ޔޫ.އެން.އެފް.ސީ.ސީ.ސީ އާއި އެންވަޔަރަންމަންޓް މިނިސްޓްރީ ގުޅިގެން ވޯކްޝޮޕެއް ފަށައިފި

ޔުނައިޓެޑް ނޭޝަންސް ފްރޭމްވޯކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ޔޫ.އެން.އެފް.ސީ.ސީ.ސީ) އާއި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް ގުޅިގެން ތިން ދުވަހުގެ މުއްދަތަށް ޕެރެޑައިސް އައިލެންޑް ރިސޯޓުގައި ކުރިއަށްދާ "ވޯކްޝޮޕް ޓު މެކްސިމައިޒް ދަ ޕޮސިޓިވް އެންޑް މިނިމައިޒް ދަ ނެގެޓިވް އިމްޕެކްޓްސް އޮފް އިމްޕްލިމެންޓޭޝަން އޮފް ކްލައިމެޓް ޗޭންޖް ރެސްޕޯންސް މެޝަރސް" އިފްތިތާޙްކޮށްފިއެވެ. މި މަސައްކަތު ބައްދަލުވުން އިފްތިތާހްކޮށްދެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ޑރ. ޙުސެއިން ރަޝީދު ޙަސަންއެވެ. މަސައްކަތު ބައްދަލުވުން އިފްތީތާޙް ކޮށްދެއްވުމުގެ ގޮތުން ކުރެއްވި ތަޤްރީރުގައި ޑރ. ޙުސެއިން ރަޝީދު ވިދާޅުވީ އަޅުގަނޑުމެން ތިމާވެށީގެ ރެފިއުޖީންނަށް ވާން ބޭނުންނުވާކަމަށާއި އަޅުގަނޑުމެންގެ މުޅި ޙަޔާތް ހޭދަ ކުރަނީ މި ޖަޒީރާ ރަށްތަކުގައިކަމަށެވެ.

މިއަދު ފެށުނު މި މަސައްކަތު ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ މޫސުމަށް އަންނަ ބަދަލުތަކުން ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް ޤައުމުތަކުން ހިންގާ އެކިއެކި މަޝްރޫޢުތަކުގެ ސަބަބުން ކުރާ އަސަރުތައް ދެނެގަނެ، އެފަދަ އަސަރުތަކާއި ގުޅޭގޮތުން މެމްބަރު ޤައުމުތަކުގެ މެދުގައި މަޝަވަރާކޮށް ޚިޔާލުބަދަލުކުރުމެވެ.

 ޕެރިސް އެގްރީމެންޓުގެ ދަށުން، މެމްބަރު ޤައުމުތަކުން ޖައްވަށްދޫކުރާ ކާބަންގެ މިންވަރު ދަށްކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށްވަނީ އަޒުމު ކަނޑައަޅާފައެވެ. ނަމަވެސް މޫސުމަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުމަށް ހިންގާ މަޝްރޫއުތަކާއި އެކުލަވާލާ ސިޔާސަތުތަކުގެ ސަބަބުން ޤައުމުތަކަށް އިޖްތިމާއީ އަދި އިޤްތިޞާދީ ހެޔޮ ބަދަލާއި ނޭދެވޭ އަސަރު ކުރުމުގެ ފުރުސަތު އޮވެއެވެ. އެހެންކަމުން ދެމެހެއްޓެނިވި ތަރައްޤީގެ ސިޔާސަތުތައް އެކުލާވާލުމުގައި ތިމާވެއްޓަށްކުރާ ނޭދެވޭ އަސަރުކުޑަކުރުމުގެ ސިޔާސަތުތައް އެކަށައެޅުމުގައި، މިފަދަ ސިޔާސަތުތަކުގެ ސަބަބުން ކުރިމަތިވާ ނޭދެވޭ އަސަރު ކުޑަކޮށް އެފަދަ ސިޔާސަތުތަކުގެ ހެޔޮބަދަލު ގެނޭވޭ މިންވަރު އިތުރުކުރުމަށް މަސައްކަތްތަކެއް ކުރަންޖެހެއެވެ.

މި މަސައްކަތު ބައްދަލުވުމުގައި ސާޅިސް ޤައުމަކުން މަންދޫބުން ބައިވެރިވެއެވެ. މި މަސައްކަތު ބައްދަލުވުމުގެ އަމާޒަކީ ދޭދޭ ޤައުމުތަކާއި ބައިނަލްއަޤްވާމީ ޖަމާއަތްތައް ގުޅިގެން މެމްބަރު ޤައުމުތަކުގައި ހިންގާ މޫސުމަށް އަންނަ ބަދަލުތަކާއި ގުޅުންހުރި މަޝްރޫޢުތައް ހިންގުމަށް ބޭނުންވާ އިންސާނި ވަސީލަތް ތަރައްޤީ ކުރުމާއި މި ދާއިރާއިން ހޭލުންތެރިކަން އިތުރުކުރުމެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.