ދިވެހިރާއްޖޭގައި ބާއްވާ އެންމެ ބޮޑު އެއް އިލްމީ ކޮންފަރެންސް ކަމަށްވާ އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) ގެ "އިންޓަނޭޝަނަލް ކޮންފަރެންސް އޮން އިންޓަލެކްޗުއަލް އެޑްވާންސްމަންޓް" (އައިސީއައިއޭ) މިއަދު ފަށައިފި އެވެ.
އައިޔޫއެމްގައި މިއަދާއި މާދަމާ ކުރިއަށްދާ މި ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިން, ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މުހައްމަދު އަސްލަމް އެވެ.
މީގެ އިތުރުން ރާއްޖޭގައި ހުންނަވާ އިންޑިއާ ސަފީރު މުނޫ މަހާވަރު އާއި ރާއްޖޭގައި އިނގިރޭސި ސަފީރު ކެރަން ރޮސްލާ ބައިވެރިވެވަޑައިގެންނެވި އެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝަރަފްވެރި މެހެމާން އަސްލަމް ވިދާޅުވީ އިސްލާމުންގެ ރަންޒަމާނުގައި މުސްލިމުންނަކީ ދުނިޔޭގެ އިލްމުގެ ކުރިބޯށި ކަމަށާއި ނަމަވެސް މިއަދު އެކަން ބަދަލުވެފައިވާ ކަމަށެވެ.
"މިއަދު ދުނިޔޭގައި މުސްލިމުންގެ އާބާދީ އަކީ 1.3 ބިލިއަން. އެކަމަކު ސައިންސްގެ ރޮނގުން ނޯބަލް އިނާމު ހާސިލްކޮށްފައިވާ މީހުންގެ ތެރޭގައި މުސްލިމުންގެ ނިސްބަތް އެއް ޕަސެންޓަށް ވެސް ނާރާ. މިއީ ކަންބޮޑުވާން ޖެހޭ ކަމެއް،" އަސްލަމް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ އިލްމު ނެތި ބާރުވެރިކަމެއް ނުހޯދޭނެ ކަމަށާއި އެހެންވެ ހުރިހާ މުސްލިމުން ދުނިޔޭގެ އެކިކަންކޮޅުތަކުގައި ފެތުރި އާ ހޯދުންތައް ހޯދައި އިލްމީ ގޮތުން ކުރިއަރަން ޖެހޭ ކަމަށެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަމުން އައިޔޫއެމްގެ ވައިސް ޗާންސެލަރު ޑރ. އިބްރާހީމް ޒަކަރިއްޔާ މޫސާ ވިދާޅުވީ މައުލޫމާތު ފެތުރުމުގެ ޒަރިއްޔާއެއްގެ ގޮތުން، މި ކޮންފަރެންސްގެ މަގުސަދަކީ، ވީހާ ވެސް ފުރިހަމަ ގޮތުގައި އިލްމު ހޯދިނުމަށް ދޮރުތަކެއް ހުޅުވައިދީ އެ ފަރާތްތަކަށް ހިތްވަރު ދިނުން ކަމަށެވެ.
އައިޔޫއެމް ޑެޕިއުޓީ ވައިސް ޗާންސެލަރ، ރިސާޗް އެންޑް އިނޮވޭޝަންސް ޑރ. ދީބާ މޫސާ ވިދާޅުވީ މިފަދަ ކޮންފަރެންސްތަކުގައި ދިރާސާތައް ހިއްސާކުރުމަކީ މުހިއްމު ކަމެއް ކަމާ މެދު ސުވާލެއް ނެތް ކަމަށާއި އެހެން ނަމަވެސް އެއަށް ވުރެ މުހިއްމީ އެ ދިރާސާތަކުގެ އަލިން އިޖްތިމާއީ، ސިޔާސީ އަދި އިގްތިސާދީ އެދެވޭ ބަދަލުތަކެއް އައުން ކަމަށެވެ.
"ދިރާސާތަކުގެ ހަގީގީ މަންފާ ލިބޭނީ ސަރުކާރާއި އެހެނިހެން ސްޓޭކް ހޯލްޑަރުންގެ އެކަށީގެންވާ ސަމާލުކަން ދިރާސާތަކަށް ލިބިގެން،" ދީބާ ވިދާޅުވި އެވެ.
އިލްމު ހިއްސާކޮށް އުނގެނުމަށް ލޯބިކުރާ މުޖުތަމައެއް ބިނާކުރުމުގެ މަގުސަދުގައި އައިޔޫއެމް އިން 2016 ވަނަ އަހަރުން ފެށިގެން ސިލްސިލާކޮށް ބާއްވަމުން އަންނަ މި ކޮންފަރެންސް، ކޮވިޑުގެ ސަބަބުން މިދިޔަ ދެ އަހަރު ބޭއްވީ ހައިބްރިޑްކޮށެވެ.
