ސައްތައިގެ ޑީލް: އަމާޒަކީ މެދުއިރުމަތީގެ މައްސަލަ ބައިނަލްއަޤްވާމީ ވަންތަކަމުން ބޭރަށް ނެރެ،  ސަރަޙައްދީ އަރާރުމަކަށް ބަދަލުކޮށްލުން

ޚަބަރު ފަތުރާ ވަސީލަތްތަކުގައި " ސައްތައިގެ ޑީލް"ގެ ނަމުން މަޝްހޫރު ވެފައިވާ ޑީލަކީ،  މި މައްސަލައިގެ ފައިލް ގެންގުޅުއްވާ ރައީސް ޓްރަމްޕް ގެ ޓީމުން ބޭނުންކުރެއްވި މުޞްޠަލަޙެއް ނޫނެވެ. މި ފައިލްގެ މޭސްތިރިންނަކީ ރައިސް ޓްރަމްޕްގެ ދަނބިދަރިކަލުން ކުޝްނަރ އާއި، ޤުދްސުގައި ހުންނަވާ އެމެރިކާގެ ސަފީރު ޑޭވިޑް ފްރެޑްމަނާއި، ރައީސް ޓްރަމްޕް މެދުއިރުމައްޗަށް ކަނޑައަޅުއްވާފައިވާ ޚާއްޞަ މަންދޫބު ޖޭސަން ގްރީންބްލާޓެވެ. މި ބޭފުޅުން މި "ޑީލް" އަށް ވިދާޅުވެފައިވަނީ ރޭވުމެވެ. ނުވަތަ ޕްލޭނެވެ. މެދުއިރުމަތީގެ  މިއަދުގެ  ޙާލަތަށް ބަލާއިރު މި "ޑީލް" އަށް ކިޔުން ރަނގަޅީ  "ރޭވުން" އެވެ.

"ފާގަތިކަމަށް ޓަކައި ޞުލްޙަ" މި  "ނަލަ"  ޝިޢާރުގެ ދަށުން  ރާވައިފައިވާ މި ރޭވުމުގައި ހިމެނެނީ  50 ބިލިޔަން ޑޮލަރުގެ ފަންޑް ފޮށްޓެއް ޤާއިމު ކުރުމެވެ. މި ފޮށްޓަށް ފައިސާލައިދޭނީ ސަޢޫދީ އަރަބިއްޔާއާއި އެކުވެރި ޢަރަބި އިމާރާތާއި، ޤަޠަރެވެ. މި ތިން ޤައުމުގެ ބޮޑު ޙިއްޞާގެ އިތުރަށް ގަލްފްގެ އެހެނިހެން ޤައުމުތަކުން ވެސް މި ފޮށްޓަށް ފައިސާކޮޅެއް ލައިދޭނެއެވެ. މި ފޮށީގައި ހިމެނޭ ފައިސާގެ ތެރެއިން 28 ބިލިޔަން ޑޮލަރު ހޭދަ ކުރެވޭނީ ހިފާފައިވާ ހުޅަނގު އައްސޭރިއަށާއި، ޙިޞާރުކޮށް ބަންދުކޮށްފައިވާ ޣައްޒާއަށެވެ. މި ފޮށީގައި ހުންނަ ފައިސާގެ ތެރެއިން މިޞްރަށް 9 ބިލިއަން ، އުރްދުނަށް 7.5 ބިލިއަން ،ލުބްނާނަށް 6 ބިލިޔަން ދިނުމަށް ކަނޑައަޅައިފައިވެއެވެ.

