ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ޢިލްމީ ކުރިއެރުމާއި ބެހޭ ބައިނަލްއަޤުވާމީ މަހާސިންތާ (އައި.ސީ.އައި.އޭ) ގެ މި އަހަރުގެ މަހާސިންތާ މިއަދު ފަށައިފިއެވެ. މި އަހަރުގެ މަހާސިންތާގެ މައިގަނޑު ތީމް އަކީ "ޢިލްމު ޙިއްޞާކޮށް ޢިލްމު އުނގެނުމަށް ލޯބިކުރާ މުޖުތަމަޢެއް ބިނާކުރުން" މިއެވެ.
އައި.ސީ.އައި.އޭ 2019 ގެ ހުޅުވުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއަރޒް ޑރ.އަޙްމަދު ޒާހިރު ޢަލީ އާއި މިނިސްޓަރ އޮތް އެންވާރަމެންޓް ޑރ.ޙުސައިން ރަޝީރު ޙަސަން ބައިވެވަޑައިގެންފައިވެއެވެ.
ދެ ދުވަހުގެ މުއްދަތަކަށް ބާއްވާ މި މަހާސިންތާގައި ޖުމްލަ 50 ދިރާސާ ކަރުދާސް އަދި 5 ޕޯސްޓަރު ހުށަހަޅާއިރު އޭގެ ތެރޭގައި ސައުތު އޭޝިޔާގެ އެކި އެކި ޤައުމުތަކުގެ ބޭފުޅުން ހުށަހަޅުއްވާ 35 ކަރުދާހަކާއި ރާއްޖޭގެ ބޭފުޅުން ހުށަހަޅުއްވާ 15 ކަރުދާހެއް ހިމެނެއެވެ.
މި އަހަރުގެ މަހާސިންތާގައި ކަރުދާސް ހުށަހެޅިގެންދާނެ ދާއިރާތަކުގެތެރޭގައި ސައިކޮލޮޖީ، މެންޓަލް ހެލްތް، ކަރްކިއުލަމް، އިސްލާމިކް ސިވިލައިޒޭޝަން، ފައިނޭންސް، ޤްރުޢާނިކް ސައިންސް، ޝަރީޢާ އެންޑް ލޯ، ޕޮލިޓިކްސް އެންޑް ޑިޕްލޮމަސީ، ޑިޖިޓަލައިޒޭޝަން އަދި ލެންގްވިއެޖް އެންޑް ލިޓްރޭޗަރ ހިމެނެއެވެ.
2016 ވަނަ އަހަރުން ފެށިގެން ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީން ކޮންމެ އަހަރަކު ބާއްވަމުންދާ މި މަހާސިންތާގައި މި އަހަރު ކަރުދާސް ހުށަހަޅާ ފަރާތްތަކާއިއެކު ޖުމްލަ 300 އަށް ވުރެއްގިނަ މީހުން ބައިވެރިވެއެވެ. އަދި ބައިވެރިންގެ ތެރޭގައި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ޕޯސްޓްގްރެޖުއޭޓް ލެވަލް އަށް ކިޔަވާ ދަރިވަރުން އަދި އެހެނިހެން ޔުނިވަރސިޓީ/ކޮލެޖްތަކުގެ ދަރިވަރުން ހިމެނެއެވެ.
(ޚަބަރާއި ފޮޓޯ: އިސްލާމީ ޔުނިވަރސިޓީ)