ބޮރިސް ޖޯންސަން: 'މުސްލިމް' އާއިލާއަކުން ވަޑައިގެންނެވި 'ކަށީގެ މަދާ ހަމައަށް ޞަހްޔޫނީ' ބޮޑުވަޒީރު

އިނގިރޭސިވިލާތުގައި ވެރިކަންކުރާ ކޮންޒާވެޓިވް ޕާޓީގެ ލީޑަރުކަމަށް ބޮރިސް ޖޯންސަން މިވަނީ ހޮވިވަޑައިގެންފައެވެ. މިއަދުގެ ވަގުތެއްގައި އޭނާ ބޮޑުވަޒީރުކަމުގެ ހުވާކުރައްވައި، އިނގިރޭސި ސަރުކާރު ހިންގެވުމާ ޙަވާލުވެވަޑައިގަންނަވާނެއެވެ.

19 ޖޫން 1964 ގައި އުފަންވެވަޑައިގަތް ބޮރިސް ޖޯންސަން ތައުލީމު ހާސިލުކުރެއްވީ އީޓަން ކޮލެޖުންނާއި، އޮކްސްފޯޑް ޔުނިވަސިޓީންނެވެ. އޭނާ ވަނީ އޮކްސްފޯޑް ސްޓޫޑަންޓް ޔުނިއަންގެ ރައީސުކަންވެސް ކުރައްވާފައެވެ.

އޭނާ މަސައްކަތުގެ ހަޔާތްޕުޅު ފެށްޓެވީ ނޫސްވެރިކަމުންނެވެ. 1989 ވަނަ އަހަރު 'ދަ ޓައިމްސް" ގައި ކުޑަ ދުވަސްކޮޅަކު މަސައްކަތްކުރެއްވުމަށް ފަހު 'ދަ ޓެލެގްރާފް ނޫހާ ގުޅިވަޑައިގަތެވެ. 1994 އިން 1999 އަށް އެ ނޫހުގެ އެސިސްޓެންޓް އެޑިޓަރުކަން ކުރެއްވިއެވެ. ދެން 'ދަ ސްޕެކްޓޭޓާ'ގައި 2005 އާ ހަމައަށް މަސައްކަތްކުރެއްވިއެވެ.

2001 ވަނަ އަހަރު ސިޔާސީ މައިދާނަށް ވެންނެވީއްސުރެ، އަދި އޭގެ ކުރިން ނޫސްވެރިއެއްގެ ގޮތުގައި މަސައްކުރެއްވި އިރުވެސް، ބޮރިސް ޖޮންސަންއަކީ އޭނާގެ ޝަޚްސިއްޔަތާމެދު ގިނަ ބަޔަކު ޚިޔާލު ތަފާތުވާ، ބައިބައިކުރަނިވި ސިޔާސަތެއް ގެންގުޅުއްވި ބޭފުޅެކެވެ. ގިނަ ބަޔަކު ދެކޭ ގޮތުގައި ނޫސްވެރިއެއްގެ ގޮތުގައި ހުންނެވިއިރު އޭނާ ގެންގުޅުއްވި ވިސްނުންފުޅަށް މިއަދުވެސް ބަދަލެއް އައިސްފައި ނުވެއެވެ. ޔޫރަޕަށް ނަފްރަތުކުރެއްވުމާ، މުސްލިމުންނަށް ނަފްރަތުކުރެއްވުމަކީ އޭރުވެސް އަދި މިހާރުވެސް އޭނާގެ ސިޔާސަތެވެ.

ޝައްކެއް ނެތް ގޮތުގައި ބޮރިސް ޖޯންސަން ބޮޑުވަޒީރުކަމަށް ހޮވިވަޑައިގަތުމުގެ އެންމެ ބޮޑު އެއް ސަބަބަކަށް ވާނީ އޭނާއަށް ލިބިވަޑައިގެންފައިވާ މަޝްހޫރުކަމެވެ. އޭނާގެ ނަންފުޅުހާ މަޝްހޫރު ސިޔާސީ ނަންފުޅެއް މިއަދު އިނގިރޭސީ ސިޔާސީ މަސްރަޙުގައި ނެތެވެ. ގެންގުޅުއްވި ހަރުދަނާ ސިޔާސަތުގެ ސަބަބަކުން ނޫނެވެ. ޚިޔާލު ތަފާތުވާ، ބައިބައިކުރުވާ ސިޔާސަތުގެ ސަބަބުންނެވެ.

