ދައުރުން ބޭރު ޖަލްސާ ބާއްވަނީ ރައްޔިތުންނަށް އިންސާފު ހޯދައި ދިނުމަށް މަޖިލިސް ހުރަހަކަށް ނުވުމަށް: މެމްބަރުން

ދައުރުން ބޭރުގައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ބާއްވަނީ ރައްޔިތުންނަށް އިންސާފު ހޯދައި ދިނުމަށް މަޖިލީސް ހުރަހަކަށް ނުވުމަށް ކަމަށް ބައެއް މެމްބަރުން ވިދާޅުވެއްޖެއެވެ.

ޓެރެރިޒަމް މަނާކުރާ ޤާނޫނު އިޞްލާހުކުރުމަށް ދައުރުން ބޭރުގައި މިއަދު ހެދުނު ބޭއްވި ޖަލްސާގައި، މަޖިލީސް ބާއްވަން ޖެހޭ ސަބަބު ހާމަކޮށްދެއްވުމުގެ ބަހުސް ރިޔާސަތުން ހުޅުވާލެއްވުމުން އެމައްސަލައިގައި މެމްބަރުންގެ ޚިޔާލު ތަފާތު ވުން އުފެދިގެން ދިޔައެވެ.

ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރ މެދުހެންވާރު ދާއިރާގެ މެމްބަރ ޢަލީ ޢާޒިމް ވިދާޅުވީ އެމްޑީބީގެ މެމްބަރުން ސޮއިކޮށް ފޮނުއްވި ސިޓީގައި ޖަލްސާ ބާއްވަން ޖެހޭ ސަބަބު ވަރަށް ރަނގަޅަށް ބަޔާން ކޮށްފައިވާ އިރު އެސަބަބު ހާމަކުރުމަށް އިތުރަށް ބަހުސް ހުޅުވާލަން ޖެހޭކަމަށް ދެކެވަޑައި ނުގަންނަވާކަމަށެވެ. އެމްޑީޕީގެ ބައެއް އެހެން މެމްބަރުން ވެސް ވަނީ އެބަހުސް ހުޅުވާލެވޭނެކަމަށް ދެކެވަޑައި ނުގަންނަވާކަމަށް ވިދާޅުވަފައެވެ. އިދި ކޮޅު ބައެއް މެމްބަރުން ވިދާޅުވީ މަޖިލީސް ބާއްވަންޖެހޭ ސަބަބު ރަނގަޅަށް ހާމަކޮށްދެއްވޭނީ އެސަބަބު ބަޔާންކުރައްވާ ސިޓީ ފޮނުއްވި މެމްބަރުންނަށް ކަމުގައެވެ.

ޖަލްސާ ބާއްވަން ޖެހޭ ސަބަބު ހާމަކޮށްދެއްވަމުން ގަލޮޅު އުތުރު ދާއިރާގެ މެމްބަރ އީވާ ޢަބްދުﷲ ވިދާޅުވީ ޖަލްސާ ބާއްވަން ޖެހުނީ ރިޟްވާން ޢަބްދުﷲގެ މައްސަލައިގެ ތަޙްޤީޤް އިތުރަށް ކުރިއަށް ގެންދެވުމަށް ޤާނޫނީ ހުރަސްތަކެއް ހުރިކަމަށް ރައީސުލް ޖުމްހުރިއްޔާ ވިދާޅުވެފައި ވުމާއި ޤާނޫނު އިޞްލާޙުކުރެއްވުމަށް މަޖިލީހަށް ހުށަހެޅުއްވުމުން ކަމަށެވެ. ޤާނޫނަށް އިޞްލާހު ގެންނަނީ ހަމަ އެކަނި ރިޟްވާންގެ މައްސަލައިގެ ތަޙްޤީގަށް ނޫންކަމަށާއި އެ ރިޕޯރޓާ ގުޅިގެން ހާމަވެގެންދިޔަ އެތައް ބިރުވެރިކަމެއްގެ ހަޤީޤަތް ހޯދުމަށްކަމަށް އިވާ ފާހަގަކުރެއްވިއެވެ. ރާއްޖޭގައި ހައްދުފަހަނަޅައިފައިވާ މީހުން ހިންގަމުންދާ ޙަރަކާތްތަކާއި މިހާރު އެމީހުން ހިންގަމުންދާކަންތައްތައް ރަނގަޅަށް ތަޙްޤީޤް ކުރުމަށް ޓެރެރިޒަމް ޤާނޫނާއި ޖިނާޢީ އިޖުރާތުގެ ޤާނޫނަށް އިސްލާޙުގެނަންޖެހޭ ކަން ރައީސް ފާހަގަ ކުރައަވައިފައިވާކަން، އީވާ ފާހަގަކުރެއްވިއެވެ. ޚާއްޞަކޮށް ހައްޔަރުކުރަންޖެހޭ މީހުން ހައްޔަރުގައި ބޭތިއްބުމަށް ޤާނޫނު އިޞްލާޙްތަކެއް ބޭނުންވާކަން އީވާ ފާހަގަ ކުރެއްވިއެވެ. ދައުރުން ބޭރު ޖަލްސާ ބޭއްވުމަށް ސޮއިކުރެއްވީ، ރާއްޖޭގައި ހިނގަމުންދާ މިފަދަ ބިރުވެރިކަންކަމާއި ރިޟްވާން ޢަބްދުﷲ މަރާލިމީހުން ޤާނޫނުގެ ކުރިމައްޗަށް ގެނައުމަށް ހުރަހަކަށް ވެވަޑައިނުގެންނެވުމަށްކަމަށް އީވާ ވިދާޅުވި އެވެ. ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދާއި މަސައްކަތަށް އިޚްތިރާމް ކުރަންޖެހޭކަމަށާއި އެހެންނަމަވެސް އެފަދަ ބިރުވެރިކަމެއްގައި ޤައުމު އޮއްވާ މަޖިލީހުގެ މަސައްކަތުން، އެބިރުވެތިކަމުން ކިރިޔާވެސް ރައްޔިތުން ސަލާމަތްވާނެކަމުގެ ފުރުޞަތު އޮތިއްޔާ ކަމުގެ ހުރަހަކަށް މަޖިލީސް ވެގެން ނުވާނެކަމަށް މެމްބަރ އީވާ ވިދާޅުވިއެވެ.

