހުން ނެރުމަށް ހުރަސްތައް

ރޭގެ ނުރައްކާތެރި އަލިފާނުގެ ޙާދިސާ ހިނގީ އިރުއޮއްސި ގާތްގަޑަކަށް 7:25 ކަންހާއިރު އެވެ. އަލިފާން ރޯވެގެން އުޅޭ ކަމުގެ ރިޕޯޓު ލިބުމާ އެކު ސިފައިން ހަރަކާތްތެރިވާން ފެށިއެވެ. ނަމަވެސް މަގުތަކުގައި ގިނަ އަދަދެއްގެ ސައިކަލް ޕާކް ކޮށްފައި ހުރުމުން، އަލިފާން ނިވާ ވެހިކަލްތަކަށް، އަލިފާން ރޯވި ގެތައް ހިމެނޭ ސަރަހައްދަށް ދާން އުދަނގޫތަކާ ކުރިމަތިވެ ގިނަ އިރުތަކެއް ވި ކަމަށް، އެމްއެންޑީއެފުން ވެސް ވަނީ ވިދާޅުވެފައެވެ. އަލިފާން ނިވާ ވެހިކަލްތައް މަސައްކަތް ފެށިފަހުން ކުރިން ރޯވެފައި ހުރި ތަންތަން ފިޔަވައި އިތުރު އިމާރާތެއްގައި ރޯ ނުވާ ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ. ނަމަވެސް ޙާދިސާ ކަވަރ ކުރަމުން ދިޔަ ބައެއް ނޫސްވެރިން ރިޕޯރޓްކޮށްފައިވާ ގޮތުން އެމްއެންޑީއެފް އިން ޙަރަކާތްތެރިވާން ފެށި ފަހުންވެސް ބައެއް ޢިމާރާތް ތަކުގައި ވަނީ އަލިފާން ރޯވެފައެވެ.

(އަލިފާން ނިއްވުމަށް ފަޔަރ ފައިޓަރުން ހަރަކަތްތެރިވަނީ. ވީޑިއޯ: ޓުވިޓަރ)

އެމްއެންޑީއެފްގެ އަލިފާން ނިވާ ވެހިކަލް އެތަނަށް ދިއުން ލަސްވުމުން މީހުން ސަލާމަތްކުރުމުގައި ވެސް ހުރަސްތަކެއް ކުރިމަތިވިއެވެ. ބައެއް މީހުން ޢިމާރާތް ތަކުންގައި ނުކުމެ ތާށިވެފައި ތިއްބެންޖެހުނެވެ. ނަމަވެސް އޭރުވެސް އާންމު ރައްޔިތުން ދިޔައީ މީހުން ސަލާމަތް ކުރުމަށް އެމީހަކަށް ކުރެވުނު މަސައްކަތް ކުރަމުންނެވެ. އެމްއެންޑީއެފްގެ ވެހިކަލްތައް އެސަރަޙައްދަށް ވަނުމުގައި ސައިކަލްތައް މަގުން ނަގައި ހުސްކުރުމުގައިވެސް އާއްމު ރައްޔިތުންގެ ބޮޑު އެހީތެރިކަމެއް ވަނީ ފޯރުކޮށްދީފައެވެ. ރޭގެ އަލިފާނުގެ ހާދިސާގައި އެންމެ ފުރަތަމަ ގޮވުމެއް ގޮވައި އަލިފާން ރޯވި ޢިމާރާތަކީ ގުދަނަކާ އެކު ތިންބުރިއަށް ޓިނުން ހަދައިފައިވާ ޢިމާރާތެކެވެ. އަލިފާންރޯވެ އަނދަމުން ގޮސް އެޢިމާރާތް ވަނީ ވެއްޓިފައެވެ.

(ރޯވި އިމާރާތް އަނދަމުން ގޮސް އަރިއަޅާލާ މަންޒަރު. ވީޑިއޯ: ޓުވިޓަރ)

ކެމިކަލް ގުދަނުގައި ގޮވުމެއް ގޮވާ ރޯވި އަލިފާންގަނޑާއެކު އެންމެ ބޮޑަށް އަލިފާން ރޯވި ހ.ރަނދުވާނިއާގޭގައި ކަމަށް މަންޒަރުއްދުށް ބައެއް މީހުންބުނެއެވެ. އެއީ އަލިފާން ރޯވި ގުދަނުގެ ކުރިމަތިން އަނެއްފަޅީގައި ހުރި ގެއެކެވެ. އެގޭގައި ދިރިއުޅޭ ހަ މީހަކު އަލިފާނުގެ ސަބަބުން ނުނުކުމެވި ތާށިވި ކަމަމަށް ވެއެވެ. ނަމަވެސް އަލިފާނުގެ ޙާދިސާގައި ނިޔާވި، ޝައުނާ ފިޔަވައި އެންމެން ވަނީ ސަލާމަތް ކޮށްގެން އެ ޢިމާރާތުން ނެރެފައެވެ. ޝައުނާ ހޯދުމަށް އެކި ފަހަރު މަތިން ސިފައިންގެ ރެސްކިއު ޓީމް އެ އިމާރާތަށް އެރި ކަމަށް ވެއެވެ.

ޙާދިސާގައި މަރުވި ޝައުނާގެ ހަށިގަނު އޮތީ ވަރަށް ބޮޑަށް އަނދާފައި

ރޭ މާލޭގައި ހިނގި ނުރައްކާތެރި އަލިފާނުގެ ޙާދިސާގައި ނިޔާވި ތ. ބުރުންޏަށް އުފަން ޢާޢިޝަތު ޝައުނާ (46)އެވެ. ޝައުނާ ނިޔާވެފައިވަނީ، އެންމެ ބޮޑަށް އަލިފާން ރޯވި ހ.ރަނދުވާނިއާގޭގައި ނުނުކުމެވި ތާށިވެފައި ހުންނަން ޖެހުމުންނެވެ. އަލިފާނުގެ ހާދިސާ ހިނގިއިރު ޝައުނާ އޮތީ ނިދާފައި ކަމަށްވެ އެވެ. ނަމަވެސް އޭނާއަށް ހޭލެވި އޭނާގެ ބޭބެއަށް ގުޅާ ނުނުކުމެވި ތާށި ވެފައި ހުރި ވާހަކަ ބުނެފައިވާކަމަށް ވެއެވެ. މަރުވެފައިވާ ޝައުނާގެ ހަށިގަނޑު ފެނުނީ އަލިފާންކޮންޓްރޯލް ކުރެވުނުފަހުން އޭނާ ދިރިއުޅުނު އިމާރާތުގެ ތެރެއިންނެވެ. ފެނުނުއިރު އޭނާގެ ހަށިގަނޑު ވަނީ ކާކުކަން ނޭގޭ ވަރަށް އަދައި ފައެވެ. އޭނާގެ ހަށިގަނޑު އޮތީ ބަދީގޭގެ އައިސް އަލަމާރި ކައިރީގައި ކަމަށްވެއެވެ. ބަދީގޭގެ ކަބަޑުތައް އޮތީ އޭނާގެ ގައިމައްޗަށް ވެށްޓިފައި ކަމަށްވެއެވެ. އެހާ ބޮޑަށް އަނދާފައިވާތީ އޭނާގެ ގާތް މީހުންނަށް ފިޔަވައި އިތުރު މީހުންނަށް މޫނު ނުދެއްކުމަށް ނިންމާފައިވާކަމަށް މަޢުލޫމާތު ލިބެ އެވެ. ޝައުނާގެ ޖަނާޒާ އޮންނާނީ މިއަދު މެންދުރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައެވެ.

އާއްމު ޚިދުމަތްތައް މެދު ކަނޑާލައި ހަމަ އެކަނި ހާދިސާގައި ފަރުވާ ދޭންޖެހޭ މީހުންނަށް އޭޑީކޭ ހުސްވި

ރޭގެ އަލިފާނުގެ ހާދިސާ ހިނގީ އޭޑީކޭ ހޮސްޕިޓަލާ ވަރަށް ގާތުގައެވެ. އެހެންކަމުން ޙާދިސާގައި އަނިޔާވި މީހުންނަށް ފަރުވާ ދިނުމަށް ގެންދެވުނީ އޭޑީކޭ ހޮސްޕޮޓަލަށެވެ. އެހޮސްޕިޓަލުން ދެމުން އައި އާއްމު ޚިދުމަތްތައް މެދު ކަނޑާލައި ހަމަ އެކަނި ހާދިސާގައި ފަރުވާ ދޭންޖެހޭ މީހުންނަށް ހުސްވި އެވެ. އަދި ހާދިސާގައި ހޮސްޕިޓަލަށް ގެންނަން ޖެހޭ މީހުން ގެނައުމުގައި އެ ހޮސްޕިޓަލުގެ މުވައްޒަފުން ސްޓެޗަރ ތަކުގައި ހާދިސާ ހިނގިތަނުގައި ޙަރަކާތްތެރިވިއެވެ. ފަރުވާ ދިނުމަށް އޭޑީކޭއަށް މީހުން ގެންދިއުމުގައި އާއްމުރައްޔިތުންގެ އެހީތެރިކަންވެސް ވަރަށް ބޮޑަށް ވަނީ ފޯރުކޮށް ދީފައެވެ.

