ސޫދާނުގެ ކުރީގެ ރައީސު ޢުމަރު ޙަސަން އަލްބަޝީރުގެ ވެރިކަން ފާއިތުވި އެޕްރީލްމަހު ނިމުމަކަށް އައި ފަހުން އެގައުމުގައި އެކުލަވާލެވުނު ފުރަތަމަ ސަރުކާރުގެ ކެބިނެޓް އިއްޔެ އިއުލާންކޮށްފިއެވެ.
ބޮޑުވަޒީރު ޢަބްދޫﷲ ޙަމްދޫކް، ސިޔާސީ މަޖިލީހާއި، ފޯސަސް ފޯ ފްރީޑަމް އެންޑް ޗޭންޖް (އެފްއެފްސީ) އާއި، ސިޔާސީ މަސްރަހުގައި އިސްކޮށް ހަރަކާތްތިވާ ފަރާތްތަކުގެ މަޝްވަރާއާއެކު، އެކުލަވާލައްވައި އިއްޔެ އިއްޔެ ހާމަކުރެއްވި ވަޒީރުންގެ މަޖިލީހުގައި 18 ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ. ބޮޑުވަޒީރު ޙަމްދޫކް ވިދާޅުވީ ފަހުން ދެ ބޭފުޅެއްގެ ނަން ހާމަކުރައްވާނެ ކަމުގައެވެ.
"އެއްބައިވަންތަ އަދި އެންމެންގެ ބައިވެރިވުން ހިމެނޭ ގޮތެއްގައި ސަރުކާރު މަސައްކަތް މިހާރުން މިހާރަށް ފަށައިގަންނާނެ." އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޙަމްދޫކް ވިދާޅުވިއެވެ.
"މިއަދު އަހަރުމެން މިފަށަނީ އަހަރުމެންގެ ތާރީޚުގެ އައު މަރުހަލާއެއް. އަހަރުމެން މަސައްކަތްކުރަމުން މިދަނީ ގައުމީ މަޝްރޫއެއް އެކުލަވާލައި ސޫދާނުގެ ދައުލަތު އޮނިގަނޑު އެކުލަވާލުމަށް" އޭނާ އިތުރަށް ވިދާޅުވިއެވެ.
އަލްބަޝީރުގެ 30 އަހަރުގެ ވެރިކަމުގައި ސޫދާން އޮތީ އެތެރޭގެ ހަމަނުޖެހުމާއި ބައިނަލްއަގްވާމީ އެކަހެރިކަމުގެ ތެރޭގައެވެ. 39 މަސްދުވަހުގެ އިންތިގާލީ މަރުހަލާގައި ސޫދާނުގެ އެތެރޭގައި ހަމަޖެހުން ގާއިމުކޮށް، ބައިނަލްއަގްވާމީ ސަފުގެ ކުރިއަށް ސޫދާން އަލުން ނެރުމަކީ ބޮޑުވަޒީރު ޙަމްދޫކަށް އޮތް އެންމެ ބޮޑު ގޮންޖެހުމެވެ.
ޙަމްދޫކް އެކުލަވާލި ވަޒީރުންގެ މަޖިލީހުގައި އަންހެން 4 ބޭފުޅަކު ތިއްބަވައެވެ. އޭގެ ތެރޭގައި ސޫދާނުގެ ފުރަތަމަ އަންހެން ޚާރިޖީ ވަޒީރު އަސްމާ މުޙައްމަދު ޢަބްދުﷲ ހިމެނިވަޑައިގަންނަވައެވެ. މީގެ އިތުރަށް ހަޔާ އެޑިޔުކޭޝް، ޔޫތު އެންޑް ސްޕޯޓްސް އަދި ސޯޝަން ޑިވެލޮޕްމަންޓް އެންޑް ވާކްސް މިނިސްޓަރުންގެ ގޮތުގައި އައްޔަންކުރެއްވީވެސް އަންހެން ބޭފުޅުންނެވެ.
އާ ސަރުކާރުގެ ފިނޭންސް މިނިސްޓަރަކީ ވާލްޑް ބޭންކުގެ އެކޮނޮމިސްޓެއްގެ ގޮތުގައި މަސައްކަތްކުރައްވާފައިވާ އިބްރާހީމް އަޙްމަދު އަލްބަދަވީ އެވެ.
އިންތިގާލީ މަރުހަލާއާ ގުޅޭ އެއްބަސްވުމުގައި ވާގޮތަށް ޑިފެންސް މިނިސްޓަރަށް އައްޔަންކުރެއްވީ ސިފައިންގެ ޖެނެރަލެކެވެ. އަދި ހޯމް މިނިސްޓަރަކަށް އައްޔަންކުރެއްވީ ފުލުހުންގެ އިސް އޮފިސަރެކެވެ.
އިންތިގާލީ ސަރުކުރާގެ 39 މަސްދުވަހުގެ މުއްދަތު ހަމަވުމަށްފަހު ވެރިކަމާ ހަވާލުވާނީ އާއްމު އިންތިޚާބަކުން ހޮވޭ ސަރުކާރެކެވެ.