ދައުރުން ބޭރު ޖަލްސާއެއް ބޭއްވުމަށް ޕާލަމެންޓްރީ ގްރޫޕުގައި އެވާހަކަ ދެއްކެވި މެމްބަރ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރ ޙަސަން ލަތީފު ވިދާޅުވީ ޤާނޫނަށް އިސްލާޙު ގެނައުމަށް ސަރުކާރުން ފޮނުވައިފައި އޮއްވާ އެމަސައްކަތް ނުކޮށް،މަޖިލީސް ޗުއްޓީގައި އޮވެއްޖެނަމަ މަޖިލީހަށް އިގިލި ދިއްކުރުމުގެ ފުރުޞަތު ރައްޔިތުންނަށް އޮންނާނެކަމަށެވެ. ފުރަތަމަ ދައުރުގައި މަޖިލީހުން ކުރިމަސައްކަތް ފާހަގަކުރައްވާ، މިފަދަ ކުޑަކުޑަކަމަކުންވެސް ރައްޔިތުންނަށް މަޖިލީސް މެމްބަރުންނަށް އިނގިލި ދިއްކުރުމުގެ ފުރުޞަތު ދީގެން ނުވާނެކަމަށް އޭނާ ވިދާޅުވިއެވެ.

މިއަދުގެ ޖަލްސާ ފަށްޓަވަމުން ރިޔާސަތުން ވިދާޅުވީ ދައުރުން ބޭރު ޖަލްސާތަކެއް ބާއްވައި ދިނުމަށް އެމްޑީޕީގެ ސިޓީގައި އެދިފައިވާކަމަށެވެ. ދައުރުން ބޭރުގެ ޖަލްސާ ބާއްވާ ސަބަބު ހާމަކުރުމަށް އެއްގަޑީއިރުގެ ބަހުސަކަށްފަހު ރިޔާސަތުން ވަނީ ބިލްގެ ފުރަތަމަ ކިޔުން އިއްވައިފައެވެ. މަޖިލީހުގެ ރައީސް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ ބިލްގެ ފުރަތަމަ ކިޔުން އިއްވުމަށްފަހު ސާފް ހަތް ދުވަސް ދޭންޖެހޭ ކަމަށް ޤަވާޢިދުގައި ބުނާ ކަމަށެވެ. ނަމަވެސް ތިންދުވަސް ދިނުމަށްފަހު ބިލްގެ ބަހުސް ފެށުމަށް ޖަލްސާއެއް ބޭއްވުމަށް ޕީޖީ ލީޑަރުން ނިންމަވައިފިނަމަ ތިންދުވަސް ފަހުން ޖަލްސާއެއް ބޭއްވޭނެކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.