"އަނދިރި ދައުލަތް" ފޮހެލުމަށް، ޓެރެރިޒަމްގެ ކުށް ފުޅާ ދާއިރާއެއްގައި!

ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ނޫސްވެރިޔާ އަޙްމަދު ރިލްވާން ޢަބަދުﷲ ގެ މަރާ ގުޅިގެން ރިޔާސީ ކޮމިޝަނުން ނެރުނު ރިޕޯރޓްގަ ފާހަގަކޮށްފައިވާ ކަންތައްތައްތަކުން ރާއްޖޭގައި "އަނދިރި ދައުލަތް" ހިނގަމުންދާކަން ސާފުވާކަމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވަނީ ވިދާޅުވެފައެވެ. އެމްޑީޕީއަށް ނިސްބަތްވެ ވަޑައިގަންނަވާ މެމްބަރުން ވިދާޅުވީ ރިލްވާން ޢަބްދުﷲ މަރުގެ ރިޕޯރޓްގެ ސަބަބުން ކުރިންސުރެ، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވަމުން ގެންދަވާ "އަނދިރި ދައުލަތުގެ" ހަޤީގާތް ހާމަވެގެން ގޮސްފައިވާ ކަމުގައެވެ. ކުރިން ރައީސް ނަޝީދު އެވާހަކަތައް ދައްކަވަމުން ގެންދެވުން އޭރުގެ ސަރުކާރުތަކުން ގެންދިޔައީ އެކަން ދޮގުކުރަމުން ކަމަށް އެ މެމްބަރުން ވިދާޅުވިއެވެ. އެ އަނދިރި ދައުލަތް "މުލުން ލުހެލަން ޖެހޭ" ކަމަށް ބައެއް މެމްބަރުން ވަނީ ވިދާޅުވެފައެވެ.

ޓެރެރިޒަމާ ބެހޭ ޤާނޫނަށް ބޮޑެތި އިޞްލާހުތަކެއް ގެނައުމަށް މަޖިލހަށް ހުށަހަޅުއްވައިފައި ވަނީ ނޫސްވެރިޔާ އަހުމަދު ރިލްވާނުގެ މަރުގެ މައްސަލައިގައި ރިޔާސީ ކޮމިޝަނުން ނެރުނު ރިޕޯރޓާގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ބައެއް ގާނޫނުތަކަށް އިޞްލާޙު ގެންނަންޖެހޭ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލީޙު ވިދާޅުވުމަށް ފަހުއެވެ. އެޤާނޫނުތަކުގެ ތެރޭގައި ޓެރެރިޒަމް މަނާކުރުމުގެ ޤާނޫނުގެ އިތުރުން ޖިނާއީ އިޖުރާއަތުގެ ޤާނޫނު ވެސް ހިމެނެއެވެ.

ބިލް ހުށަހަޅައިފައި ވަނީ ޓެރެރިޒަމް ކުށުގެ ދާއިރާއަށް ބަދަލު ގެނައުމަށާއި ޓެރެރިޒަމް ކުށްތައް ތަޙްޤީޤުކުރުމާއި ދައުވާ އުފުލުމުގައި ޤާނޫނު ތަންފީޒު ކުރާ އިދާރާތަކަށާއި ޕޮރޮސެކިޔުޓަރ ޖެނެރަލަށް ލިބިދޭ ބާރުތައް އަލުން ކަނޑަ އެޅުމަށެވެ.

ބިލުގައިވާ އިޞްލާޙުތަކުގެ ތެރޭގައި ޓެރެރިޒަމްގެ ތެރެއަށް ފެތޭ ކުށްތައް ބިލުގައި ވަނީ ވަރަށް ފުޅާ ދާއިރާއެއްގައި ކަނޑައަޅައިފައެވެ. ދައުރުން ބޭރުގައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ބާއްވައިގެން ޓެރެރިމް ޤާނޫނު އިސްލާޙު ކުރަންޖެހޭ ސަބަބުތަކުގެ ތެރޭގައި ރާއްޖޭގައި ހައްދުފަހަނަޅައިފައިވާ މީހުން ހިންގަމުންދާ ޙަރަކާތްތަކާއި މިހާރު އެމީހުން ހިންގަމުންދާކަންތައްތައް ރަނގަޅަށް ތަޙްޤީޤް ކުރުމަށް ޓެރެރިޒަމް ޤާނޫނަށް ގެންނަންޖެހޭ އިޞްލާހުތައް ގެނައުން ހިމެނޭކަމަށް މަޖިލީހުގެ ބައެއް މެމްބަރުން ވަނީ ވިދާޅުވިއެވެ.

