ރައީސް މައުމޫން ދަމާހަލާ ފުލުހަށް ގެންދިޔަ ހަނދާނެއް މިއަދަކުނެތް

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ކުރިން ދިރިއުޅުއްވި އަލިވާގެއަށް ޕެޕަރސްޕްރޭ ޖަހައި އެމަނިކުފާނު ދަމާހަލާ ފުލުސް އޮފީހަށް ގެންދިޔަ ހަނދާނެއް މިއަދު އެކަކުވެސްނެތްކަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ އެމަނިކުފާނަށް ތާއިދު ކުރުމުގެ ގޮތުން މާލޭގައި މިއަދު ހަވީރު ބޭއްވި ހަރަކާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"ސިޔާސީ ބޭފުޅުން ވިސްނައި ވަޑައިގަންނަވަން އެބަޖެހޭ މިއަދު އަހަރެމެން އެކަމަށްވުރެވެސް އަދި އަހަރެމެން ހުރިހާ ލީޑަރުންނަށްވުރެވެސް ރައްޔިތުންނަށާއި މުޅިދިވެހިރާއްޖެއަށްވެސް މުހިންމުވެގެންދަނީ ގައުމުކަން. ގައުމަކީ ކޯއްޗެއްތޯ ގައުމަކީ އަޅުގަނޑުމެން އެއް އުސޫލަކަށް ތަބާވާ ގާނޫނު އަސާސީއާއި، ގާނޫނުތަކާއި އަޅުގަނޑުމެންގެ ހަމަތަކާއި ސަގާފަތާއި އަޅުގަނޑުމެން އިހުތިރާމްކުރުމާއި މިކަހަލަ އެތައް ބައިވަރު ސިފަތަކެއް ހިމެނޭ އެއްޗެއް. ގައުމުގެ އިސްތިލާހުގެ ތެރޭގައި ނުވަތަ ގައުމުގެ ކޮންސެޕްޓްގެ ތެރޭގައި މި ހިމެނެނީ،" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ އެ ހުރިހާކަމެއް ދޫކޮށްލާފައި ސިޔާސީ ލީޑަރުން މިއުޅުއްވަނީ އެއްބޭފުޅަކަށްވުރެ ކުރިން އަނެއް ބޭފުޅަކު ވެރިކަމަށް ވަޑައިގަންނަވަން ކަމަށެވެ. އެކަމަކު އެކަން ކުރައްވަން އުޅުއްވަނީ އިންތިޚާބުގައި ވާދަކުރުމެއްނެތި ކަމަށްވެސް ވިދާޅުވިއެވެ.

"މިހާރު ބައްލަވަ ސްޕްރީމްކޯޓުގެ އަމުރެއް އެއޮތީ އެކިއެކި މީހުން ދޫކޮށްލަން. ލިސްޓުގެ އެންމެފުރަތަމަ ރައީސް ނަޝީދު. މިހާރު ރައީސް ނަޝީދު ވިދާޅުވެއްޖެ ދެން ތިމަންނާ ބޭނުމެއްނޫނޭ އިދިކޮޅު މީހުންނާ މަޝްވަރާ ކުރާކަށްވެސް. އެކަމަކު އިއްޔެއާ ޖެހެންދެން އިދިކޮޅު އެމްއޯޔޫއެއް ހަދައިގެން އޭގެތެރޭގައި ވާހަކަ ދެކެވިފައި މިވަނީ ކޮބައިތޯ ރިޔާސީ އިންތިޚާބަށް ނުކުންނާނެ އެއްކެންޑިޑޭޓަކީ،" ރައީސް ވިދާޅުވިއެވެ. އެހެންނަމަވެސް އެކަން އެގޮތަށް ނުވާނެކަމަށް ޕީޕީއެމްގެ ޕީޖީ މެންބަރުން ޓީވީގައި ވިދާޅުވާ އައްޑު އައްސަވަމުން ގެންދެވި ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އެއިން ކޮންމެ ބޭފުޅަކުވެސް ވިދާޅުވެފައިވަނީ އެކަން އެގޮތަށް ނުވާނެ ވާހަކަ ކަމަށް ރައީސް ވިދާޅުވިއެވެ.