މި އަހަރުގެ ކޮންފަރެންސްގައި ރާއްޖެ އާއި ރާއްޖޭން ބޭރުގެ ވަރަށް ގިނަ އިލްމީ ބޭފުޅުން ބައިވެރިވެ ރިސާޗް ޕޭޕަރުތައް ހުށަހަޅުއްވަ އެވެ. އޭގެ ތެރޭގައި ދީނީ، އިގްތިސާދީ، އިޖްތިމާއީ، ސިއްހަތު، މީޑިއާ އަދި ސިޔާސަތާ ގުޅޭ ޕޭޕަރުތައް ހިމެނެ އެވެ. މީގެ އިތުރުން ޕެނަލް ޑިސްކަޝަން އެއް ވެސް އޮންނާނެ އެވެ.
އެހެން އަހަރުތަކޭ އެއް ފަދައިން މި އަހަރުގެ ކޮންފަރެންސްގައި ވެސް ވަރަށް ހާއްސަ ތިން ބޭފުޅަކު ކީނޯޓު ތަގުރީރު ދެއްވަ އެވެ. އޭގެ ތެރޭގައި މެލޭޝިއާގެ އިސްލާމިކް ޔުނިވާސިޓީގެ ކުރީގެ ރައީސް އަދި މެލޭޝިއާގެ ސެންޓްރަލް ބޭންކުގެ ޝަރީއާ އެޑްވައިޒަރީ ކައުންސިލްގެ މިހާރު ޗެއާމަން ޕްރޮފެސަރު ޑރ. މުހައްމަދު ދާއޫދު ބަކަރް ހިމެނިވަޑައިގަންނަވަ އެވެ.
މީގެ އިތުރުން ޔަމަނުގެ ސަނާގެ ޔުނިވާސިޓީ އޮފް ސައިންސް އެންޑް ޓެކްނޮލޮޖީގެ މުއައްސިސް އަދި ކުރީގެ ރައީސް ޕްރޮފެސަރު ޑރ. ދާވޫދު އަބްދުލްމަލިކް އާއި ޕާކިސްތާނުގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީގެ އިސްލާމިކް ރިސާޗް އިންސްޓިޓިއުޓްގެ ޑިރެކްޓަރު ޖެނެރަލް ޕްރޮފެސަރު ޑރ. މުހައްމަދު ޒިއާއުލް ހައްގު ވެސް ކީނޯޓު ދެއްވަވާނެ އެވެ.
ކޮންފަރެންސްގައި ރިސާޗު ޕޭޕަރުތައް ހުށަހަޅާނީ މައިގަނޑު ހަތަރު ތީމެއްގެ މައްޗަށެވެ.
ފުރަތަމަ ތީމަކީ ސޯޝަލް ސައިސަންސް، ހިއުމޭނިޓީސް އަދި އެޑިއުކޭޝަން އެވެ. މީގެ ސަބް ތީމުތަކަކީ ތައުލީމާއި ކަރިކިއުލަމް އާއި ސަގާފަތާއި ހެރިޓޭޖް، ލިންގިއުއިސްޓިކްސް އާއި ލިޓްރޭޗާ އަދި ބަސް، މީޑިއާ އާއި މާސް ކޮމިއުނިކޭޝަން، ހެލްތު އާއި ނާސިން އެންޑް ސޯޝަލް ވޯކް، ޕޮލިޓިކްސް އާއި ޑިޕްލޮމެސީ އާއި އިންޓަނޭޝަނަލް ރިލޭޝަންސް އަދި އިންސާނީ ހައްގުތަކާއި ޑިމޮކްރަސީ އެވެ.
ގުރުއާނިކް ސްޓަޑީސް، ޝަރީއާ އެންޑް ލޯގެ މައްޗަށް އެކުލެވޭ މައިގަނޑު ތީމުގެ ތެރޭ ހިމެނޭ ސަބް ތީމުތަކަކީ އިސްލާމީ ގާނޫނުތަކާއި ބައިނަލްއަގްވާމީ ގާނޫނު، ގުރުއާނިކް ސްޓަޑީސް، ކޮންޓެމްޕަރަރީ އިޝޫސް އިން އިސްލާމިކް ވޯލްޑް އަދި ރަސޫލާގެ ލީޑާޝިޕް އެވެ.
ޓޫރިޒަމް، ތިމާވެށި އަދި ޓެކްނޮލޮޖީގެ މައްޗަށް އެކުލެވޭ ތީމުގެ ތެރެއިން ކަރުދާސް ހުށަހަޅާ ސަބް ތީމުތަކަކީ ހަލާލް ޓޫރިޒަމް، މޫސުމީ ބަދަލުތައް، ދެމެހެއްޓެނިވި ތަރައްގީ އަދި އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ އެވެ.
މެނޭޖްމަންޓް، ވިޔަފާރި، އިގްތިސާދު، އެކައުންޓިން، ފައިނޭންސް އަދި ބޭންކިން އަކީ ވެސް މައިގަނޑު ތީމެވެ. މީގެ ދަށުގައި އިސްލާމިކް ފައިނޭންސް، ހިއުމަންސް ރިސޯސް މެނޭޖްމަންޓް، ޕަބްލިކް އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓް، ކެޕިޓަލް މާކެޓް އަދި މާކެޓިން އާއި ބްރޭންޑިން ސަބް ތީމުތަކަކަށް ހިމެނެ އެވެ.
ކޮންފަރެންސްގައި ޖުމްލަ 48 ރިސާޗް ޕޭޕަރު ހުށަހަޅާނެ އެވެ.