ގަލޮޅު ދަނޑު ވަގުތީ ގޮތުން ބަންދުކުރުމުގެ މަސައްކަތް ފަށައިފި

ފޮޓޯ: ޕީއެސްއެމް ނިވްސް

ގަލޮޅު ބޯޅަދަޑު މަރާމާތު ކޮށް ނިމި ހުޅުވެންދެން ދިވެހި ޕްރިމިއާ ލީގް އާއި އަދި ކުރިއަށް ހުރި މުބާރާތްތައް ބާއްވާނީ ހުޅުމާލޭގައި ގާއިމުކުރެވިފައިވާ އެތްލެޓިކް ޓްރެކް ގައި ކަމަށް  ސްޕޯޓްސް މިނިސްޓްރީ އާއި ފޫޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފް.އޭ.އެމް.) ހާމަކޮށްފިއެވެ.

ގަލޮޅު ދަނޑު ވަގުތީ ގޮތުން ބަންދުކުރުމުގެ މަސައްކަތް އެ އޮފީހުން ކުރިއަށް ގެންދާކަން ހާމަކުރައްވަމުން ސްޕޯޓްސް މިނިސްޓަރ އަހުމަދު މަހުލޫފު ވިދާޅުވި ގޮތުގައި ދަނޑު ބަންދުކުރުމަށް އެ އޮފީހުން ނިންމެވީ އެދަނޑުގައި ބޮޑު މަރާމާތު ތަކެއް ކުރަންޖެހިފައިވާތީއެވެ. މިގޮތުން ސްޓޭޑިއަމްގެ ސީޓްތަކުގެ މިހާރުގެ ހާލަތަށް ބަލާއިރު އެ ސީޓުތައް ބޭނުން ކުރުމަކީ ރައްކާތެރި ކަމަކަށް ނުވާކަން ފާހަގަކުރެއްވިއެވެ.

ހުޅުމާލޭގެ އެތްލެޓިކް ޓްރެކް އަށް ބައްލަވާ ލައްވަމުން މިނިސްޓަރު މަހުލޫފު ވިދާޅުވީ އޮލިމްޕިކް ސްޓޭންްޑަޑަށް ހުޅުމާލޭގެ ޓްރެކް ހަދާފައި ހުރިކަމުގައި ބުނެވުނު ނަމަވެސް އެޓްރެކްގެ ހާލަތު ވަނީ އެއަށް ވުރެ ދަށް ފެންވަރެއްގައެވެ. މިގޮތުން ބޭރުގެ ކުންފުންޏަކަށް ކޮންޓްރެކްޓް ދީގެން ކުރީގެ ސަރުކާރުން ހައްދާފައިވާ ޓްރެކް އަކީވެސް އެހާ ފެންވަރު ރަގަޅު ޓްރެކެއް ނޫންކަމުގައި ވިދާޅުވިއެވެ.  

މަހުލޫފު ވިދާޅުވި ގޮތުގައި އެތްލެޓިކް މުބާރާތްތަކަށް ވުރެ ބޮޑަށް ހުޅުމާލޭގެ ދަނޑު މުސްތަޤްބަލްގައި ބޭނުން ކުރާނީ ފުޓްބޯޅަ މުބާރާތްތަކަށެވެ. އަދި އެދަނޑަކީ ކުޅިވަރުގެ އިތުރު ހަރަކާތްތަކެއް ހިންގޭ ވަރުގެ ބޮޑު ދަނޑެއްކަން ފާހަގަކުރެއްވިއެވެ.

          

       

       

އިބްރާހީމް ޠާހިރު
އިބްރާހީމް ޠާހިރަކީ ނޫސްވެރިކަމުގައި ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ކުޅަދާނަ، ހީވާގި ނޫސްވެރިއެކެވެ. މީގެ އިތުރަށް ރާއްޖޭގެ ސިޔާސީ ދާއިރާގެ ތަޖުރިބާކާރެކެވެ. ރައްޔިތުންގެ ޚާއްސަ މަޖިލީހުގައިވެސް މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.