ޓެރެރިސްޓުންނަށް ތާއީދު ކުރުންވެސް ކުށަކަށް!

މަޖިލީހަށްހުށަހަޅައިފައިވާ ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގައި މިހާރު ޢަމަލުކުރަމުންދާ ޤާނޫނާ އަޅާބަލާއިރު ވަރަށް ފުޅާކޮށް ވަނީ ޓެރެރިޒަމްގެ ޢަމަލުތައް ކަނޑައަޅައި ފައެވެ. ޓެރެރިޒަމް ކުށްތަކަށް ދޭނެ އަދަބުތައްވެސް ބިލުގައި ވަނީ ކަނޑައަޅައިފައެވެ.

ބިލުގައި ވާގޮތުން ޓެރަރިސްޓު ޖަމާއަތްތަކަށް ތާއީދު ކުރުމަށް ގޮވާލުމާއި ވަކި ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާ މީހެއްކަން ދޭހަވާ ފަދަ ޚިޔާލެއް ފާޅުކުރުމަކީ ވެސް ކުށެކެވެ. ފާޅުކުރާ ޚިޔާލު ރައްދުވާ ފަރާތުން ޚިޔާލަށް ބަރޯސާވެ، ޓެރަރިސްޓް ޖަމާއަތަކަށް އެ ފަރާތުން ތާއީދު ކުރުމަށް ހިތްވަރު ލިބިގަނެވިދާނެ ކަމާމެދު ފަރުވާލެއް ނެތި، އެ ޚިޔާލުފާޅުކުރުން ވެސް އެއީ ކުށެކެވެ.

ވަކި ބައްދަލުވުމަކީ، ޓެރަރިސްޓް ޖަމާއަތަކަށް ތާއީދު ކުރުމަށް ގޮވާލުމަށް ނުވަތަ ޓެރަރިސްޓް ޖަމާއަތެއްގެ ހަރަކާތްތައް ކުރިއެރުވުމަށްޓަކައި ނުވަތަ ޓެރަރިސްޓް ޖަމާއަތަކަށް ނިސްބަތްވާ ފަރާތަކަށް ނުވަތަ ޓެރަރިސްޓް ޖަމާއަތަކަށް ފާޅުގައި ތާއީދުކުރާ ފަރާތަކަށް ވާހަކަ ދެއްކުމުގެ ނުވަތަ ތަޤްރީރު ކުރުމުގެ ފުރުޞަތު ދިނުމަށްޓަކައި ބާއްވާ ބައްދަލުވުމެއްކަން އެނގިހުރެ، އެފަދަ ބައްދަލުވުމެއް ރޭވުން ނުވަތަ އިންތިޒާމް ކުރުން ނުވަތަ ރޭވުމުގައި ނުވަތަ އިންތިޒާމްކުރުމުގައި އެހީތެރިވެދިނުމަކީ ވެސް ކުށެކެވެ.

ވަކި ބައްދަލުވުމަކީ، ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުމަށް ގޮވާލުމަށް ނުވަތަ ޓެރަރިސްޓް ޖަމާއަތެއްގެ ހަރަކާތްތައް ކުރިއެރުވުމަށް ބާއްވާ ބައްދަލުވުމެއްކަން އެނގި ހުރެ، އެ ބައްދަލުވުމުގައި ވާހަކަ ދެއްކުމާއި ތަޤްރީރުކުރުމަކީ ވެސް ކުށެކެވެ. މި ކުށްތައް ކުރާ މީހެއްގެ އަދަބެއްގެ ގޮތުގައި ބިލްގައި ކަނޑައަޅައިފައި ވަނީ ތިން އަހަރާއި ފަސް އަހާރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