މި ރޭވުމަށް ޑީލެކޭ ނުކިޔޭނެ އެތައް ސަބަބުތަކެއް ވެއެވެ. ޑީލެއް ހެދޭނީ ދެ ފަރާތެއްގެ ދެމެދުގައެވެ. ޑީލެއް ކަމުގައިވާނަމަ އެ ދެ ފަރާތުން އޭގައި ސޮއި ކުރަން ޖެހޭނެއެވެ. ޑީލަކީ ނިހާއީ އެއްބަސްވުމެކެވެ. އޭރުން މައްސަލަ މުޅިން ނިމިގެން ދާނެއެވެ. ނަމަވެސް މި "ކުޅިގަނޑު" ރޭވި ފަރާތްތަކަށް ކަށަވަރުވާ ގޮތުގައި  އެ ފުރްޞަތެއް އަދިއެއް  ނެތެވެ. ނަތަންޔާހޫއާއި އޭނާގެ ދަރިވަރު ކުޝްނަރ ދެކެވަޑައިގަންނަވާ ގޮތުގައި އަދި އެ ފުރްޞަތު ތަނަވަހެއް ނުވެއެވެ. މެދުއިރުމަތީގައި ރޯވެފައިވާ އަލިފާންގަނޑުގެ ސަބަބުން ޞިހްޔޫނީން މި ރޭވުން އަވަހަށް ތަންފީޒު ކުރަން ބޭނުންވެއެވެ.މި ސަރަހައްދުގައި ތިބި ސިޔާސީ ގޮތުން ފުރާވަރަށް އަދި ނާރާ މީހުން މި ކަން ކުރެވިދާނެ ކަމަށް ހީކުރެއެވެ.  މި ޑީލަށް ބަލާއިރު އެއީ ޞިހްޔޫނީންގެ ޒަމާންވީ ހުވަފެނެވެ. 1993ގައި އޮސްލޯގައި ސޮއިކުރެވުނު އެއްބަސްވުމާއެކު މި ހުވަފެން އައުވިއެވެ. 2003ގައި އެމެރިކާއިން ޢިރާޤަށް އެރުމުންވެސް މި ހުވަފެނަށް އިތުރު ކުލަތަކެއް އެރިއެވެ. އެއަށްފަހު ރައީސް ބުޝް މެދުއިރުމަތީގެ ޗާޓު އަލުން ކުރެއްސެވޭތޯ މަސައްކަތް ފެށްޓެވިއެވެ. ޢަރަބި ރަބީޢަކީ މީގެ ތަމްސީލެކެވެ. ނަމަވެސް ރަބީޢު ޚަރީފަކަށް ބަދަލުވެގެން ދިޔައީއެވެ.

ޑީލުގެ މަދު

މި ޑީލުގެ އަސާސަކީ ހުޅަނގު އައްސޭރީގައި ފަލަސްޠީނު މީހުން ދިރި އުޅޭ ތަންކޮޅުކޮޅު ހިމެނޭ ގޮތަށް ދާޚިލީ ޒާތީ ވެރިކަމެއް ޤާއިމުކޮށްދިނުމެވެ. މި ވެރިކަމަށް ބޭނުންވާ އިޤްތިޞާދީ ބައެއް ކަންކަމާއި ޟަރޫރީ ބައެއް ކަންކަން ރަނގަޅުކޮށް ދެވޭނެއެވެ. އެކަމަކު ބިމުގެ ސިޔާދަތު އޮންނާނީ ޞިހްޔޫނީންނަށެވެ. އަދި އެއްވެސް ޙާލެއްގައި ބިމުން ބޭރުގައި ދިރިއުޅޭ ފަލަސްޠީނުގެ ރެފިޔުޖީންނަށް (ގާތްގަނޑަކަށް ހައެއްކަ  މިލިޔަން މީހުން) އެމީހުންގެ ވަޠަނަށް އެނބުރިއެއް ނާދެވޭނެއެވެ. އެ ޙައްޤު އެމީހުންނަކަށް ދެނެއް ނުއޮންނާނެއެވެ. 

ބިމުގެ މައްސަލައިގައި ޞިހްޔޫނީން އެއްވެސް ދުލެއް ނުދޭނެތެވެ. އެކަމުގައި ދޫ ދިނުމަކީ އެމީހުންގެ މުޅި ރިވާޔަތު ފުޑުފުޑުވެ ޗިސްޗިސްވެގެންދާނެކަމެކެވެ. ފަލަސްޠީނު މީހުންނަށް ދިރިއުޅުމަށް  ޓަކައި ދެވޭނީ  1967ގައި އިސްރާއީލުން  ހިފި ފަލަސްޠީނު ބިމުގެ 40% ބިމެވެ. އެއީ ފަލަސްޠީނުގެ ތާރީޚީ ބިމުގެ އެންމެ 10% އެވެ.

