ކަންނެލި ޖަގަހަތަށް ހެދޭނީ ފަސް ތަރީގެ ރިސޯޓް ފެންވަރުގައި: އެމްޑީޕީގެ މެމްބަރުން

ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ކަންނެލި ޖަގަހަތައް ނުވަތަ އޯފް ޝޯ ޕްލެޓްފޯމްތައް ހެދޭނީ ފަސްތަރީގެ ރސޯރޓް ފެންވަރުގައި ކަމަށް އެމްޑީޕީގެ ބައެއް މެމްބަރުން ވިދާޅުވެއްޖެއެވެ. ކަންނެލި ޖަގަހަތައް ޤާއިމް ކުރުމާބެހޭގޮތުން ހުށަހެޅިފައިވާ ޤަރާރާ ބެހޭގޮތުން ވާހަކަ ދެއްކެވި އެމެޑީޕީގެ މެމްބަރުން ވިދާޅުވީ ޕްލެޓް ފޯމްތަކުގެ މައިގަނޑު މަސައްކަތަކަށް ވާނީ މަސްގަނެ މަސް ޕްރޮސެސްކުރުން ކަމުގައިވިއަސް އެ ވިޔަފާރިއާއެކު އެތައް ބައިވަރު ވިޔަފާރިއެއް އެތަނުގައު ފުޅާ ވެގެންދާނެ ކަމުގައެވެ.

އޯފް ޝޯ ޕްލެޓުފޯމުތައް ޤާއިމް ކުރުމުގެ ވާހަކަ ދައްކަނީ އެއީ ކުރެވޭނެ ކަމެއްކަން ޔަޤީން ކުރުމަށްފަހު ކަމަށް އެމްޑީޕީގެ މެމްބަރުން ވިދާޅުވިއެވެ. އަދި އެކަމާ ގުޅޭ ދިރާސާތައްކޮށް ކަމާބެހޭ ބޭރުގެ ތަޖުރިބާކާރުންނާއެކު މަޝްވަރާކޮށްފައިވާނެކަމަށްވެސް އެ މެމްބަރުން ވިދާޅުވިއެވެ.

ހުޅުދޫ ދާއިރާގެ މެމްބަރ އިލްޔާސް ލަބީބު ވިދާޅުވީ އެ ޕްލެޓްފޯމްތަކުގައި މަސްވެރިން މުނިފޫހި ފިލުވޭނެ އިންތިޒާމާއި ސްޕާތައްވެސް ގާއިމް ކުރެވޭނެކަމަށެވެ. ރާއްޖޭގެ ހަތަރު ސަރަހައްދެއްގައި ޕްލެޓުފޯމުތައް ގާއިމް ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ދާންދޫ ދާއިރާގެ މެމްބަރ ޔަޢުޤޫބު ޢަބްދުﷲ ވިދާޅުވީ ކަންނެލި ޖަގަހަތައް ހެދުމާ ބެހޭގޮތުން އޭނާ ހެދި ދިރާސާ އިން އެނގޭ ގޮތުގައި ފުރަތަ ފަށައިގަންނައިރު ޖަގަހަކަށް 10 މިލިއަނާ 15 މިލިއަނާ ދެމެދުގެ ޑޮލަރު ޚަރަދުވާނެއެވެ.  އަދި ފަސް އަހަރާ ތެރޭގައި އެކަމަށް ކުރާ އިންވެސްޓްމެންޓް ރިކަވަރ ކުރެވޭނެކަމަށް އޭނާ ވިދާޅުވިއެވެ. އެހެން ކަމުން އިންވެސްޓްމަންޓް ނަޒަރަކުން ބަލާ ކަމަށްވާނަމަ ކަންނެލި ޖަގަހަ ތަކަކީ ވަރަށް ރަނގަޅު އިންވެސްޓް މެންޓެއްކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ. ސޯލާ އޭނާޖީ ބޭނުންކޮށްގެން ކަރަންޓް އުފެއްދޭނެކަމަށް މާހިރުން ވިދާޅުވާތީ އެވެސް މާބޮޑު ޚަރަދު ތަކެއް ނުކޮށް އިންވެސްޓަރުންނަށް ކުރެވެން އޮތްކަމެއްކަން އޭނާ ފާހަގަ ކުރެއްވިއެވެ.

ކަންނެލި ޖަގަހަ ތަކުގެ މެއިން އިންކަމަކީ މަސްގަތުމާ މަސް ޕްރޮސެސް ކުރުން ކަމުގައި ވިއަސް ތެޔޮ ވިއްކައިގެންނާއި އައިސް ވިއްކައިގެންނާއި އެނޫންވެސް ޚިދުމަތްތައް ދީގެން އިންވެސްޓަރުން އިތުރު އާމްދަނީ ހޯދޭނެކަން މެމްބަރ ޔަޢްޤޫބް ފާހަގަ ކުރެއްވިއެވެ. އެންމެ މުހިންމު ކަމަކީ މަސްތާޒާކަންމަތީ ޕްރޮސެސްކޮށް ސީދާ އެޕްލެޓްފޯމްތަކުން ރާއްޖެއިން ބޭރަށް ފޮނުވޭނެ އިންތިޒާމު ހަމަޖެހި ރަނގަޅު އަގެއް ލިބިގެން ދިއުންކަން އޭނާ ފާހަގަ ކުރެއްވިއެވެ.