އިނގިރޭސި ބަރުލަމާނީ ނިޒާމުގައި ބޮޑުވަޒީރު ހޮވާ އުސޫލަކީވެސް ޖޯންސަންއަށް ބޮޑުވަޒީރުކަން ލިބިވަޑައިގަތުމުގެ މައިގަނޑު އެއް ސަބަބެވެ. ބޮރިސް ޖޯންސަން ވެރިކަންކުރައްވާނީ އިނގިރޭސިވިލާތުގެ 66 މިލިއަން މީހުންގެ މައްޗަށް ކަމުގައި ވިޔަސް، އޭނާ ހޮވުމަށް ވޯޓުދިނުމުގެ ހައްގު ލިބިގެން ވަނީ ކޮންޒާވެޓިވް ޕާޓީގެ 2 ލައްކައެއްހާ މެންބަރުންނަށެވެ. އޭގެ ތެރެއިންވެސް ވޯޓުގައި ބައިވެރިވީ 1 ލައްކަ 40 ހާހަށްވުރެ މަދު މެންބަރުންނެވެ.

އިނގިރޭސި ބަރުލަމާނީ ނިޒާމުގައި ރައްޔިތުން ވޯޓުލަނީ އެމީހުންގެ ދާއިރާއަށް މެންބަރުން ހޮވާށެވެ. ހޮވޭ މެންބަރުންގެ އަޣުލަބިއްޔަތު ތާއީދުކުރާ ޕާޓީއެއްގެ ލީޑަރަކު ވަނީ ބޮޑުވަޒީރަށެވެ. ޕާޓީ ލީޑަރު ހޮވަނީ ޕާޓީގެ މެންބަރުންގެ މެދުގައި ނަގާ ވޯޓުންނެވެ. އިނގިރޭސިވިލާތުގެ ގިނަ އާއްމުންނަކީ ވަކި ސިޔާސީ ޕާޓީއެއްގެ މެންބަރުންނެއް ނޫނެވެ. ކޮންޒާވެޓިވް ޕާޓީގައި 2 ލައްކައެއްހާ މެންބަރުން ތިބިއިރު، އިދިކޮޅު ލޭބާ ޕާޓީގައި ތިބީ 5 ލައްކައެއްހާ މެންބަރުންނެވެ.

ބޮޑުވަޒީރުގެ މަގާމަށް ބޮރިސް ޖޯންސަން ހޮވިވަޑައިގަތުމާއެކު، ޚަބަރު ފަތުރާ ވަސީލަތްތަކުން (މީގެ ތެރޭގައި ދިވެހިރާއްޖޭގެ ޚަބަރު ފަތުރާ ބައެއް ވަސީލަތްތައްވެސް ހިމެނޭ) އެންމެ ބާރަށް އިވުނު އެއް އަޑަކީ ބޮރިސް ޖޯންސަންއަކީ ތުރުކީގެ މުސްލިމް ދަރިކޮޅަކަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅެކޭ ބުނާ އަޑެވެ. ޖޯންސަންގެ މުނިކާފާފުޅަކީ އިނގިރޭސީ-ސްވިސް އަންހެން ކުއްޖަކު ކަމުގައިވާ ވިންފްރެޑް ބްރަންއާ 1903 ވަނަ އަހަރު ކައިވެނި ބައްލަވައިގަތް އަލީ ކަމާލް ބޭ އެވެ. އޭނާއަކީ ނޫސްވެރިއެކެވެ. މުސްލިމް އާއިލާއަކަށް ނިސްބަތް ވިޔަސް، ޢަލްމާނީ (ސެކިއުލާ) ވިސްނުމުގެ މީހަކެވެ. އޭރު ތުރުކީގައި ފެށިގެންއައ ސިޔާސީ ހަރަކާތް ލިބަރަލް ޔުނިއަންގެ މެންބަރެކެވެ. އަމަލީ މައިދާނުން ދީން ދުރުކުރަން މަސައްކަތްކުރި ހަރަކާތުގެ މެންބަރެކެވެ.

