ކުރީގެ ރައީސް ޢަބްދުﷲ ޔާމީނުގެ މައްޗަށް ކުރާ މަނީ ލޯންޑްރިންގެ ދަޢުވާގައި އެންޓިކަރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރައީސް މުއައްވިޒު ރަޝީދުގެ ހެކިބަސް ޝަރީޢަތުގެ މަޖިލިހުގައި މިއަދު ނަންގަވައިފިއެވެ. އޭނާގެ ހެކިބަސް ނަންގަވައިފައިވަނީ ނާއިބް ރައީސަކަށް ހުންނެވި އިރު މައްސަލައިގެ ތަޙްޤީޤުކުރުމުގައި ހިނގާ ދިޔަ ކަންތައްތަކާ ބެހޭގޮތުންނެވެ. ހެއްކެއްގެ ގޮތުގައި މުޢައްވިޒު ހުށަހަޅައިފައިވަނީ ދައުލަތުގެ ފަރާތުންނެވެ. ދައުލަތުގެ ފަރާތުންނާއި ދަޢުވާ ރައްދުވާ ޢަބްދުﷲ ޔާމީނާއި އެމަނިކުފާނުގެ ވަކީލުންގެ އިތުރުން މައްސަލަ ބައްލަވަމުންގެންދަވާ އިސް ޤާޒީ އަޙްމަދު ހައިލަމްވެސް ވަނީ، ދައުލަތުން ހެއްކެއްގެ ގޮތުގައި ހުށަހެޅުއްވި އޭސީސީގެ ރައީސް މުއައްވިޒު ރަޝީދާ ގިނަ ސުވާލު ތަކެއް ކުރިމަތި ކުރައްވައިފައެވެ.
ހެކިބަސް ދެއްވަމުން އޭސީސީގެ ރައީސް މުޢައްވިޒު ރަޝީދު ވިދާޅުވީ އެސްކްރޯ އެކައުންޓްގައިވާ ފައިސާ އަކީ ތުހުމަތު ކުރެވޭ އެސްއޯއެފްގެ ފައިސާ ނޫންކަން އެނގިވަޑައިގެންފައި ވަނީ އެމްއެމްއެމް އޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުން އެކަން އޭސީސީގެ ސަމާލުކަމަށް ގެންނެވުމުން އެކޮމިޝަނުން ހޯއްދެވި މަޢުމާތުތަކުން ކަމަށެވެ. އެއީ 2018 ވަނަ އަހަރުގެ ޑިސެމްބަރ މަސްތެރޭގައެވެ.
އެކްސްކްރޯ އެކައުންޓް ހުޅުވައިފައިވަނީ ވެސް މައްސަލަ ރައްދުވާ ޢަބްދުﷲ ޔާމީންގެ އިސްނެންގެވުމަށްކަމަށް ދައުލަތުން ހުށަހެޅި ހެކި ވިދާޅުވިއެވެ. އަދި ކުރީގެ ރައީސް ޢަބްދުﷲ ޔާމީނާ އޭސީސީން ސުވާލު ކުރައްވައިފައިވަނީ ތުޙުމަތެއް ކުރެއްވިގެން ނޫންކަމަށާއި މަޢުލުމާތު ސާފު ކުރެއްވުމުގެ ގޮތުން ކަމަށް ވިދާޅުވިއެވެ. އަދި އެމައްސަލައިގައި ޔާމީންއާ ބައްދަލުކުރައްވައިފައި ވަނީ ރައީސް އޮފީހުގައިކަމަށްވެސް މިއަދުގެ ޝަރީޢަތުގެ މަޖިލީހުގައި މުޢައްވިޒު ވިދާޅުވިއެވެ. ސުވާލުކުރެއްވީ އޭރު ކޮމިޝަންގެ ރައީސް ލުތުފީއާއި ނާއިބްރައީސް މުއައްވިޒުކަމަށް އޭނާ ވިދާޅުވިއެވެ. އާންމު އުޞޫލެއްގެ ގޮތުން ތަޙްޤީޤްތަކަށް ސުވާލު ކުރެވެނީ ކޮމިޝަނަށް ޙާޒިރުކޮށްގެން ކަމަށްވިއަސް ދައުލަތުގެ އެންމެ އިސްވެރިޔާކަމަށް ވުމުން އެގޮތަށް ކުރިއަށް ގެންދެވީކަމަށް ވިދާޅުވިއެވެ. އަނގަބަހުން ސުވާލު ކުރެއްވި ނަމަވެސް ތަޙްޤީޤްގެ ބަޔާންގެ ޓްރާފްޓް ރައީސް އޮފީހުން ތައްޔާރު ކުރައްވަން ބޭނުން ފުޅުވުމުން ތަޙްޤީޤުގެ ސުވާލު އީމެއިލުން ފޮނުވިފައިވާނެކަމަށް އޭސީސީގެ ރައީސް ވިދާޅުވިއެވެ. ތަޙްޤިޤް ބަޔާން ޑްރާފްޓް ރައީސް އޮފީހުން އެކުލަވާލެއްވި ނަމަވެސް އެ ބަޔާން ފައިނަލް ކޮށްފައިވަނީ ކޮމިޝަންގައި މަޝްވަރާ ކުރެއްވުމަށްފަހު އެކޮމިޝަނުން ކަމަށް އޭނާ ވިދާޅުވިއެވެ. އެމްއެމްޕީއާރސީގެ ޚިޔާނާތުގެ ފައިސާ އެސްއޯއެފްގެ އެކައުންޓުން ރައީސް ޔާމީންގެ އަކައުންޓަށް ދެފަހަރެއްގެ މަތިން އެއްމިލިއަން ޑޮލަރު ޖަމާ ކޮށްފައިވާ މައްސަލައިގައި ރައީސް ޔާމީނާ އޭސީސީން ސުވާލުކުރައްވައިފައިވަނީ 2016 އަދި 2017 ގައެވެ. ނަމަވެސް އެތަޙްޤީޤް ރިޕޯރޓް އެސީސީން އެކުލަވާ ލައްވައިފައި ވަނީ މިއަހަރުތެރޭގައި ކަމަށް މިއަދުގެ ޝަރީޢަތުގެ މަޖިލީހުގައި ވަނީ ސާފުވެގެން ގޮސްފައެވެ. ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކޮށްފައިވާ ފައިސާ އަކީ ކުރީގެ ނައިބްރައީސް އަޙްމަދު އަދީބް ރައީސަށް ޔާމީނަށް ދެއްވަންޖެހޭ ފައިސާ ކަމަށާއި ނަމަވެސް އެފައިސާ އެކައުންޓަށް ޖަމާވެފައި ވަނީ ކޮން އެކައުންޓަކުން ނުބައްލަވާކަމަށް ރައީސް ޔާމީން ތަޙްޤީޤުގައި ވިދާޅުވެފައިވާކަމަށް މުއައްވިޒު ވިދާޅުވިއެވެ.
ރައީސް އަރިހުގައި އެފައިސާ ދައްކަން ޖެހޭ ކަމަށް އަނގަބަހުން ވިދާޅުވި އަސާސް އަކީ ކޮބައިތޯ ދައުވާ ރައްދުވާ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން އޭސީސީގެ ރައީސް މުއައްވިޒު ރަޝީދާ ސުވާލު ކުރެއްވުމުން އޭނާ ވިދާޅުވީ އެސްއޯއެފް އިން ޖަމާވި ފައިސާ އަކީ ދައުލަތަށް ލިބެންޖެހޭ ފައިސާ ކަމަށްވާތީ އެހެން ދެންނެވީކަކަމަށެވެ. އެސްއޯއެފް އަށް އެވަގުތު ޖަމާވެފައިވާ ހުރިހާ ފައިސާއެއްގެ ތަފްޞީލްތައް ބެއްލެވި އިރު އެހުރިހާ ފައިސާ އަކީވެސް ދައުލަތަށް ލިބެންޖެހޭ ފައިސާތަކުގެތެރޭގައި ހިމެނޭ ފައިސާކަމަށް މުޢައްވިޒު ފާހަގަ ކުރެއްވިއެވެ. އެ ތަފްސީލް ހޯއްދަވައިފައިވަނީ އެމްއެމްޕީއާރްސީގެ މައްސަލަ ތަޙްޤީޤުކުރުމުގެ ތެރެއިން އެސްއޯއެފް އެކައުންޓަށް ވަދެ ނުކުމެފައިވާ ހުރި ފައިސާގެ މަޢުލޫމާތަކުން ކަމަށް އޭސީސީގެ ރައީސް ހެކިބަސް ދެއްވަމުން ވިދާޅުވިއެވެ.
އެކައުންޓްގައި ހުރި ފައިސާގައި މައްސަލައެއް އުޅެދާނެކަމަކަށް ވިދާޅުވެ އެފައިސާގައި އަތް ނުލުމަށް އޭސީސީން ރައީސް ޔަމީނަށް ސިޓީއަކުން އަންގައިވައިފައި ވަނީ 21 ފެބްރުއަރީ 2018 ގައި ކަމަށް މިއަދު ޝަރީޢަތުގެ މަޖިލީހުގައި ރައީސް ޔާމީން ވިދާޅުވިއެވެ. ނަމަވެސް އިންވެސްޓްމަންޓް އެކައުންޓަށް އޭގެ އަހަރެއް ކުރިން އެފައިސާ ވާނީ ޖަމާކޮށްފައި ކަމަށް ރައީސް ޔާމީން ވިދާޅިވިއެވެ.