ކަންނެލި ޖަގަހަތައް ހެދުމާ ބެހޭގޮތުން އެމްޑީޕީ ހުށަހެޅި ޤަރާރާ މެދު އިދިކޮޅު ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. އެމްޑީޕީގެ ގަރާރުތަކަކީ މަސްވެރިން، މަސްވެރިކަން ކުރާ ވައްޓަފާޅި އެނގިގެން ހުށަހަޅައިފައިވާ ޤަރާރުތަކެއް ނޫންކަމަށް އިދިކޮޅު މެމްބަރުން ވިދާޅުވިއެވެ. އެޤަރާރުތަކުގައި ވަނީ ޚިޔާލީ ވާހަކަ ތަކެއްކަމަށާއި އެއްޤަރާރު އަނެއްޤަރާރާ ފުށު އަރާކަން ފާހަގަ ކުރެއްވިއެވެ.

އެމްޑިޕީގެ މަސްވެރިކަމުގެ ޤަރާރުތަކަށް އެންމެ ބޮޑަށް ފާޑު ވިދާޅުވާ ނައިފަރު ދާއިރާގެ މެމްބަރ އަހްމަދު ޝިޔާމް ވިދާޅުވީ އެމްޑީޕީއިން މަޖިލީހަށް ހުށަހެޅި ގަރާރުތަކަކީ "ލާހޫރޭ" ގަރާރުތަކެއް ކަމަށެވެ. މަސްވެރިންނަށް ދިމާވާ ޙަޤީޤީ މައްސަލަތަކަށް ރިޢާޔަތް ނުކޮށް ހުށަހަޅައިފައިވާ ޤަރާރުތަކެއްގެ ގޮތުގައި އެޤަރާރުތައް އޭނާ ސިފަ ކުރެއްވި އެވެ. އޮފް ޝޯ ޕްލެޓުފޯމުތައްވެސް ގޮސް ނިމެނީ ނާސިގެތަކަކަށް. ނޫނީ ސްޕާތަކަކަށް ކަމަށް އޭނާ ވިދާޅުވިއެވެ.

އޮފްޝޯ ޕްލެޓް ފޯމްތައް ހެދުމުގެ ބަދަލުގައި މިހާރު މަސްވެރިންނަށް ދިމާވެފައިވާ މައްސަލަތައް ޙައްލުކުރެއްވުމަށް އޭނާ ގޮވާލެއްވިއެވެ. އަދި މިހާރު ހުރި ވަޞީލަތްތަކުގެ ބޭނުން ހިފައިގެން މަސްވެރިކަން ތަރައްޤީ ކުރެއްވުމަށް އޭނާ ގޮވާލެއްވިއެވެ.  30 ހަކަށް މިލިއަން ޑޮލަރު ޚަރަދުކޮށްގެން ފެލިވަރުގެ ކެޕޭސިޓީ އިތުރުކުރުމުން މަސްކިރުމަށް ދިމާވާ މައްސަލަތައް ހައްލުވެގެންދާނެކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.

ޝިޔާމް ވިދާޅުވީ މަޖިލީހަށް ހަތަރު ޤަރާރު ހުށަހެޅުނު އިރު އެންވެރިކަން ހިމާޔަތް ކުރުމުގެ ވާހަކަ އެއްވެސް ޤަރާރެއްގައި ނުވާކަމަށެވެ. 20 ކަންނެލި ޖަގަހަ ހަދާ އެތަނަށް ބޭނުންވާ ވަރަށް މަސްހޯދާނީ ކިހިނެއްތޯ އޭނާ ސުވާލު އުފެއްދެވިއެވެ. ރާއްޖޭގެ ހަތަރު ސަރަޙައްދެއްގައި 20 ކަނަންނެލި ޖަގަހަ ހެދޭނެކަމަށް އެމްޑީޕީގެ ބައެއް މެމްބަރުން ބިލްގެ ބަހުސްގައި ވާހަކަ ދައްކަމުން ވިދާޅުވިއެވެ.

ދިވެހިން މަސްވެރިކަންކުރާ ސަރަހައްދުތައް ފާހަގަކޮށް އޮފްޝޯ ޕްލެޓްފޯމުތައް ޤާއިމްކުރުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު ހުށަހަޅުއްވާފައިވާ ޤަރާރު ރައްޔިތުންގެ މަޖިލީހުން މިއަދު ވަނީ ބަލައިގެންފައެވެ. އެ ޤަރާރު މަޖިލީހުން ބަލައިގަތީ 71 މެމްބަރުންގެ އަޣްލަބިއްޔަތުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.