ޓެރަރިސްޓު ޖަމާއަތެއްގެ މެމްބަރު ކަމަށް ނުވަތަ ޓެރަރިސްޓު ޖަމާއަތަކަށް ތާއީދު ކުރާ މީހެއް ކަން ދޭހަވާ ފަދަ އަންނައުނެއް އާންމު ތަނެއްގައި ލުމަކީ ވެސް ކުށެކެވެ. ޓެރަރިސްޓު ޖަމާއަތަކަށް ތާއީދު ކުރާ ކަން ދޭހަވާ ލިޔުމެއް ނުވަތަ ކުރެހުމެއް ނުވަތަ ފޮޓޯއެއް ބަޔަކަށް ފެންނާނެ ގޮތަށް ގެންގުޅެ، ނުވަތަ ބޭނުން ކުރުމަކީ ވެސް ކުށެކެވެ. މިފަދަ ކުށްތަކަށް ކަނޑައަޅައިފައި ވަނީ އެއް އަހަރާއި ތިން އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

ޓެރަރިސްޓް ޖަމާއަތްތަކާއި ހަނގުރާމަވެރި ސަރަޙައްދުތައް ކަނޑައަޅާނީ، ގައުމީ ސަލާމަތާބެހޭ މަޖިލީހުގެ މަޝްވަރާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ކަމަށް ބިލުގައި ވަނީ ކަނޑައަޅައިފައެވެ. ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓާއި ހަނގުރާމަވެރި ސަރަހައްދުތައް މަދުވެގެން ކޮންމެ އަހަރަކު އެއް ފަހަރު މުރާޖާކުރަން ވާނެ ކަމަށް ބިލްގައި ވަނީ ކަނޑައަޅައިފައެވެ. މި ލިސްޓް ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކުރުން ބިލުން ލާޒިމް ކުރެ އެވެ.

ވަކި ސިޔާސީ ނުވަތަ ދީނީ ނުވަތަ ހައްދުފަހަނަޅާފައިވާ ވިސްނުމެއް ކުރިއެރުވުމަށްޓަކައި ނުވަތަ ވަކި ފިކުރެއް ކުރިއެރުވުމަކީ ވެސް ޓެރެރިޒަމްގެ ތެރޭގައި ހިމެނޭ ކުށެކެވެ. ދައުލަތުން ނުވަތަ ސަރުކާރުން ވަކި ކަމެއް ކުރުމަށް ނުވަތަ ނުކޮށް ދޫކޮށްލުމަށް މަޖުބޫރުކުރުވުމަށް ނުވަތަ އާންމުންނަށް ނުވަތަ އާންމުންގެ ބައެއްގެ މެދުގައި ބިރުވެރިކަން އުފެއްދުމަކީ ވެސް ޓެރެރިޒަމްގެ ކުށެއް ކަމަށް ބިލްގައި ވަނީ ކަނޑައަޅައިފައެވެ.

ހަނގުރާމައަށާއި ހަނގުރާމަވެރި ސަރަހަށްދަކަށް ދިއުމަކީ ވެސް ކުށެއް.

ޓެރެރިޒަމް ޤާނޫނަށް އިޞްލާހު ގެނައުމަށް ހުށަހަޅައިފައިވާ އިޞްލާހުތަކުގެ ތެރޭގައި ހަނގުރާމައަށް ދިއުމާއި ހަނގުރާމަވެރި ސަރަހަށްދަކަށް ދިއުމަކީވެސް ކުށެކެވެ. ބިލުގެ 16 ވަނަ މާއްދާގެ (ހ) އަށް ގެންނަ އިސްލާޙުގައި ބުނަނީ ދިވެހި ސަރުކާރުގެ ޙާއްޞަ ހުއްދައެއް ހޯދައިގެން ނޫނީ ހަނގުރާމައަށް ދިއުމާއި ހަނގުރާމަވެރި ސަރަހަށްދަކަށް ދިއުމަކީވެސް ކުށެއްކަމަށެވެ. ބިލުގައި އެންމެ ބޮޑު އަދަބެއް ކަނޑައަޅައިފައި ވަނީ ހަނގުރާމަށް އަށް ދިއުމަށެވެ. އެއީ 17 އަހަރާއި 20 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމެވެ. ހަނގުރާމަވެރި ސަރަހަށްދަކަށް ދިއުމުގެ ކުށުގެ އަދަބަކީ 10 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމެވެ. ހަނގުރާމަށް އަށް ދިއުމަށް އުޅުމަކީ އަދި ހަނގުރާމައަށް ދިއުމަށް މީހަކަށް އެހީ ތެރިވެދީ އެއްވެސް ސިފައެއްގައި ބައިވެރިވުމަކީވެސް ބިލުގައިވާގޮތުން ކުށެކެވެ. އެކުށުގެ އަދަބެއްގެ ގޮތުގައި ކަނޑައަޅައިފައި ވަނީ 12 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމެވެ. ހަނގުރާމަވެރި ސަރަހަށްދަކަށް ދިއުމުގެ ދިއުމަށް އުޅުމަކީ އަދި ދިއުމަށް މީހަކަށް އެހީ ތެރިވެދީ އެއްވެސް ސިފައެއްގައި ބައިވެރިވުމަކީވެސް ބިލުގައިވާގޮތުން ކުށެކެވެ. އަދަބެއްގެ ގޮތުގައި ކަނޑައަޅައިފައި ވަނީ 9 އަހަރާއި 12 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމެވެ.

