މަރުކޮމިޝަންގެ ރިޕޯރޓްގައި ފާހަގަކޮށްފައިވާ މައްސަލަތަކާ ގުޅިގެން ކުރިއަށްދާނެ ގޮތަކާމެދު މަޖިލީހަށް ހުށަހެޅުންތަކެއް

މިނިވަން ނޫހުގެ ނޫސްވެރިޔާ އަޙްމަދު ރިލްވާން ޢަބްދުﷲ ގެއްލުވާލި މައްސަލައިގެ ރިޕޯރޓް ފާހަގަކޮށްފައިވާ މައްސަލަތަކާ ގުޅިގެން ކުރިއަށްދާނެ ގޮތަކާމެދު މަޖިލީހަށް ހުށަހެޅުންތަކެއް ހުށަހަޅުއްވައިފިއެވެ. މި ރިޕޯރޓްގެ ބަހުސްގައި މިހުށަހެޅުއްވުންތައް ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ މެމްބަރ ޙިސާން ޙުސައިންނެވެ. ޙިސާން ތިން ހުށަހެޅުއްވުމެއް ހުށަހެޅުއްވިއެވެ.

ފުތަމަ ހުށަހެޅުއްވުމަކީ ގެއްލުވާލާފައިވާ މީހުންނާއި ގޮތް ނޭނގޭ މަރުތަކުގެ މައްސަލަ ބަލާ ރިޔާސީ ކޮމިޝަނުންގެ ރިޕޯރޓް ދިރާސާކުރުމަށްފަހު ފުލުހުންގެ ޤާނޫނާއި ކަމާބެހޭ އެހެން ޤާނޫނުތައް ދިރާސާކޮށް އެ ޤާނޫނުތަކަށް ގެންނަންޖެހޭ އިޞްލާހޫތައް ފާހަގަކޮށް އެ އިސްލާޙުތައް ގެނައުމެވެ. ދެވަނަ ހުށަހެޅުމަކީ ރިޕޯރޓްގައި ފާހަގަކޮށްފައިވާ މައްސަލަތައް ބެލުމަށްޓަކައި އެކަމަށް ޚާއްޞަ އިޖުރާތުތައް ކަނޑައަޅައި އެ އިޖްރާތުތައް ޤާނޫނެއްގެ ސިފައެއްގައި ގެނައުމެވެ. ތިން ވަނަ ހުށަހެޅުމަކީ ރިޕޯރޓްގައި ފާހަގަކޮށްފައިވާ މައްސަލަތައް ކުރިއަށްދާގޮތް ބަލާ އެކަން ދިރާސާކުރުމަށް ދައުލަތުގެ ކަމާބެހޭ އެންމެހާ މުއައްސަސާތައް ހިމެނޭ ގޮތަށް ޓާސްކްފޯހެއް ރައްޔިތުންގެ މަޖިލީހުގެ ފަރާތުން އެކުލަވާލެއްވުމެވެ. މިހުށަހެޅުންތަކަށް ފޭދޫ ދާއިރާގެ މެމްބަރ އަޙްމަދު ނިހާދު ވަނީ ތާއީދު ކުރައްވައިފައެވެ.

ޙިސާން ވިދާޅުވީ އިތުރު ހިތްވަރެއްލައިގެން މަސައްކަތްކޮށްގެން ނޫނީ، ރާއްޖޭގައި "އަދިރިދައުލަތް" ބައްޓަންވެފައި ގޮތާއި މަސައްކަތްކުރާ ގޮތް ހުއްޓުވުމަށް، އެކަށީގެންވާ މަސައްކަތެއް ނުކުރެވޭނެކަމަށެވެ. އެކަންކުރުމުގެހިތްވަރާއި ކެރުންތެރިކަން މަޖިލީހުގައި ހުންނަން ޖެހޭކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.

ގަލޮޅު އުތުރު ދާއިރާގެ މެމްބަރ އީވާ ޢަބްދުﷲ ވިދާޅުވީ ރިލްވާން މަރާލާ ކަނޑު ފެއްތި މީހުން ސިރީއާއަށް ގޮސް މަރުވެފައި ވެދާނެކަމުގައެވެ. ނަމަވެސް އެކަން ރާވާއި އޯޑަރުދީ އެކަން އިންތިޒާމުކޮށް އެކަމަށް ފައިސާ ދޭމީހުން، ހިތްވަރުދީ އެބިރުވެރިކަން ފަތުރައި އަފަދަ އަނިޔާވެރިކަންކަކަމަކީ ކުރެވެންޖެހޭނެކަންކަމަށް ވިސްނައިދޭ މީހުން އަދިވެސް ސަލާމަތުން ތިބުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއްކަމަށެވެ.