"މިހާރު ރައީސް ނަޝީދު އެ ވިދާޅުވީ ނޫންތޯ މިހާރު މިއޮތީ ސްޕްރީމް ކޯޓުން ތިމަންނަ މިނިވަންކޮށްފައޭ، ދެން ތިމަންނަ އިދިކޮޅު މީހުންގެ ޚިޔާލެއް ނުހޯދާނަމޭ. އެކަހަލަ ހާލެއްގައި އަޅުގަނޑުމެން މިތިބީ" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ދެހާސް އަށްވަނަ އަހަރު ރައީސް މައުމޫންގެ ވެރިކަން ނިމުނު ދުވަސްކޮޅުން ފެށިގެން ދެންއައި ތިން އަހަރު ދިވެހިރައްޔިތުންނާއި ދިވެހި ރާއްޖެ އޮތީ ހިތްދަތިކަމާއި، ނާމާންކަމާއި، ބިރުވެރިކަމެއްގެ ތެރޭގައި ކަމަށެވެ. އަދި މުއައްސަސާތަކާއި މަދުރަސާތަކާއި ސިއްހީ އިދާއިރާތަކުގެ ހުރިހާ އިންފްރާސްޓްރަކްޗަރތައް ވަނީ ވީރާނާވެފައި ކަމަށްވެސް ވިދާޅުވިއެވެ.

ދިވެހިރައްޔިތުންގެ ހައްގުތައް ގާނޫނުއަސާސީގައި ކަނޑައެޅިފައިވިޔަސް އެހައްގުތައްވަނީ ނިގުޅައިގެންފައި ކަމަށްވެސް ވިދާޅުވިއެވެ. "ވެރިކަމުގައި ތިބެގެން ހައްގުތައް ގާނޫނާ ޚިލާފަށް ނިގުޅައިގަތުމަށްވުރެ ވަކި އަނިޔާވެރިކަމެއް ނުދެކޭނެ. އެއީ ބާރުވެރި ފަރާތުން ބާރުގައި ތިބެގެން ފަނޑިޔާރުން ހައްޔަރުކުރީ، ބާރުވެރި ފަރާތުން ބާރުގައި ތިބެގެން ސިޔާސީ ލީޑަރުން ހައްޔަރުކުރީ. މިސަރުކާރުން ނުކުރާނެ އެކަހަލަ ކަމެއް. ބާރުވެރި ފަރާތުން ހުރިހާ ބާރެއް އޮވެގެން އަދި ރައްޔިތުންގެ ހުރިހާ އިތުބާރަކާ އެ އަމާނާތް ހަވާލުކުރާ ފަރާތަކުން ހުރިހާކަމަކަށް ފުރަގަސްދީފައި ރައްޔިތުންގެ ހައްގަށް އަރައިގަތުން އެއީ ގާނޫނުއަސާސީގެ މާއްދާތައް އުވާލުން އަމިއްލައަށް،" އެމަނިކުފާނު ވިދާޅުވިއެވެ.

"ގާނޫނުން ލިބިދޭ ރައްކާތެރިކަން ސިފައިންނާއި، ފުލުހުން ފޮނުވައިގެން ވެރިއަކަށް ހުންނަ މީހަކު ނަގާލުމަށްވުރެ ބޮޑޫ ޖަރީމާއެއް ނުހިންގޭނެ. އެވަރުގެ ކަންތައް ކުރެއްވި ބޭފުޅެއް (ރައީސް ނަޝީދު) އެއީ. އަޅުގަނޑުމެން ޚިޔާލަށް ނާދޭ މިއަދު އެވާހަކައެއް. އަޅުގަނޑުމެން ޚިޔާލަކަށް ނާދޭ މިއަދަކު އަލިވާގެއަށް ޕެޕަސްޕްރޭ ޖެހިވާހަކައެއް. އަޅުގަނޑުމެން ޚިޔާލަކަށް މިއަދަކުނާދޭ ރައީސް މައުމޫން ދަމާހަލާ ފުލުހުންގެ އިދާރާއަށް ގެންދިޔަ ވާހަކައެއް،" ރައީސް ވިދާޅުވިއެވެ.

ގައުމު މިއަދު އުނިވެގެން އުޅެނީ ކޮންކަމެއްތޯ ވިދާޅުވެ އެމަނިކުފާނު މިއަދު ވަނީ ސުވާލު ކުރައްވައިފައެވެ. އޭގެ ޖަވާބުވެސް އެމަނިކުފާނު ދެއްވިއެވެ. "ގައުމުން އުނިވެގެން އުޅެނީ ކޮންކަމެއްތޯ. ޔާމީނަކީވެސް ކެކުރި ހައްދާ މީހެއް. އެކަމަކު ހުރިހާ ކެކުރި އެއްވަރުވެގެން އުޅޭތީ މި މައްސަލަ މިޖެހެނީ،" ރައީސް ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.