ހަނގުރާމަވެރި ސަރަހަށްދަކަށް ދިއުމުގައާއި އެފަދަ ތަނެއްގައި ހުރުން ކުށަކަށް ނުވާނެ އިސްތިސްނާ ޙާލަތްތަކެއްވެސް ބިލުގައި ވަނީ ކަނޑައަޅައިފައެވެ. އޭގެތެރޭގައި ހަނގުރާމައިގެ ސަބަބުން ޙާލުގައި ޖެހިފައިވާ ބަޔަކަށް އިންސާނިއްޔަތުކަމުގެ އެހީތެރިކަން ފޯރުކޮށް ދިނުމަށާއި ކޯޓް އަމުރެއް ތަންފީޒުކުރުމަށާއި އެހެން ޤައުމެއްގެ ސަރުކާރުން ޙަވާލުކުރާ މަސައްކަތެއް ކުރުމަށާއި ހުއްދަކޮށްފައިވާ ނޫސްވެރިކަމުގެ މަސައްކަތެއްކުރުމަށާއި ސަރުކާރުން ހުއްދަދޭ އެނޫންވެސް ކަމެއް ކުރުމަށް އެފަދަ ތަނަކަށް ދިއުމާއޮ ހުރުން ހިމެނެއެވެ.

ޓެރެރިޒަމްގެ ޢަމަލަށް ފެތޭ އެހެނިހެން ޢަމަލު.

ޓެރަރިޒަމްގެ ކުށުގެ ތެރޭގައި ހިމެނޭ އަމަލުތަކުގެ ގޮތުގައި މީހެއްގެ ހަށިގަނޑަށް ބޮޑު އަނިޔާއެއް ދިނުމާއި ކުށް ކުރާ މީހާ ފިޔަވައި އެހެން މީހެއްގެ ފުރާނައަށް ނުރައްކަލެއް ކުރިމަތި ކުރުވުމާއި ގަދަކަމުން މީހަކު ފޮރުވުން ނުވަތަ ރަހީނެއްގެ ގޮތުގައި ހިފެހެއްޓުމާއި މުދަލަށް ބޮޑެތި ގެއްލުންތަކެއް ދިނުމާއި ފަސިންޖަރުން ނުވަތަ މުދާ އުފުލާ އުޅަނދެއް ހައިޖެކްކުރުން ފަދަ ކަންކަން ހިމެނެއެވެ. އަދި އާންމުންގެ ސިއްހަތަށް ނުވަތަ ސަލާމަތަށް ބޮޑު ނުރައްކަލެއް ވާ ފަދަ ހާލަތެއް ކުރިމަތިކުރުވުމާއި މުހިންމު އުމްރާނީ ވަސީލަތަކަށް ގެއްލުން ދިނުން ނުވަތަ އަސާސީ ހިދުމަތެއް މެދުކަނޑުވާލުމަކީ ވެސް ކުށެއް ކަމަށް ބިލްގައިވެ އެވެ.