ބޮރިސް ޖޯންސަން އޮކްސްފޯޑުގައި އުޅުއްވި ދުވަސްވަރު

އަލީ ކަމާލް ބޭއަށް ލިބުނު ތިން ކުދިންގެ ތެރެއިން އުސްމާން ކަމާލްއަކީ ބޮރިސް ޖޯންސަންގެ ކާފައެވެ. އޭނާ ވަނީ އިނގިރޭސި  އަންހެނަކާ ކައިވެނިކޮށްފައެވެ. އަދި މުސްލިމް ނަން ދޫކޮށް އޭނާގެ ނަން ވިލްފްރެޑް ޖޯންސަންއަށް ބަދަލުކޮށްފައެވެ. ބޮރިސް ޖޯންސަން އަކީ މި ވިލްފްރެޑް ޖޯންސަންގެ ސްޓޭންލީ ޖޯންސަންގެ ދަރިކަލެކެވެ. އެހެންކަމުން، ޖޯންސަންގެ އާއިލާއަކީ ހަމައެކަނި ނަމެއްގައި މުސްލިމް އާއިލާއެކެވެ.

ބޮރިސް ޖޯންސަންއަކީ އަބަދުވެސް ޞަހްޔޫނިއްޔަތަށް (ޒަޔަނިޒަމަށް) ތާއީދުކުރެއްވި، އިސްރާއީލަށް ލޯބިކުރެއްވި ބޭފުޅެކެވެ.  އޭނާއަކީ ނަޞާރާ ދީނުގެ ބޭފުޅަކަށް ވިޔަސް އޭނާ ވަނީ ޔަހޫދީ ހަރަކާތް، ސަހްޔޫނިއްޔަތަށް ތާއީކުރައްވާކަން ހާމަކުރައްވާފައެވެ. 2014 ވަނަ އަހަރު ނޫސްވެރިންނާ ވާހަކަފުޅުދައްކަވަމުން އޭނާ ވިދާޅުވެފައިވާ ގޮތުގައި އޭނާއަކީ "ކަށީގެ މަދާ ހަމައަށް ޞަހްޔޫނީ (ޒަޔަނިސްޓް)" އެކެވެ. އަދި "އިސްރާއީލަކީ މަތިވެރިވެގެންވާ ގައުމެ"ކެވެ.

ޞަހްޔޫނިއްޔަތަށް ލޯބިކުރެއްވުމުގެ އިތުރަށް ޖޯންސަން ފާހަގަކުރެވިފައި ވަނީ އިސްލާމްދީނަށް ނަފްރަތުކުރައްވާ ބޭފުޅެއްގެ ގޮތުގައެވެ. އޭނާ ވަނީ ދުނިޔެ އެތައް ގަރުނަކަށް ފަހަތަށް ޖައްސާފައި ކަމަށް ވެސް ކުރިން ވިދާޅުވެފައެވެ.

"ދުނިޔޭގެ ކަންކޮޅުތަކުގައި ތަރައްގީއަށް ހުރަސް އެޅި ކޮންމެވެސް ކަމެއް އިސްލާމްދީނުގައި ވެއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން މުސްލިމުންނާ ގުޅޭ ކަންބޮޑުވުންތައް ވެފައި އޮތީ ކޮންމެ ހަމަނުޖެހުމެއްގެ ވެސް ބަޔަކަށް ވެފައެވެ." 2006 ވަނަ އަހަރު އޭނާ ލިއުއްވި ފޮތް، The Dream of Rome (ރޯމްގެ ހުވަފެން) ގެ އައު ޗާޕަށް އިތުރުކުރި ބައިގައި ދީނާ ބެހޭ ގޮތުން ލިއުއްވަމުން އޭނާ ވިދާޅުވެފައި ވެއެވެ.