1993ގެ އޮސްލޯ އެއްބަސްވުމަށްފަހު ފަލަސްޠީނުގެ ޒާތީ އަމިއްލަ ވެރިކަމެއް ޤާއިމުވެފައި އެބަ އޮތެވެ. މި ކަން ވަނީ ހުޅަނގު އައްސޭރިއާ ހަމައަށް ފެތުރިފައެވެ. ރައީސް ޢަރަފާތު އަވަހަރަވުމަށްފަހު އައި ފަލަސްޠީނުގެ ޒަޢާމަތުން މި އެއްބަސްވުމުގައި ކުރިއަށްވުރެ ބޮޑަށް ހިފެހެއްޓެވިއެވެ. އެހެންކަމުން ޞިހްޔޫނީ ރޭވުމުގައި ބާކީ އޮތީ ދެ ކަމެކެވެ. ފުރަތަމަ ކަމަކީ އިޤްތިޞާދީ އިޞްލާޙުތަކެވެ. ނުވަތަ އޮފުދާރުކުރުންތަކެކެވެ. 2004 ން ފެށިގެން ޓޯނީ ބްލެއަރ ކުރައްވަމުން ގެންދަވައިފައި ވަނީ މި މަސައްކަތެވެ. އަމްނާ ބެހޭ މަސައްކަތްތައް ކުރައްވަމުން ގެންދަވައިފައި ވަނީ ޖެނެރަލް  ޑެއިޓަން އެވެ. އޭނާ ފަރުމާ ކުރެއްވި  "އައު ފަލަސްޠީނު މީހާ" އަކީ އޭނާގެ ބަނޑި އޭނާގެ ދުޝްމަނުންނަށް އަމާޒު ކުރާނެ މީހެއް ނޫނެވެ. އޭނާގެ ގައުބުރި އިސްރާއީލު ސިފައިންނާ ދިމާއަށް އެއްލާނެ މީހެއް ނޫނެވެ.

ސްކައިނިވްޒް ގައި ވާހަކުފުޅު ދައްކަވަމުން ކުޝްނަރ ވިދާޅުވިގޮތުގައި މި ރޭވުމަކީ 25 ހަކަށް އަހަރުކުރިން އެކުލަވައިލެވިފައިވާ އުޞޫލުތަކެކެވެ. އެއަށް މާ ބޮޑު ބަދަލުތަކެއް ނާދެއެވެ. ކުޝްނަރ ވިދާޅުވިއެވެ. "އަހަރެމެން މި މަސައްކަތް ކުރަނީ 2019 ނިމުމުގެ ކުރިން މި މަސްއަލައަށް ޙާލަތާ ގުޅޭ  ޢަދްލުވެރި ޙައްލެއް ގެނެވޭތޯއެވެ.އޭރުން މީސްތަކުންނަށް މިހާރަށް ވުރެ ރަނގަޅު ދިރިއުޅުމެއް ލިބޭނެތެވެ."

ރޭވުމުގައި ހިމެނޭ އުޞޫލުތައް

މި ރޭވުމުގައި ހިމެނެނީ 4 އުޞޫލެކެވެ. އެއީ:

1. ފުރްޞަތުގެ މިނިވަންކަން

2. އެމީހަކު ބޭނުން ދީނަކަށް ތަބާވެ އަޅުކަންކުރުމުގެ މިނިވަންކަން

3. އިޙްތިރާމު ކުރުން

4. އަމަންއަމާންކަން

ޙައްލަކާ ހަމައަށް ނުދެވުނު ސަބަބުތަކާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ކުޝްނަރ ވިދާޅުވީ "އެއްވެސް ބަޔަކު ދޫ ދޭކަށް ބޭނުމެއް ނުވެއެވެ. މިހެންވެ އަހަރެމެންނަށް  އަޞްލު މައްސަލައަށް އިސްކަމެއް ނުދެވުނެވެ. ފަލަސްޠީނު މީހުންނަށް އެމީހުންގެ ކެރިފޯރުންތެރިކަމުން މަންފާ ލިބިގަތުން މަނާކުރާނެ އެއްވެސް ކަމެއް ނެތެވެ. އަދި އިސްރާއީލީންނަށް އެމީހުން ބޭނުންވާ ގޮތަށް މި ސަރަހައްދުގައި ފައިތިލަ ސާބިތު ކުރުމަށް ހުރަސް އަޅާނެ ކަމެއްވެސް  ނުއޮންނާނެއެވެ." 

ކުޝްނަރ ވިދާޅުވިއެވެ. "މިހެންވެ އަހަރެމެން އިސްކަންދިނީ އިޤްތިޞާދީ މިންތަކަށެވެ. އެއިން ފައިދާ ލިބޭނީ ހަމައެކަނި ފަލަސްޠީނު މީހުންނަށާއި އިސްރާއީލަކަށް ނޫނެވެ. އަދި ކިއެއްހެއްޔެވެ؟ އޭގެ ފައިދާ އުރްދުނަށާއި މިޞްރަށާއި ލުބްނާނަށްވެސް ލިބިގެންދާނެއެވެ."