މުހިންމު ޢުމްރާނީ ވަޞީލަތް ތަކެއް ކަމަށް ބިލުގައި ބުނެފައިވަނީ އެ ވަޞީލަތަކަށް ގެއްލުމެއް ދީފިނަމަ، ރާއްޖޭގެ ޤައުމީ ސަލާމަތަށް އެއްވެސް ނޭދެވޭ އަސަރެއް ކުރުވާފަދަ ކޮންމެ އެސެޓެއް ނުވަތަ ސިސްޓަމެއް ނުވަތަ ނެޓްވާރކެއްކަމަށް ބިލުގައި ވެއެވެ. އޭގެތެރޭގައި މާއްދީ ވަޞީލަތްތަކާއި އިންފްރާސްޓްރަކްޗަރ ވަޞީލަތްތަކާއި ފަސޭހަތައް ހިމެނޭނެކަމަށް ބިލުގައި ވެއެވެ. ނަމަވެސް ޤާނޫނު ހުއްދަ ކުރާޙާލަތުގައި ޙަޅުތާލެއް ކުރުމުގެ ސަބަބުން ނުވަތަ މަސައްކަތް ހުށްޓާލުމުގެ ސަބަބުން ނުވަތަ ޞުލްޙަވެރިކަމާއެކު އެއްވުމުގެ ސަބަބުން އާއްމު ޚިދުމަތެއް މެދު ކެނޑުމަކީ ޓެރެރިޒަމްގެ ޢަމަލެއް ކުރުން ކަމަށް ނުބެލެވޭނެކަމަށް ބިލުގައި ވަނީ ބަޔާން ކޮށްފައެވެ.

ހަނގުރާމަވެރި ހަތިޔާރެއް ނުވަތަ ގޮވާތަކެތި ބޭނުން ކުރުމާއި ވިޔަފާރި ކުރުމަކީ ޓެރަރިޒަމްގެ އަމަލުތަކުގެ ތެރޭގައި ހިމެނޭ އަމަލުތަކެއް ކަމަށް ވެސް ބިލްގައިވެ އެވެ. ހަނގުރާމަވެރި ހަތިޔާރުކަމަށް ބިލްގައި ބުނެފައިވަނީ އޮޓަމެޓިކް އަދި އެނޫންވެސް ބަޑި އާއި ގޮވާތަކެތި ހިމެނޭ ގޮތުން، އެއިން އާދައިގެ އާއްމު ހުއްދަ ބޭނުމެއް ކުރެވެން ނުހުންނަ، އެއްޗެތީގެ ތެރެއިން މީހަކު މަރާލެވިދާފަދަ ގޮތަށް ފަރުމާކޮށްފައި ހުންނަ ނުވަތަ މީހަކު މަރާލުމުގެ ޤާބިލް ހުރި ކޮންމެ ހަތިޔާރަކަށެވެ.

ގޮވާތަކެތި ކަމުގައި ބިލް ގައި ބުނެފައިވަނީ އާއްމު ބޭނުންތަކަށް ބޭނުންކުރުމަށް މަނާކޮށްފައިވާ ނުވަތަ ބޭނުންކުރުމަށް ސަރުކާރު ހުއްދަ ހޯދަންޖެހޭ އެއްޗެހީގެ ތެރެއިން، ވަކި ވަގުތެއް ޖެހުމުން ގޮވާ ގޮތަށް ހަދައިފައިވާ ތަކެއްޗާއި ގޮވާނެ ވަކިގޮތެއް ރޭވިފައި ހުންނަ ތަކެއްޗާއި ވިހަ އާއި ވިހަގޭހާއި، މީހުން މަރުވެދާ ފަދަ ބަޔޮކޮޖިކަލް ނުވަތަ ކެމިކަލް މާއްދާތަކާއި ރޭޑިއޯ އެކްޓިވް މާއްދާތައް ހިމެނޭ ގޮތުން، އޭގެ ޒާތުގައި ގޮވާ ކޮންމެ ވަޞީލަތަކަށެވެ.

ބިލުގައި މިކުށްތައް ކަނޑައަޅައިފައި ވީނަމަވެސް ބަޖިލީހުހައި ބަހުސް ފެށުމުން މި ކުށްތަކާ މެދު މެމްބަރުންގެ ޚިޔާލު ހުރިގޮތް އެނގިގެންދާނެއެވެ. މިކުށްތައް ބިލުގައިވާ ގޮތަށް ބާއްވާނީތޯ، ނޫންތޯ ކަނޑައަޅާނީ ބަހުސަށް ފަހު ބިލު ދިރާސާކޮށް ގޮތެއް ނިންމަވާ އިރުއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.