ފާއިތުވި އަހަރި ޑެއިލީ ޓެލެގްރާފް ނޫހުގައި ލިއުއްވި މަޒުމޫނެއްގައި އޭނާ ވަނީ މޫނު ބުރުގާ އަޅާ އަންހެނުންނަކީ "ލެޓަރ ބޮކްސް" ތަކެއް އަދި "ބޭންކު ލޫޓުވާ" ބައެއް ކަމުގައި ސިފަކުރައްވާފައެވެ.

އަދި 2005 ވަނަ އަހަރު 'ދަ ސްޕެކްޓޭޓާ' ގައި ލިއުއްވި މަޒުމޫނެއްގައި އޭނާ ވިދާޅުވެފައި ވަނީ "އިސްލާމްދީނަށް ނަފްރަތުކުރުމަކީ ޠަބީއީ" ކަމެއް ކަމުގައެވެ. އަދި ކީރިތި ޤުރްއާނަކީ "ބައިބައިކުރުމަށް ގޮވާލާ" ފޮތެއް ކަމުގައެވެ.

ޖޯންސަން ފާހަގަކުރެވިފައި ވަނީ ހަމައެކަނި އިސްލާމްދީނަށް ނަފްރަތުކުރައްވާ ބޭފުޅެއްގެ ގޮތުގައެއް ނޫނެވެ. އޭނާއަކީ ޔޫރަޕަށްވެސް ޝައްކުގެ ނަޒަރުން ބައްލަވާ ބޭފުޅެކެވެ. 1989 ވަނަ އަހަރުން ފެށިގެން 1994 ވަނަ އަހަރާ ހަމައަށް 'ދަ ޓެލެގްރާފް' ނޫހުގެ ބްރަސެލްސް ބިއުރޯގައި މަސައްކަތްކުރެއްވި އިރު ޖޯންސަން ފާހަގަކުރެވިފައި ވަނީ ޔޫރަޕާ ދެކޮޅަށް ލިއުއްވި ބޭފުޅެއްގެ ގޮތުގައެވެ. އިނގިރޭސިންގެ މެދުގައި ޔޫރަޕާ މެދު ނަފްރަތު އުފެއްދުމަށް އޭނާ ވަނީ މަސައްކަތްތަކެއް ކުރައްވާފައެވެ.

އެމެރިކާގެ ނިއުޔޯކަށް އުފަން އިނގިރޭސިއަކަށް ވާތީ ބޮރިސް ޖޯންސަން ދެ ގައުމުގެ ރައްޔިތެއްގެ ގޮތުގައި ހުންނެވިއެވެ. އެހެން ނަމަވެސް 2015 ވަނަ އަހަރު އޭނާ ވަނީ އެމެރިކާގެ ރައްޔިތުކަން ދޫކޮށްލައްވާފައެވެ.

ޖޯންސަން އޭނާގެ ކުރީގެ އަނބިކަނބަލުން މެރީނާ ވީލާއާއެކު

1987 ވަނަ އަހަރު ޖޯންސަން ފުރަތަމަ ކުރެއްވި ކައިވެނި ވަނީ 1993 ވަނަ އަހަރު ރޫޅިފައެވެ. ހަމަ އެއަހަރު މެރީނާ ވީލާ އާ ކައިވެނި ބައްލަވައިގަތެވެ. އެ ކައިވެނިން އޭނާއަށް ފިރިހެން ދެ ބޭފުޅުންނާ އަންހެން ދެ ބޭފުޅުން ލިބިވަޑައިގަތެވެ. 2018 ވަނަ އަހަރު މި ކައިވެނިވެސް ވަނީ ރޫޅިފައެވެ. މިހާރު އޭނާގެ ލޯބިވެރިއަކީ ކެރީ ސިމަންޑް އެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.