އިންޑިއާގެ "އެންމެ ލޮބުވެތި" ސިޔާސީ ޝަޚްސިއްޔަތު ސުޝްމާގެ ވަކިވުން

އިންޑިއާގެ ކުރީގެ ޚާރިޖީ ވަޒީރު ސުޝްމާ ސްވަރާޖް އުފަންވެވަޑައިގަތީ 1952 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހުއެވެ. އަވަހާރަވީ 6 އޯގަސްޓް 2019 ގައެވެ.

ސުޝްމާއަކީ އިންޑިއާގެ އެންމެ ގަދަރުވެރި އެއް ސިޔާސަތުދާނެވެ. އެކަމަނާއަކީ ސުޕްރީމް ކޯޓުގެ ވަކީލެއްވެސް މެއެވެ. ނިސްބަތްވެވަޑައިގަންނަވަަނީ މިހާރު ވެރިކަން ކުރާ ބަހާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) އަށެވެ. ނަރެންދްރަ މޯދީގެ ފުރަތަމަ ދައުރުގެ ޚަރިޖީ ވަޒީރަކީ އެކަމަނާއެވެ. ވަޒީރުކަން ކުރެއްވީ 2014 ވަނަ އަހަރުން ފެށިގެން 2019 ވަނަ އަހަރާ ހަމައަށެވެ. އެކަމަނާއަކީ އިންދިރާ ގާނދީއަށް ފަހު ޚަރިޖީ ވަޒީރުކަން ކުރެއްވި ފުރަތަމަ އަންހެން ބޭފުޅާއެވެ.

ސުޝްމާ ވަނީ ހަތް ފަހަރެއްގެ މަތީން އިންޑިއާގެ ޕާލަމެންޓަށް ހޮވި ވަޑައިގެންފައެވެ. އަދި ތިން ފަހަރެއްގެ މަތީން ގާނޫނު ހަދާ މަޖިލީހަށް ހޮވި ވަޑައިގަތެވެ. 1977 ވަނަ އަހަރު އިންޑިއާގެ ސްޓޭޓެއް ކަމުގައިވާ ހަރިޔާނާގެ ސަރުކާރުގެ ކެބިނެޓް މިނިސްޓަރަކަށް އެކަމަނާ ވެވަޑައިގަތެވެ. އޭރު އުމުރުފުޅުން އެންމެ 25 އަހަރެވެ. ވުމާއެކު އެކަމަނާ ވެވަޑައިގަތީ އެ ސްޓޭޓްގެ ވަޒީރަކަށް ވެވަޑައިގަތް އެންމެ ހަގު ބޭފުޅާ ކަމުގައެވެ. 1998 ވަނަ އަހަރު ކުޑަ ދުވަސްކޮޅަކަށް ދިއްލީގެ ޗީފް މިނިސްޓަރުކަންވެސް ސުޝްމާ ކުރެއްވިއެވެ. އެއީ އެ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ޑިސެމްބަރު މަހާ ހަމައަށެވެ. އެކަމަނާ ވެވަޑައިގަތީ ދިއްލީގެ ފުރަތަމަ އަންހެން ޗީފް މިނިސްޓަރަށެވެ.

2014 ވަނަ އަހަރު އިންޑިއާގެ އާއްމު އިންތިޚާބުގައި ސުޝްމާ ވާދަ ކުރެއްވީ މަދްޔަ ޕްރަދޭޝްގެ ވިދީޝާގެ ގޮނޑިއަށެވެ. އެ ގޮނޑި އެކަމަނާ ކާމިޔާބު ކުރެއްވީ ހަތަރު ލައްކަ ވޯޓުގެ ތަފާތަކުންނެވެ. އިންޑިއާގެ ޚާރިޖީ ވަޒީރުކަމާ ހަވާލުވެ ވަޑައިގަތީ 26 މޭ 2014 ގައެވެ. އެމެރިކާގެ ނޫހެއް ކަމުގައިވާ "ވޯލް ސްޓްރީޓް ޖަރނަލް" ގައި ލިޔެފައިވާ ގޮތުގައި ސުޝްމާ އަކީ އިންޑިއާގެ ރައްޔިތުން އެންމެ "ލޯބިވާ" ސިޔާސަތުދާނެވެ.

