ޓިއުނީޝީޔާގެ ރައީސު ދެވަނަ ދައުރަކަށް ކުރިމަތިނުލައްވަން ނިންމަވައިފި

ޓިއުނީޝިޔާގެ ރައީސު އަލްބާޖީ ޤާޔިދު އައްސިބްސީ އޭނާގެ ޕާޓީ ނިދާ ތޫނިސްގެ ބައްދަލުވުމުގައި އިއްޔެ ވާހަކަފުޅުދައްކަވަނީ

ޓިއުނީޝިޔާގެ ރައީސު އަލްބާޖީ ޤާޔިދު އައްސިބްސީ ރިޔާސި ދެވަނަ ދައުރަކަށް ކުރިމަތިނުލައްވަން ނިންމަވައިފިއެވެ. 2014 ވަނަ އަހަރުން ފެށިގެން ރައީސުކަން ކުރައްވަމުން ގެންދަވާ އުމުރުފުޅުން 92 އަހަރުގެ އައްސިބްސީގެ ނިންމެވުން މިއައީ، ދެވަނަ ދައުރަކަށް ކުރިމަތިލައްވަން އޭނާގެ ޕާޓީން ގޮވާލަމުން ދަނިކޮށެވެ.

އަލްޖީރިޔާގެ ކުރީގެ ރައީސު ޢަބްދުލްޢަޒީޒު ބޫތަފްލީޤާ ފަސްވަނަ ދައުރަށް ކުރިމަތިލައްވަން ނިންމެވުމާ ގުޅިގެން، އެގައުމުގެ ރައްޔިތުން މަގުމައްޗަށް ނުކުމެ އޭނާ އިސްތިއުފާދެއްވަން މަޖުބޫރުކުރުމާއެކު ޓިއުނީޝިޔާގެ މީސް މީޑިޔާ އެކްޓިވިސްޓުންނަށް ވަނީ ހިތްވަރު ލިބިފައެވެ. އެމީހުން ވަނީ އައްސިބްސީ ދެވަނަ ދައުރަކަށް ކުރިމަތިލެއްވުމާ ދެކޮޅަށް އަޑުއުފުލަން ފަށާފައެވެ.

ޓިއުނީޝިޔާގައި 2014 ވަނަ އަހަރު އެކުލަވާލެވުނު ގާނޫނު އަސާސީން ރިޔާސީ ދެދައުރަށް ފުރުސަތުދެއެވެ.

"އަހަރެން ދެވަނަ ދައުރަކަށް ނަން ހުށަހަޅަން ބޭނުންނުވާ ވާހަކަ މިބުނަނީ ތެދުވެރި ހިތަކުން. އެއީ ޓިއުނީޝިޔާގައި ބައިވަރު ހުނަރުވެރިން ތިބީތީ." އޭނާގެ ޕާޓީ ނިދާ ތޫނިސް އިން އަލްމުނަސްތީރުގައި ބޭއްވި ބައްދަލުވުއްގައި ވާހަކަފުޅުދައްކަވަމުން އައްސިބްސީ ވިދާޅުވިއެވެ.

އަންނަ އޮކްޓޯބަރު މަހު 6 ވަނަ ދުވަހު ޓައުނީޝިޔާގައި އާއްމު ބާއްވަން ހަމަޖެހިފައިވާއިރު، ރިޔާސީ އިންތިޚާބު ނޮވެންބަރު 17 ގައި ބާއްވާނެއެވެ.  

މިއީ 2011 ވަނަ އަހަރު ޓިއުނީޝިޔާގެ ރައްޔިތުން ނުކުމެ 23 އަހަރުވަންދެން ޚުދުމުޚްތާރު ވެރިކަމެއް ކުރެއްވި ރައީސު ޒައިނުލް ޢާބިދީން ބިންޢަލީ ވެރިކަމުން ދުރުކުރި ފަހުން އެ ގައުމުގައި ބާއްވާ ތިން ވަނަ އިންތިޚާބެވެ.  

އައްސިބްސީ ރައީސުކަމަށް ވަޑައިގަތީ 2014 ވަނަ އަހަރުގެ ޑިސެންބަރު މަހު ބޭއްވި ފުރަތަމަ މިނިވަން ރިޔާސީ އިންތިޚާބު ކާމިޔާބުކުރައްވައިގެންނެވެ.  

ރިޔާސީ އިންތިޚާބުގައި ވާދަކުރާނެ ކަމަށް އެއްވެސް ސިޔާސީ ލީޑަރަކު އަދި އިއުލާންކުރައްވާފައި ނެތެވެ. އެހެންނަމަވެސް، އައްސިބްސީގެ ނިދާ ތޫނިސް ޕާޓީން ވަކިވި ގިނަ ބަޔަކު ވެގެން އަލަށް ހަދާފައިވާ ތަހްޔާ ތޫނިސް ޕާޓީން ރިޔާސީ އިންތިޚާބަށް ކެންޑިޑޭޓަކު ނެރޭނެކަމަށް ބެލެވެއެވެ. 

2010 ވަނަ އަހަރު ޓިއުނީޝިޔާއީން ފެށުނު އަރަބި ސްޕްރިންގް ކާމިޔާބުވެ، ޑިމޮކްރެޓިކް ވެރިކަމެއް ގާއިމުވެފައިވަނީ އެގައުމުގައި އެކަންޗެވެ. އެހެންނަމަވެސް، އަދިވެސް ގައުމާ އިގްތިސާދީ ގޮތުން ކުރިމަތިވެފައިވާ މައްސަލަތައް ހައްލުކުރެވޭ ވަރު ނުވެއެވެ. 

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.