އެސްކްރޯ އެކައުންޓް ހުޅުވުމަށްފަހު އެފައިސާ އެކައުންޓަށް ޖަވާވިކަން ބޭންކުން އެންގިތޯ ރައިސް ޔާމީން އޭސިސީގެ ރައީސާ ސުވާލުކުރެއްވުމުން ވިދާޅުވީ ބޭންކުން އަންގައިފައިވާ ވާކަމަށް ހަނދުމަފުޅު ނުވާކަމަށެވެ. އަދި އެކަން ވެރިފައި ނުކުރެއްވީ ކޮންމެ މަހަކު އެއްފަހަރު އޭސީސީއަށް އެމަޢުލޫމާތު ފިނޭންސުން ފޮނުވާގޮތަށް އެއްބަސް ވެފައި އޮތުމުން ކަމަށް އޭސީސީގެ ރައީސް ވިދާޅުވިއެވެ.
ރައީސް ޔާމީނުގެ އެކައުންޓަށް ޖަމާވި ފައިސާއަކީ ދައުލަތަށް ލިބެންވާ ފައިސާއެއްތޯ ނުވަތަ ނޫންތޯ ކަނޑައަޅުމަށް އެސްކްރޯ އެގްރިމަންޓުން ހޯއްދެވީ 12 މަސް ދުވަހުގެ މުއްދަތު މިއަހަރުގެ މާރޗް މަސްތެރޭގައި ހަމަވެގެން ގޮސްފައިވާކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. ނަމަވެސް އެމައްސަލައަށް ގޮތެއް ނިންމިފައި ނުވަނީ ކީއްވެގެންތޯ ރައީސް ޔާމީން މުއައްވިޒާ ސުވާލުކުރެއްވުމުން މުއައްވިޒު ވިދާޅުވީ އެމައްސަލައިގައި ގޮތެއް ނުނިންމެވިފައިވަނީ އެސްކްރޯ އެކައުންޓަށް ޖަމާވެފައި ވަނީ އެއްބަސްވުމުގެ ތިންވަނަ މާއްދާގައި ބުނާ ފައިސާ އެއް ނޫންކަމަށް ވާތީއެވެ. އަދި އެމްއެމްއޭގެ އެފްއައިޔޫއިން އޭސީސީގެ ސަމާލުކަމަށް ގެނައި ކަންތައްތަކާ ގުޅިގެން އެކަން ވަކިމައްސަލައެއްގެ ގޮތުގައި ތަޙްޤީޤްކުރެވެމުން ދާތީ ކަމަށް މުއައްވިޒު ވިދާޅުވިއެވެ.
ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާ ކުރައްވަމުން ގެންދަވަނީ އެސްކްރޯ އެގްރިމެންޓާ ޚިލާފަށް މޯލްޑިވްސް އިސްލާމިކް ބޭންކުގެ ސޭވިން އެކައުންޓުގައި ހުރި ތުހުމަތުކުރެވޭ އެއްމިލިއަން ޑޮލަރު އެ ބޭންކުގައި ހުޅުވައިފައިވާ ރައީސް ޔާމީންގެ އިންވެސްޓްމަންޓް އެކައުންޓަށް ޖަމާކޮށްފައިވާތީއެވެ. އެސްކްރޯ އެކައުންޓަށް ޖަމާކޮށްފައިވަނީ ކުރީގެ ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރުގެ އެކައުންޓުން ޖަމާކޮށްފައިވާ އެއްމިލިއަން ޑޮލަރެވެ.
ރައީސް ޔާމީންގެ މައްޗަށް ދައުލަތުން ކުރާ ދައުވާގައި ކިތާބީހެކީގެ ގޮތުގައި ހުށަހަޅައިފައިވާ އޭސީސީގެ ތަހްޤީޤީ ރިޕޯޓާއި ބޭންކް އެކައުންޓްތަކުގެ ސްޓޭޓްމަންޓްތައް ދިފާއަށް ލިބިފައި ނުވާތީ ދެން އޮންނަ އަޑއެހުމެއްގައި އެކަންކަމާ ބެހޭގޮތުން ސުވާލުކުރުމަށް ދައުލަތުން މިއަދު ޝަރީޢަތަށް ހުށަހެޅި ހެކި ޙާޒިރު ކުރެވޭނެކަމަށް މައްސަލަ ބައްލަވަމުން ގެންދަވާ އިސްގާޒީ ހައިލަމް ވިދާޅުވިއެވެ. މުއައްވިޒުގެ އިތުރުން ހަތް ހެއްކެއް ދައުލަތުން ވަނީ ރައީސްޔާމީނާ ދެކޮޅަށް ހުށަހަޅުއްވައިފައެވެ.
ރައީސް ޔާމީންގެ ފަރާތުން ދިފާޢީ ހެއްކެއްގެ ގޮތުގައި ހުށަހަޅުއްވައިފަނީ އެމްއެމްއޭގެ ކުރީގެ ގަވަރުނަރު އަޒީމާ އާދަމް އާއި އެމްއެމްއޭގެ ނޫސްބަޔާނަކާއި ސިވިލްކޯޓްގެ ގަޒިއްޔާއެކެވެ.