ސިއްހީ އުޒުރަކާ ގުޅިގެން 2019 ވަނަ އަހަރުގެ އިންތިޚާބުގައި އެކަމަނާ ވާދައެއް ނުކުރައްވައެވެ. އެއީ ކިޑްނީ ބަދަލު ކުރުމާ ގުޅިގެން ހިރަފުހާ ދުރުގައި އުޅުއްވުމަށާއި، ފާރު އުފެދޭފަދަ ކަންތައް ނުކުރެއްވުމަށް ޑަކްޓަރުން އެންގެވުމާ ގުޅިގެންނެވެ. މޯދީ ސަރުކާރުގެ ވަޒީފާއަކުން އެކަމަނާ ނުފެނުނު ސަބަބަކީ އެއީއެވެ.

ސުޝްމާ އަވަހާރަވީ ހިތްޕުޅު ހުއްޓިގެންނެވެ. އެކަމަނާ އެންދުމުގެ ރަސްމިއްޔާތު އޮންނާނީ މިއަދުގެ ވަގުތެއްގައެވެ.

ސުޝްމާ އުފަންވެވަޑައިގަތީ ހަރްޔާނާގެ އަމްބަލާ ކާންތަށެވެ. ޕޮލިޓިކަލް ސައިންސްގެ ރޮނގުންނާއި ސާންސްކިރިތު ބަހުން ފުރަތަމަ ޑިގްރީ ހެއްދެވީ ސަނަތަން ދަރްމާ ކޮލެޖުންނެވެ. އޭގެ ފަހުން ޗަންދީގަޅްގެ ޕަންޖާބް ޔުނިވަރސިޓީން ގާނޫނީ ދާއިރާއިން ޑިގްރީއެއް ނެންގެވިއެވެ.

އަމަލީ މައިދާނަށް ނުކުމެ ވަޑައިގެން އެންމެ ފުރަތަމަ އަދާ ކުރެއްވީ ސުޕްރީމް ކޯޓުގެ ވަކީލެއްގެ މަގާމެވެ. އެއީ 1973 ވަނަ އަހަރުއެވެ. ސިޔާސީ ހަޔާތް ފެއްޓެވީ އަކިލް ބަރާތިޔަ ވިދްޔާރްތީ ޕަރީޝަދް ނަމަކަށް ކިޔާ ޕާޓީއަކުން 1970 ވަނަ އަހަރުގެ ތެރޭގައެވެ. އެކަމަނާގެ ފިރިކަލުން ސްވަރާޖް ކައުޝަލްއަކީ ޕާޓީގެ ލީޑަރު ޖޯޖް ފެރްނާންޑިސްގެ އެކުވެރިއެކެވެ. ލީޑަރުގެ ގާނޫނީ ޓީމުގެ މެންބަރެއްގެ ގޮތުގައި 1975 ވަނަ އަހަރު މަސައްކަތް ކުރެއްވިއެވެ. ބީޖޭޕީއާ ގުޅިވަޑައިގަތީ އިންދިރާ ގާނދީގެ މަޝްހޫރު އިމަރޖެންސީ އަށް ފަހުގައެވެ.

ބީޖޭޕީއާ ގުޅިވަޑައިގަތުމަށް ފަހު ވަރަށް ގިނަ ސިޔާސީ މަގާމުތައް ސުޝްމާ ފުރުއްވިއެވެ. އޭގެ ތެރޭގައި އިންފޮމޭޝަން މިނިސްޓަރުކަންވެސް ހިމެނެއެވެ. އަދި ޔޫނިއަން ހެލްތު މިނިސްޓަރުކަންވެސް ކުރެއްވިއެވެ. 2009 ވަނަ އަހަރުގެ އާއްމު އިންތިޚާބަށް ފަހު ލޯކް ސަބާގައި އިދިކޮޅު ޕާލަމެންޓަރީ ލީޑަރެއްގެ ގޮތުގައި ވަރަށް ފުރިހަމަ ޚިދުމަތްތަކެއް ކުރެއްވިއެވެ. މޮޅު ވާހަކަދެއްކުންތެރިއަކަށް ވުމާއެކު ފޯރި ގަދަ ބަހުސުތަކުގައި އެކަމަނާގެ ކުޅަދާނަކަން ވަނީ ދައްކަވައިފައެވެ.

ސުޝްމާއަށް ލިބިވަޑައިގެންފައި ވަނީ އެންމެ ބޭފުޅެކެވެ. އެއީ ބާންސުރީއެވެ. ބާންސުރީއަކީވެސް ގާނޫނީ ވަކީލެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.