ސުޢޫދުގެ ރިޕޯރޓުން ދެ ކަމެއް އެނގި ސާފުވެގެން ގޮސްފައިވާކަމަށް އީވާ ވިދާޅުވިއެވެ. އެއްކަމަކީ ރިލްވާނަށް ހެދިގޮތް ސާފުވުންކަމަށާއި އަނެއްކަމަކީ، އެއީ އިންތިޒާމުވެގެން ރާވައިގެން ކުރިކަމެއްކަމެވެ.

"ރިލްވާން ދެއްކި ވާހަކައަކަށް ރިލްވާންދެކެ އައިރުޅީގައި ގޮސް ރިލްވާން މަރާލީކީއެއް ނޫން. ކުރިޔާލާ ރާވާއިގެން ވިސްނައިގެން މަތިން އައި އޯޑަރަކަށް ފަހަތަށް ދެން ނުޖެހެވޭނޭ ވަރަށް ރާވައިގެން ދިވެހި ޒުވާނަކު މަރާލީ. އޭނާއާ ދިމާލަށް ލާދީނީއޭ ލާދީނީއޭ ގޮވަމުން ގޮސް އެންމެ ފަހުން އެދޯނި މަތީގައި އޭނާ މަރާލި ގަޑީގައިވެސް،ލާދީނީމީހެކޭ ބުނީމާ، އޭނާ ޝަހާދަތް ކީމާވެސް ވަރިހަމައޭ ކިޔާފައި އޭނާގެ ބޯ ބުރިކޮށްލާ ކަނޑުފެއްތީ" އަސަރާއެކު އީވާ ވިދާޅުވިއެވެ.

އީވާ ވިދާޅުވީ ރިލްވާން މާރާލި މީހުންނަށް ފާރަލައި ދިނީ ދިވެހި ފުލުހުން ނުކުމެ ކަމަށެވެ. މަރާލި މީހުންނަށް ޕާސްޕޯރޓްތައް ހަދައިދީ ސަލާމަތްކޮށްދިނީ ދިވެހި އިމިގްރޭޝަންގައި ތިބި ބަޔަކު ކަމަށެވެ. މިކަންކުރުމަށް ފައިސާ ދިނީވެސް ދިވެހި ފައިސާ ވެރިނާއި އޮޑިދޯނި ފަހަރާ ފޮތި ފިހާރަތަކާއި ތަންތަނުން ކަމަށެވެ. މިފަދަ ގޮތަކަށް ކަންކަން ހިނގާފައި ވުމުން އެ ޖަރީމާ ހިންގީ ދިވެހި ދައުލަތުންނޭ ނުބުނެވޭނެ އެއްވެސް ޖާގައެއް ނެތްކަމަށް އީވާ ވިދާޅުވިއެވެ.

އަޑީގައިވާ އަދިރި ބާރުގަދަ، ވަރުގަދަ ދައުލަތެއް، މިހާރު ރާއްޖޭގައި މިއޮތް ދައުލަތުގައި ވަކި ހިއްޕާލައިފައިވާކަމާ ދޭތެރޭ ޝައްކުރާނެ އިތުރު ޖާގައެއް ނެތް ކަމަށް އީވާ ވިދާޅުވިއެވެ. މީގެ އެތަކެއް އަހަރު ކުރިން އެ އަނދިރި ދައުލަތުގެ ވާހަކަ ރައީސް ނަޝީދު ދެއްކެވުމުން އޭރުގެ ސަރުކާރުން ބުނަމުން ދިޔައީ ރާއްޖޭގެ ނަން ހުތުރުކޮށް ބަދުނާމު ކުރަނީކަމަށް އީވާ ވިދާޅިވިއެވެ. އެއްވެސް މީހަކަށް އެމީހެއްގެ ދަރިންނަށް އެ ނުރައްކާ ނުވާނެކަމުގެ ޔަޤީންކަމެއް މިހާރަކު ނެތްކަމަށް އީވާ ވިދާޅުވިއެވެ.

ޤާނޫނަށާއި މުއައްސަސާތަކަށް ބަދަލުގެނެސް، މުޅި ފުލުސް އިންޓެލިޖެންސް ލުހެލައިގެން ނަމަވެސް، ދިވެހި ދައުލަތް މިކަމުގެ ތެރެއިން ސަލާމަތް ކުރަން ޖެހޭކަމަށް އީވާ ވިދާޅުވިއެވެ. އީވާ ވިދާޅުވީ ކުރިން ހީކުރެއްވީ ރިޕޯރޓް ހާމަކުރައްވާއިރު އެކަމުގައި ސާމިލްވާކަމަށް ޝަކުކުރެވޭ މީހުންގެ ޓެގް އެޅުވައި މީހުންނަށް ނުރަކާ ނުވާނެ ވަރު ކޮށްފައި އޮންނާނެކަމަށެވެ. މިހާރު ކުރެވޭ މަސައްކަތް ކުރިން ކުރެވުނުނަމަ ޔާމީން ރަޝީދު ސަލާމަތް ކުރެވުނީސް ކަމަށް އީވާ ވިދާޅުވިއެވެ.

 

 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.