އެސްލޯނު ހޮޅިބުރިއަކުން ވެމްކޯ މުއައްޒަފަކަށް ޙަމަލާދީފި

އެސްލޯނުު ހޮޅިބުރިން ހަމަލާދޭން ފެށުމުން ވެމްކޯ މުއައްޒަފު ސަލާމަތް ވެވޭތޯ މަަސައްކަތް ކުރަނީ. ފޮޓޯ: ސޯޝަލް މީޑިޔާ

ކުނި އުކާލުމަށް މާލެ ތެރޭގައި ޙަރަކާތްތެރިވާ ވެމްކޯގެ މުއައްޒަފަކަށް އެސްލޯނު ހޮޅިބުރިއަކުން މީހަކު ހަމަލާދީފިއެވެ.

މިއަދު ސޯޝަލް މީޑިޔާގައި ދައުރުވާން ފެށި މި ވީޑިޔޯގައި ފެންނަނީ ދިވެހި ފިރިހެނަކު ވެމްކޯ މުއައްޒަފަކާ ދިމާއަށް ވަރަށް ހަޑިހުތުރު ބަހުރުވައިން އެއްޗެހި ގޮވަމުން ގޮސް އެމީހާގެ އަތުގައި އޮތް ދިގު އެސްލޯނު ހޮޅިބުރިއަކުން ހަމަލާދޭ މަންޒަރެވެ.

ވެމްކޯ މުއައްޒަފާ ދިމާލަށް ހަޑިހުތުރު ބަހުރުވައިން އެއްޗެހި ކިޔަމުން ގޮސް ހޮޅިބުރިން ވެމްކޯ މުއައްޒަފުގެ ބޮލުގައި ޖެހުމާއެކު ވެމްކޯގެ މުއައްޒަފު ވަނީ އެމީހާ ހިފެހެއްޓޭތޯވެސް މަސައްކަތް ކޮށްފައެވެ. ނަމަވެސް އެމީހާގެ ގައިގައި ވެމްކޯ މުއައްޒަފު ހިފަހައްޓައިގެން އޮއްވައިވެސް އަތުގައި އޮތް ހޮޅިބުރިން ބުރަކަށްޓަށް ހަމަލާ ދިނުމާއެކު ވެމްކޯގެ މުއައްޒަފު ދެން ބެލީ އެމީހާ ދޫކޮށްލުމަށް ފަހު ދުރަށް ދިޔުމަށެވެ.

ވެމްކޯގެ މުއައްޒަފު ދުރަށް ދިޔުމުން އެމީހާ ވަނީ ހަޑިހުތުރު އެއްޗެހި ގޮވަމުން އައިސް އިތުރު ހަމަލާއެއް ހޮޅިބުރިން ދީފައެވެ. އެމީހާ ހަމަލާ ދެމުންދިޔައިރު ފެހި ކުލައިގެ ވެމްކޯ ޔުނިފޯމުގައި ހުރި މީހާ ވަނީ ގައިގައި އަތް ނުލާން އެދިފައެވެ. ދެމީހުންގެ މެދުގައި މާރާމާރީ ހިންގަން މެދުވެރިވި ސަބަބެއް ނޭނގެއެވެ. ވީޑިޔޯއިންވެސް ފެންނަނީ ހަމަލާދޭ މަންޒަރުކޮޅު އެކަންޏެވެ.

މި ވީޑިޔޯ މިއަދު ސޯޝަލް މީޑިޔާގައި ދައުރުވާން ފެށިނަމަވެސް މިއީ ސީދާ ކޮންއިރަކު ހިނގި ޙާދިސާއެއް ކަމެއް ކަށަވަރެއްނޫނެވެ. ވީޑިޔޯ އާންމުވުމާއެކު ބަޔެއް އަމިއްލަ ފަރާތްތަކުން ވަނީ އެސްލޯނު ހޮޅިބުރިން ހަމަލާދިން މީހާގެ ފުރިހަމަ މައުލޫމާތު ފޯރުކޮށްދިން ފަރާތަކަށް 5000 ރުފިޔާގެ ފައިސާގެ އިނާމުވެސް ހުށަހަޅާފައެވެ. އެއާއެކު އެތަށްބަޔަކު އެމީހާގެ ފުރިހަމަ ނަމާއި، އެޑްރެސް އަދި އައިޑީކާޑު ނަންބަރަށް ދަންދެން ސޯޝަލް މީޑިޔާގައި ޖަހަމުން ދިޔައެވެ. އަދި އެ "ނުބައިނުލަފާ ޝައިތޯނު" ވަގުތުން ހައްޔަރު ކުރުމަށް ފުލުހުންނަށް ގޮވާލަމުން ދިޔައެވެ.

ފުލުހުން ބުނީ އެ މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައުމާއެކު މިހާރު އެކަން ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމެންޓުން ބަލަމުން އަންނަ ކަމަށެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.