ޓިއުނީޝިޔާގެ ރައީސު އަވަހާރަވެއްޖެ

ޓިއުނީޝިޔަގެ ރައީސު އަލްބާޖީ ޤާއިދު އައްސިބްސީ

އުތުރު އެފްރިކާގެ އަރަބި ގައުމެއް ކަމުގައިވާ ޓިއުނީޝިޔާ (ތޫނިސް) ގެ ރައީސު ބާޖީ ޤާއިދު އައްސިބްސީ އަވަހާރަވެއްޖެއެވެ. ދުނިޔޭގައި ތިއްބެވި އުމުރުފުން އެންމެ ދުވަސްވީ ލީޑަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އައްސިބްސީ އަވަހާރަވީއިރު އުމުރުފުޅަކީ 92 އަހަރެވެ. އޭނާއަކީ ޓިއުނީޝިޔާގައި ޑިމޮކްރެޓިކް އިންތިޚާބަކުން ހޮވިވަޑައިގަތް ފުރަތަމަ ރައީސެވެ.

ރޭގެ ވަގުތެއްގައި ކުއްލި ގޮތަކަށް އަސްކަރީ ހޮސްޕިޓަލަކަށް ގެންދެވުނު ފަހުން އައްސިބްސީ ހާލުކޮޅާ ބެހޭ މައުލޫމާތެއް ހާމަކޮށްފައި ނުވެއެވެ. އޭނާގެ ދަރިކަލުން ޙާފިޘު ޤާއިދު އައްސިބްސީވެސް ބައްޕާފުޅު އަތްޕުޅުން އިޝާރާތްކުރައްވަނިކޮށް ނަގާފައިވާ ފޮޓޯއެއް އާއްމުކުރެއްވުން ފިޔަވައި އެހެން އެއްޗެއް ހާމަކުރައްވާފައި ނުވެއެވެ.

ޓިއުނީޝިޔާގެ ރައީސު އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރައީސު އައްސިބްސީ އަވަހާރަވީ ބުރާސްފަތި ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ވެރިރަށް ޓިއުނިސްގެ އަސްކަރީ ހޮސްޕިޓަލުގައި ކަމުގައެވެ.

"މާތް ﷲގެ އިރާދަފުޅުން އޭނާއަށް ފާފަފުއްސެވުމަށް އަހަރުމެން އެދި ދަންނަވާ، ރައީސުލް ޖުމްހޫރިއްޔާ މުޙައްމަދުލް ބާޖީ ޤާއިދު އައްސިބްސީ ވަނީ މިއަދު، ބުރާސްފަތި 25 ޖުލައި ވީ ދުވަހު، 10: 25 ގައި (ރާއްޖޭ ގަޑިން މެންދުރު ފަހު 2:25) ގައި އަވަހާރަވެފައެވެ." ޓިއުނީޝިޔާގެ ރައީސު އޮފީހުން ނެރުނު ބަޔާނުގައި ވެއެވެ.

2011 ވަނަ އަހަރު ރައްޔިތުން ނުކުމެ އޭރުގެ ރައީސު ޒައިނުލް ޢާބިދީބް ބިން ޢަލީ ވެރިކަމުން ދުރުކުރުމަށްފަހު، އަލްސިބްސީ ވެރިކަމާ ހަވާލުވެވަޑައިގެންނެވީ ބޮޑުވަޒީރެއްގެ ގޮތުގައެވެ. އޭގެ ތިން އަހަރު ފަހުން ބޭއްވި ރިޔާސީ އިންތިޚާބުގައި ވާދަކުރައްވައި އޭނާ ކާމިޔާބު ހޯއްދެވިއެވެ.

ޓިއުނީޝިޔާއަކީ އަރަބި ގައުމުތަކުގައި ތިއްބެވި ޚުދްމުޚުތާރު ވެރިންނާ ދެކޮޅަށް އާއްމު ރައްޔިތުން ނުކުމެ 'އަރަބި ރަބީއު' ފެށި ގައުމެވެ. އަދި ކާމިޔާބު ކަމާއެކު އެ ރަބީއު ދެމެހެއްޓިފައި ވަނީވެސް އެގައުމުގައި އެކަންޏެވެ.

ރައީސު އައްސިބްސީ އަވަހާރަވުމާ ގުޅިގެން ގާނޫނުހަދާ މަޖިލީހުގެ ރައީސު މުޙައްމަދު އަންނާޞިރު ވަނީ ވަގުތީ ގޮތުން ރައީސުކަމާ ހަވާލުވެވަޑައިގެންފައެވެ. ގާނޫނު އަސާސީ ބުނާގޮތުން ގިނަވެގެން 90 ތެރޭގައި އިންތިޚާބެއް ބާއްވައި އައު ރައީސަކާ ވެރިކަން ހަވާލުކުރަން ޖެހެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.