މިއީ އިގްތިސާދީ މަޝްރޫއުތައް ރޭވުމުގައި ގުދްރަތީ މާހައުލަށް އިހްތިރާމްކުރަންވީ ވަގުތު: މިނިސްޓްރީ

ފޮޓޯ: ރައްޔިތުންގެ މަޖިލިސް

މިއީ ދިރިއުޅުން ބައްޓަންކުރުމުގައި ގުދްރަތީ މާހައުލަށް އިހްތިރާމްކުރަންވީ ވަގުތު ކަމުގައި ތިމާވެށްޓާ ބެހޭ ވުޒާރާއިން ފާހަގަކުރައްވައފިއެވެ. ދުނިޔޭގެ ތިމާވެށި ދުވަހާ ގުޅިގެން އެ ވުޒާރާއިން ވަނީ ކުރު މުއްދަތުގެ އިގްތިސާދީ ފައިދާއަށްޓަކައި ގުދްރަތީ ވެށި ގުރްބާންކޮށް ވެށްޓަށް ލިބޭ ގެއްލުންތައް އަލުން އާރާސްތުކުރުމުގެ އުސޫލު ދޫކޮށްލައި ގުދްރަތީ މާހައުލާ ރައްޓެހި އަދި މާހައުލުގެ ސަލާމަތަށް ވިސްނައިގެން އިގްތިސާދީ މަޝްރޫއުތައް ރޭވުމަށް އިލްތިމާސްކުރައްވާފައެވެ. ދިވެހީންނަކީ ފަރުގެ ދަރީންނަށް ވީހިނދު ދިވެހީންގެ އަމަލުތަކާއި ދިރިއުޅުމުގެ ވައްޓަފާޅި ބިނާކުރާންވާނީ ވަށަައިގެންވާ ފަރުތަކާއި އެ ފަރުތަކާ ގުޅިފައިވާ ގުދްރަތީ ނިޒާމުތަކަށް ވީހާވެސް ގެއްލުން ކުޑަ ގޮތަކަށް ކަމަށް މިނިސްޓްރީން ވިދާޅުވެއެވެ. އަދި ގުދްރަތީ މާހައުލަކީ އޭގެ ޒާތުގައި ވެސް އަގުހުރި އެއްޗެއް ކަމާމެދު ފިކުރު ހިންގައި މާހައުލަށް އިހްތިރާމްކޮށް އިސްރާފުކުރުވަނިވި ގޮތުގައި ގުދްރަތި ވަސީލަތްތައް ބޭނުންކުރުމާއި ދުރުވުމަށް ވެސް އިލްތިމާސްކުރައްވާފައިވެއެވެ.

އެގޮތުން ގުދްރަތީ ވަސީލަތްތައް ބޭނުންކުރުމުގައި ވެސް މާހައުލީ ނިޒާމަށް ކުރާނެ އަސަރާއި މެދު ވިސްނުމުގެ މުހިއްމުކަން ފާހަގަކުރައްވާފައިވެއެވެ. އަދި މިހާރު މުޅި ދުނިޔޭގައި ފެތެރެމުންދާ ކޯވިޑް-19ެގ ބަލި މަޑުކަމަށް ފަހު އެނބުރި އައު އާއްމު ހާލަތަކަށް ދިރިއުޅުން ބައްޓަންކުރާއިރު ތިމާވެއްޓާ ރައްޓެހި ގޮތްތައް ޚިޔާރުކުރުމަށް އަޒުމު ކަނޑައެޅައި ފަރުދީ ޒިއްމާ އަދާކުރުމުގެ މުހިއްމުކަން ފާހަގަކުރައްވައެވެ. އެގޮތުން ގޭބިސީގައި އުފެދޭ ކުނި މަދުކުރުމާއި މޫދަށް ކުނި އުކުން ފަދަ އާދަތައް ދޫކޮށްލުމަށް އިލްތިމާސްކުރައްވާފައިވެެއެވެ. އަދި ހަމައެހެންމެ ގޭބިސީއަށް ބޭނުްނވާ ވަރަށްވުރެ އިތުރަށް އެއްޗެހި ނުގަތުމަށާއި، ގަނެފަިއ ހުންނަ ތަކެތީގެ ތެރޭގައި ހުންނަ އުކާނުލައި ބޭނުންކުރެވޭ ފަދަ ތަކެތި އަލުން ބޭނުންކުރުމަށާއި ތިމާވެށީގެ ދިފާއުގައި އަޑު އުފުލުމަށް ބާރު އަޅުއްވައެވެ.

އަލިފު ދާލުން ދުނިޔޭގެ ފެންވަރުގައި ތިމާވެށީގެ ދުވަހެއް ފާހަގަކުރަން ފެއްޓެވީ ދުނިޔޭގެ އެކި ގައުމުތަކަށް ދިމާވަމުންދާ ތިމާވެށީގެ މައްސަލަތަކާ މެދު ސަރުކާރުތަކާއި އާއްމުންގެ ސަމާލުކުން އިތުރުކޮށް ތިމަވެށްޓަށް ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމުގެ މަގްސަދުގައެވެ. ތިމާވެށި ދުވަސް ފާހަގަކުރާތާ މިއީ 46 ވަނަ އަހަރެވެ. ދުނިޔޭގެ ތިމާވެށި ދުވަހުގެ މިއަހަރުގެ ޝިއާރަކީ "ޓައިމް ފޯ ނޭޗަރ" އެވެ. ތިމާވެށި ދުވަހާ ގުޅިގެން މިއަހަރު އެންމެ ބޮޑު އިސްކަމެއް ދެނީ ދިރޭތަކެއްޗާ މެދު މީހުން ހޭލުންތެިރިކޮށް އެތަކެއްޗަށް އަޅާލައި ހިމާޔަތްކުރުމަށެވެ.

މިއަހަރުގެ ތިމާވެށި ދުވަހުގެ ޝިއާރު، "ޓައިމް ފޯ ނޭޗަރ" އާ ގުޅިގެން ސޯޝަލްމީޑިއާގައި ކުރެހުންތައް ހިއްސާކުރުމުގެ ފުރުސަތު މިނިސްޓްރީ އޮފް އެންވަޔަރޮންމެންޓުން ވަނީ އާއްމުންނަށް ހުޅުވާލާފައެވެ. ފޮޓޯތައް ހިއްސާކުރާނީ #WorldEnvironmentDayMv #ForNature މި ހޭޝްޓެގް ބޭނުންކޮށްގެންނެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.