އޭޑީކޭއިން 56 މީހަކު ރޭގެ ޙާދިސާގައި ފަރުވާ ހޯދައިފައިވާ އިރު އެޑްމިޓްކޮށްގެން ފަރުވާ ދޭންޖެހުނީ ތިން މީހަކަށް ކަމަށް ވެއެވެ. ފަރުވާ ދިނުމަށް ގެންދެވުނު މީހުންގެ ތެރޭގާއި ބޮޑު އަނިޔާއެއް ލިބިފައިވާ މީހެއް ނުހިމެނެއެވެ. ގިނަ މީހުން ފަރުވާ ހޯދައިފައިވަނީ ދުމުގެ އަސަރުކުރުމުގެ ސަބަބުންނެވެ. ފަރުވާ ހޯދި ގިނަ މީހުންނަކީ ކުޑަކުދިންނެވެ.

އޭޑީކޭގެ އިތުރުން އައިޖީއެމްއެޗާއި ޓްރީޓޮޕާއި ހުޅުމާލޭ ހޮސްޕިޓަލުވެސް ރޭގެ ހާދިސާއާ ގުޅިގެން އޮތީ ތައްޔާރީ ޙާލަތަށް ގެނެސްފައެވެ.

ރައްކާތެރި ވުމަށް މުޅި ސަރަޙައްދުން ކަރަންޓްވެސް ކަނޑާލި

ރޭ މާލޭގައި ހިނގައި ދިޔަ ހާދިސާ އަކީ ކުޑަ ވަގުތުކޮޅެއްގައި ބޮޑު ސަރަޙައްދަކަށް ފެތުރިގެން ދިޔަ އަލިފާނުގެ ޙާދިސާއެކެވެ. ރައްކާތެރި ވުމުގެ ގޮތުން އެމްޢެންޑީއެފާއި އާންމު ރައްޔިތުންގެ ވެސް ދިޔައީ އަލިފާނުގެ ހާދިސާ ހިނގި ސަރަޙައްދުގެ ވަށައިގެން ހުރި ގެތަކުން މީހުން ނެރެ ރައްކާތެރި ސަރަޙައްދު ތަކަށް ގެންގޮސް ފައެވެ. ހަމައެއާއެކު އެސަރަހައްދުން ކަރަންޓް ވެސް ކަނޑާލެވުނެވެ. އަދި ގެތަކުގައި ހުރި ގޭސް ފުޅިތައްވެސް އޭގޭގެއިން ބޭރަށް ނެރެ އެސަރަޙައްދާ ދުރަށް ގެންދިޔައެވެ. މީގެ އިތުރުން ކައިރީގައި އިމާރާތްކުރަން ފަށައިފައިވާ ތަންތަނުގައި ދަމާފައިހުރި ސޭފްޓީ ދާތައްވެސް ވަނީ ނަގައިފައެވެ. އަލިފާން ގަނޑު ކިރިޔާވެސް ކޮންޓްރޯލް ކުރެވެނެފެށީ އެއަރޕޯރޓް ފަޔަލޮރީގެނެސް މަސައްކަތް ފެށުމުންނެވެ.

