ކޮމިޝަނަރ ޖެނެރަލާއި ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް މަޤާމުގެ މުއްދަތެއް ކަނޑައަޅައި އިތުރަށް ޖަވާދާރީކުރެވޭގޮތަށް ޓެކްހާ ބެހޭ ޤާނޫނަށް އިޞްލާޙު ގެންނައުމުގެ ބިލެއް ސަރުކާރުން އެކުލަވާލައްވައިފިއެވެ. ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނަށް އިޞްލާޙު ގެނައުމަށްޓަކައި ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް އެކުލަވާލާފައިވާ ބިލް، އެޓާނީ ޖެނެރަލް އޮފީހުން އިއްޔެ ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުއްވާފައެވެ.
ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު އިޞްލާޙުކުރުމުގެ ބޭނުމަކީ، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ހިންގުމުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް، ކޮމިޝަނަރ ޖެނެރަލް އާއި ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް، މިހާރަށްވުރެ ހާމަކަން ބޮޑުކޮށް ޖަވާބުދާރީކުރުވޭނެ، ނިޒާމެއް ތަޢާރުފުކޮށް، ޓެކްސް ދައްކާ ފަރާތްތަކަށް މިހާރަށްވުރެ ލުއިފަސޭހަ ގޮތްތަކެއް ހަމަޖައްސައިދިނުން ކަމަށް އޭޖީ އޮފީހުން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައި ވެއެވެ.
ޓެކްހާ ބޭހޭ ޤާނޫނަށް ހުށަހަޅާ އިޞްލާޙުތަކުގެ ތެރޭގައި، ދައުލަތުގެ މާލިއްޔަތުގެ ކަންކަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު ޙަވާލުކޮށްފައިވާ ވުޒާރާ ތަމްސީލުކުރާނެ ފަރާތެއް މިހާރު މީރާގެ ބޯޑުގައި ހިމެނިފައިނުވާތީ، އެފަދަ ފަރާތެއް އެ ބޯޑުގައި ހިމަނައި، ބޯޑު އެކުލެވިގެންވާ ގޮތް ބަދަލުކުރުމާއެކު، ބޯޑުގެ ހިންގުމުގެ ނިޒާމު ބަދަލުކުރުން ހިމެނެއެވެ. ކޮމިޝަނަރ ޖެނެރަލާއި ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލާއި، މީރާގެ ބޯޑުގެ މެންބަރުންގެ މުދަލާއި ފައިސާގެ ބަޔާން އޮޑިޓަރ ޖެނެރަލަށް ހުށަހަޅަންޖެހޭ ގޮތަށް ޤާނޫނަށް ވަނީ އިޞްލާހު ހުށަހަޅުއްވައި ފައެވެ.
ޓެކްސް ދައްކާ ފަރާތްތަކަށް ލުއިފަސޭހަ އިންތިޒާމްތަކެއް ހަމަޖައްސައިދިނުމުގެ ގޮތުން ހުށަހަޅުއްވައިފައިވާ އިޞްލާހުތަކުގެ ތެރޭގައި މީރާއިން ކަނޑައަޅާ ޢަދަދުގެ ތެރެއިން ޓެކްސް ދައްކާ ފަރާތުން އިޢުތިރާޟްކުރާ ޢަދަދުގެ %30 ދެއްކުމަށްފަހު ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅޭ ގޮތަށް ހަމަޖެއްސުން ހިމެނެއެވެ. ޤާނޫނުގައި މިހާރު އޮންނަނީ ޓެކްސްގެ ގޮތުގައި ދައްކަންޖެހޭ މިންވަރު މީރާއިން ހިސާބުކުރުމަށްފަހު ކަނޑައަޅާ ޢަދަދާމެދު ހިތްހަމަނުޖެހޭ ފަރާތްތަކުން އެ ޢަދަދު އެކުގައި ދައްކާ ޚަލާޞްކުރުމަށްފަހު މެނުވީ، ޓެކްސް އެޕީލް ޓްރައިބިއުނަލަށް މައްސަލަ ހުށަނޭޅޭ ގޮތަށެވެ.
މީރާގެ ނުވަތަ ކޮމިޝަނަރ ޖެނެރަލްގެ ނިންމުމަކަށް އިޢުތިރާޟްކޮށް ހުށަހަޅާ މައްސަލަ ތަކަށް ގޮތެއްނިންމުމަށް ވަކި މުއްދަތެއް ކަނޑައަޅައި، އެ މުއްދަތުގެ ތެރޭގައި މީރާއިން ގޮތެއް ނިންމަން ލާޒިމުކުރުން ވެސް ޤާނޫނަށް ގެންނަ އިޞްލާހުތަކުގެ ތެރޭގައި ހިމެނެއެވެ.