އިނގިރޭސިވިލާތުގެ ބޮޑުވަޒީރުކަމަށް ބޮރިސް ޖޯންސަން

އިނގިރޭސިވިލާތުގައި ވެރިކަންކުރާ ކޮންޒާވެޓިވް ޕާޓީގެ ލީޑަރުގެ މަގާމަށް ލަންޑަނުގެ ކުރީގެ މޭޔަރު ބޮރިސް ޖޯންސަން ހޮވިވަޑައިގެންފިއެވެ. މިކަމަށްޓަކައި އެ ޕާޓީގެ މެންބަރުގެ މެދުގައި ނެގުނު ވޯޓުގައި 92153 މީހުން އޭނާއަށް ވޯޓު ދިންއިރު އޭނާއާ ވާދަކުރެއްވި ޚާރިޖީ ވަޒީރު ޖެރެމީ ހަންޓަށް ލިބިވަޑައިގަތީ 46654 ވޯޓެވެ.

ވޯޓުލުމުގެ ހައްގު ލިބިފައިވީ 2 ލައްކަ މެންބަރުންގެ %87.4 ވޯޓު ލާފައިވާ އިރު، ބޮރިސް ޖޯންސަން ވަނީ ލީ ވޯޓުގެ %66.4 ހޯއްދަވާފައެވެ.

މި ނަތީޖާއާއެކު އިނގިރޭސިވިލާތުގެ ބޮޑުވަޒީރަކަށް ވެވަޑައިގަންނަވާނީ ޖޯންސަންއެވެ. އެއީ އިނގިރޭސި ބަރުލަމާނީ ނިޒާމުގައި އަމަލުކުރަމުން އަންނަ ގޮތުން ވެރިކަންކުރާ ޕާޓީގެ ލީޑަރަށް ބޮޑުވަޒީރުކަން ލިބޭތީއެވެ.

މާދަމާގެ ވަގުތެއްގައި މިހާރުގެ ބޮޑުވަޒީރު ޓެރޭސާ މޭ ރަސްމީކޮށް އިސްތިއުފާ ދެއްވުމާއެކު، ބޮރިސް ޖޯންސަން ބޮޑުވަޒީރުކަމުގެ ހުވައިކުރައްވާނެއެވެ.

އިނގިރޭސިވިލާތް ޔޫރަޕިއަން ޔުނިއަން (އީޔޫ) އިން ވަކުވުމުގެ މައްސަލައިގައި ހަރުކަށި ސިޔާސަތެއް ގެންގުޅުއްވާ އަދި މުސްލިމުންނާ ދެކޮޅަށް ހަރުކަށި ޚިޔާލުފުޅުތަކެއް ފާޅުކުރައްވާފަވާ ބޮރިސް ޖޮންސަންއަކީ ގިނަ ބައެއްގެ ނުރުހުންވެސް އަމާޒުވެފައިވާ ބޭފުޅެކެވެ.

އޭނާގެ ކާމިޔާބީ ފާހަގަކުރަން ބޭއްވި ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އުމުރުފުޅުން 55 އަހަރުގެ ޖޯންސަން ވިދާޅުވީ އިނގިރޭސިވިލާތް އީޔޫއިން ވަކިވުން (ބްރެގްޒިޓް) ހަގީގަތަކަށް ހައްދަވައި، ގައުމު އެއްބައިވަންތަ ކުރައްވައި، އިދިކޮޅު ލޭބާ ޕާޓީގެ ލީޑަރު ޖެރެމީ ކޯބިން ބަލިކުރައްވާނެ ކަމުގައެވެ.

"ވަރުބަލިވެއްޖެކަމަށް ދެކެންތަ. ވަރުބަލިވެއްޖެހެން ހީވޭތަ. އެއްވެސް މީހަކު ކުޑަކޮށްވެސް ވަރުބަލިވެފައިވާ ކަމަށް އަހަންނަކަށް ނުފެނޭ. އަހަރުމެން މިއުޅެނީ ބްރެގްޒިޓް ހަގީގަތަކަށް ހަދަން." ލަންޑަނުގެ ކުއީން އެލިޒަބަތު-2 ކޮންފަރެންސް ސެންޓަރުގައި އޭނާއަށް ތާއީދުކުރާ މީހުންނާ މުޚާޠަބުކުރައްވައި ޖޯންސަން ވިދާޅުވިއެވެ.

މަގާމުން ވަކިވެވަޑައިގަންނަވާ ބޮޑުވަޒީރު ޓެރޭސާ މޭގެ ކުރީގެ ތަރުޖަމާނު ޖޯއީ ޖޯންސް ބައިނަލްއަގްވާމީ ޓީވީ ޗެނެލަކަށް މައުލޫމާތުދެއްވަމުން ވިދާޅުވި ގޮތުގައި އިނގިރޭސީންގެ ގިނަ ބަޔަކު އަދިވެސް ދެކެނީ ބޮރިސް ޖޯންސަންއަކީ ބައިބައިކުރުވާ ޝަޚްސިއްޔަތެއް ކަމުގައެވެ.

19 ޖޫން 1964 ގައި ނިއުޔޯކުގެ މެންހަޓަންގައި އިނގިރޭސި އާއިލާއަކަށް އުފަންވެވަޑައިގަތް ބޮރިސް ޖޯންސަން ޅަފަތް ހޭދުކުރެއްވީ އެމެރިކާގައެވެ. އިނގިރޭސި އާއިލާއަކަށް ނިސްބަތްވެވަޑައިގަތަސް، ޖޯންސަންގެ ބަފައިފުށުގެ މުނިކާފާފުޅަކީ ތުރުކީގެ ޢަލްމަނީ (ސެކިއުލާ) މުސްލިމެކެވެ. މާނައަކީ މުސްލިމެއްގެ ގޮތުގައި ހުރި ނަމަވެސް ދިރިއުޅުމުގައި އިސްލާމީދީނުގެ ކަންކަމަށް އަމަލުނުކުރާ މީހެކެވެ. އޭނާގެ އާއިލާ އިނގިރޭސިވިލާތަށް ބަދަލުވީ 1969 ގައެވެ. ޖޯންސަން ވަނީ 2008 އިން 2106 އަށް ލަންޑަނުގެ މޭޔަރުކަން ކުރައްވާފައެވެ. އަދި ޖުލައި 2016 އިން ޖުލައި 2018 އަށް އިނގިރޭސިވިލާތުގެ ޚާރިޖީ ވަޒީރުކަން ކުރައްވާފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.