https://twitter.com/STELCOMALDIVES/status/1175111525511520256?s=20

މަގުމަތިވި އެތައް ބައެއް ވަގުތީ ހިޔާގައި

ރޭގެ ހާދިސާގައި އަނދައިގެން ދިޔަ ގެތަކުގެ އިތުރުން އަލިފާނުގެ ނުރައްކާވެދާނެ ކަމަށް އެސަރަޙައްދުގެ ވަށައިގެންވާ ގެތަކުން ނެރުނު މީހުންނަށް ވަގުތީ ހިޔާއެއްގެ ގޮތުގައި ބޭނުން ކުރަމުންދަނީ ކަލާފާނު ސްކޫލެވެ. ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓު ސެންޓަރުން ރޭ ހާމަކޮށްފައިވާ ގޮތުގައި ކަލާފާނުސްކޫލުގައި ޤާއިމްކުރި ވަގުތީ ހިޔަލުގައި 100 އަށް ވުރެ ގިނަ މީހުން އެބަތިއްބެވެ. ކަމަށް. ވަގުތީ ހިޔާގައި ތިބި މީހުންނަށް ބޭނުންވާނެ ބޯފެނާއި ކާނާ ހަމަޖެހިފައިވާކަމަށް އެސެންޓަރުން ވިދާޅުވިއެވެ. ނަމަވެސް އާއްމުރައްޔިތުން ދަނީ ރޭން ފެށިގެން ހާލުގައި ޖެހުނު މީހުންނަށް ތަފާތު އެހީތެރިކަން ފޯރުކޮށް ދެމުންނެވެ.

ހާދިސާ އާ ގުޅިގެން ކެބިނެޓްގެ މުހިއްމު ނިންމުންތަކެއް ރޭ ދަންވަރު

ރޭގެ އަލިފާނުގެ ޙާދިސާ ހިނގި ސަރަޙައްދަށާއި ހާލުގައި ޖެހުނު މީހުން ތިބި ވަގުތީ ހިޔާއަށް ރައީސުލް ޖުމްހޫރިއްޔާއާއި އެމަނިކުފާނުގެ ނާއިބާއި ވަޒީރުނާއި ކަމާބެހޭ މުއައްސަސާތަކުގެ އިސްވެރިންވެސް ވަޑައިގެން، ހާދިސާއާއި ބެހޭ މަޢުލޫމާތު ހޯއްދަވާ އަދި ޙާލުގައި ޖެހުނު މީހުންގެ ޙާލު ވަނީ ބައްލަވާލައްފައެވެ.

ރޭގެ ހާދިސާއާ ގުޅިގެން ކެބިނެޓްގެ ކުއްލި ބައްދަލުވުމެއް ރޭ ދަންވަރު މުލިއާގޭގައި ވަނީ ބާއްވައި މުހިންމު ނިންމުން ތަކެއް ނިންމަވައިފައެވެ. އެގޮތުން ނިންމެވި މުހިންމު އެއް ނިންމުމަކީ އަލިފާނުގެ ޙާދިސާގައި ހާލުގައި ޖެހުނުމީހުންނަށް ސަރުކާރުން މާލީ އެހީތެރިކަން ފޯރުކޮށްދިނުމެވެ. އަލިފާނުގެ ޙާދިސާގައި ހާލުގައި ޖެހުނުމީހުންނަށް ސަރުކާރުން މާލީ އެހީތެރިކަން ފޯރުކޮށްދެއްވުމުގެ ގޮތުން ފައިސާ ހަމަޖެއްސެވުމުގެ ކަންތައް ކުރިއަށް ގެންދަވަނީ މާލީ ވުޒާރާއިން ކަމަށް ވެސް ވަޒީރުންގެ މަޖިލީހުން ވަނީ ނިންމަވައިފައެވެ. އަލިފާނުގެ ޙާދިސާއާ ގުޅިގެން ހާލުގައި ޖެހުނު ފަރާތްތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ކަންކަން ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ އާއި ކަމާގުޅޭ އެހެން އިދާރާތަކާ ގުޅިގެން ކުރިޔަށްގެންދަވަން ވެސް ވަޒީރުންގެ މަޖުލީހުން ނިންމެވިއެވެ.

ކެމިކަލް ގުދަންތައް މީހުން ދިރިއުޅޭ ސަރަހައްދުތަކާ ދުރަށް ބަދަލުކުރުމަށް އަވަސް ޕްލޭނެއް އެކުލަވާލައްވަން ވެސް ވަޒީރުންގެ މަޖިލީހުން ރޭ ވަނީ ނިންމަވައިފައެވެ. މިޕްލޭންގައި ކެމިކަލްގެ އިތުރުން އެފަދަ ނުރައްކާތެރި އެހެންތަކެތިވެސް މީހުން ދިރިއުޅޭ ސަރަހައްދުތަކާ ދުރަށް ބަދަލުކުރުމުގެ ކަންކަން ކުރިޔަށްގެންދިއުމަށް ކަނޑައެޅިގެންދާނެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.