ކުޝްނަރ ވާހަފުޅު ކުރިއަށް ގެންދަވަމުން ވިދާޅުވިއެވެ. "ރޭވުން ވަރަށް ތަފްޞީލެވެ. އޭގައި ސަރަހައްދީ ރޮނގު ކުރެހުމާއި މުޅި މައްސަލައަށް ނިހާއީ ޙައްލެއް ގެނެއުން ވެއެވެ. ސަރަހައްދީ މަސްއަލަ ޙައްލު ކުރުމުގެ އަމާޒަކީ މި ސަރަޙައްދު މުޅިން އުވައިލުމެވެ. ސަރަޙައްދެއް ނުއޮންނާނެއެވެ. އަހަރެމެންނަށް ސަރަޙައްދު ނައްތައިލައި ނިރުބަވެރިކަމާ ދުރުގައި ސުލްޙަ ޤާއިމު ކުރެވިއްޖެނަމަ މިނިވަންކަމާއެކު މީހުންނާއި މުދާ އޮހެމުންދާނެތެވެ. އޭރުން އައު ފުރްޞަތުތައް އުފެދިގެން ދާނެއެވެ." 

މިއިން އެނގެނީ މި ރޭވުމަކީ ނަތަންޔާހޫ އަދި އޭގެ ކުރިން ޕެރޭޒް ހުށައެޅުއްވި "އިޤްތިޞާދީ ޞުލްޙަ" ކަމެވެ. އެ ދެބޭފުޅުން މި ހުށައެޅުއްވުމަށް "ވަގުތީ ދައުލަތް" ގެ ނަން ދެއްވައިފައި ވެއެވެ. ޝާރޫން މި ރޭވުމަށް "ދުރު ރާސްތާގެ އިންތިޤާލީ ޙައްލު" ގެ ނަން ދެއްވިއެވެ. އެއީ އުދަނގޫ މައްސަލަތައް ( ޤުދްސު – ދައުލަތުގެ ސިޔާދަތު – ރެފިޔުޖީން) ދުރު މުސްތަޤްބަލަކާ ހަމައަށް ފަސްކޮށްލުމެވެ. އޭރުން ޒަމަނާއެކު އިންތިޤާލީ (ވަގުތީ) ދާއިމީއަށް ބަދަލުވެގެން ދާނެއެވެ. ޓްރަމްޕްގެ  "ސައްތައިގެ ޑީލް" ގެ ކުރިން މި ޙައްލަށް ދެވިފައިވާ ނަމަކީ "ސަރަޙައްދީ ޙައްލު" އެވެ. އެއީ ފުޅައު ދާއިރާއެއްގައި ޢަރަބި ޤައުމުތަކުން އިސްރާއީލާއެކު ގުޅުން ރަނގަޅުކޮށް ޠަބީޢީކުރުމާއި، ފަލަސްޠީނުގެ ޒާތީ ވެރިކަމުގެ ޙާލަތު ރަނގަޅުކޮށް ވަގުތީ ދާއިމީއަކަށް ހެދުމެވެ. އޭރުން ފަލަސްޠީނުގެ މައްސަލަ ވެގެންދާނީ ސަރަޙައްދީ ކަމަކަށެވެ. ބައިނަލްއަޤްވާމީ ވަންތަކަމުގެ ފޭރާން ބޭލި،  ސަރަހައްދީ އެހެނިހެން މައްސަލަތައް ފަދައިން  އދގެ ރުވާގުތަކުގެ (ކޮރިޑޯތަކުގެ) ތެރޭގައި  މީހުންގެ ސަމާލުކަމުން ބޭރުގައި  އޮންނަ މަސްއަލައަކަށެވެ.

އިބްރާހީމް ރަޝީދު މޫސާ
އިބްރާހީމް ރަޝީދު މޫސާއަކީ ދީނީ ރޮނގުން ހޭލުންތެރިކަން އިތުރު ކުރުމާއި، ދީނީ ފޮތް ލިޔެ އެކުލަވައިލުމާއި ޝާއިއުކުރުމުގެ ރޮނގުން ޝަރަފުވެރިކަމުގެ ގައުމީ އިނާމު ހޯއްދަވައިފައިވާ ކުޅަދާނަ ޚިދުމަތްތެރި ލިޔުންތެރިއެކެވެ. މީގެ އިތުރަށް އޭނާ ވަނީ ހިތްވަރު ދިނުމުގެ ގައުމީ ތިން އިނާމުވެސް ހޯއްދަވައިފައެވެ. އެއީ ނޫސްވެރިކަމުގެ ރޮނގުންނާއި، ތަރުޖަމާކުރުމުގެ ރޮނގުންނާއި، ލިޔުންތެރިކަމުގެ ރޮނގުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.