ރައްޔިތުންގެ މަޖިލީހަށް ދީފައިވަނީ ތެދު މަޢުލޫމާތު: ބީއެމްއެލް

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމީޓީއަށް ބޭންކުއޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޮގު މަޢުލޫމާތު ދީފައިވާ ކަމަށް ތުހުމަތުކޮށް އެކަން ބެލުމަށް ފުލުހުންނަށް މިހާރު ވަނީ ހުށަހަޅައިފައެވެ. އަދި އެކަން ބައްލަވައި ދެއްވުމަކީ މަޖިލީހަށް ވަރަށް މުހިންމުކަމެއް ކަމަށް ފުލުހުންގެ އިދާރާގައި މިއަދު އެދިވަޑައިގެންފައިވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު މިއަދު ވަނީ ވިދާޅުވެފައެވެ.

އެހެން ކަންހިނގާފައިވަނިކޮށް ބީއެމްއެލް އިން މިއަދު ޢާއްމުކުރި ރިޕޯޓެއްގައި ވިދާޅުވެފައިވަނީ އެބޭންކުން މަޖިލީހަށް ދޮގުމަޢުލޫމާތު ދެއްވާފައި ނުވާނެ ކަމަށެވެ. އަދި ބޭންކުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މަޢުލޫމާތު ދެއްވަން ވަޑައިގެންނެވި ބޭފުޅުންވެސް ދެއްވީ ތެދުމަޢުލޫމާތު ކަމަށާއި، އެބޭފުޅުން ޙިއްސާ ކުރެއްވި މަޢުލޫމާތުތަކަކީ ބޭންކުގެ ރެކޯޑު ތަކާ އެއްގޮތަށް ދީފައިވާ މަޢޫލޫމާތެއް ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

އެމްއެމްޕީއާރުސީގެ ނަމުގައި ދޫކޮށްފައިވާ ޗެކުތަކެއް އެސްއޯއެފް އެކައުންޓަށް ޖަމާކުރެވިގެންދިޔަ ގޮތާބެހޭ ގޮތުން އެ ބޭންކުގެ އިންޓަރނަލް އޮޑިޓުން ތަޙުޤީޤު ހިންގާފައިވަނީ ވެސް ބޭންކުގެ ރެކޯޑު ތަކަށް ބަލައިގެން ކަމަށް އެބަޔާނުގައި ވިދާޅުވެފައިވެއެވެ. އޭގެ އިތުރަށް 2016 ވަނަ އަހަރު ނޮވެމްބަރުމަހުގައި ޗެކު އިމޭޖިން އެންޑް ޓްރަންކޭޝަން ގެ ދަށުން ޗެކު ކުލިއަރެންސް ފެށުމާ ހަމައަށް އެ ބޭންކުގެ އެކައުންޓުތަކަށް ޖަމާކުރެވޭ އެހެން ބޭންކުގެ ޗެކުތައްވެސް އަދި ޗުކުތަކުގެ އިމޭޖަކީވެސް އެ ބޭންކުގެ ރެކޯޑުގައި ބަހައްޓާ އެއްޗެއް ނޫން ކަމަށް ވެސް ބީއެމްއެލްގެ ބަޔާނުގައި ވެއެވެ.

ބީއެމްއެލް ނޫން އެހެން ބޭންކެއްގެ ޗެކެއްގެ ކުލިއަރެންސް ފުރިހަމަވެ އެޗަކަށް ފައިސާ ދޫކުރާނީވެސް އެޗެކެއް ދޫކޮށްފައިވާ އެކައުންޓު ހުޅުވާފައިވާ ބޭންކުން ކަމަށް ވެސް ބީއެމްއެލް އިން ވިދާޅުވެފައިވެއެވެ. އެފަދަ ޗެކުތަކުގެ ރެކޯޑު ހުންނާނީވެސް އެ ބޭންކެއްގައި ކަމަށް ވިދާޅުވެފައިވެއެވެ. އެހެން ކަމުން އެ މައްސަލާގައި ހިމެނޭ ޗެކުތަކުގެ ކޮޕީ ހޯދުމަށް އެ ބޭންކުންވާނީ އެހެން ބޭންކުތަކުތަކުގައި އެދިފައި ކަމަށް ވެސް އެބަޔާނުގައި ވެއެވެ.

"މިދެންނެވި ގޮތަށް ބޭންކުގައިހުރި މަޢުލޫމާތު ތަކުގެ މައްޗަށް ބިނާކޮށް މާލިއްޔަތު ކޮމިޓީއަށް ބޭންކުގެ ފަރާތުން މަޢުލޫމާތު ދީފައިވަނިކޮށް އެސްއޯއެފް އެކައުންޓަށް އެންޑޯޒް ކުރެވިގެން ޖަމާކުރެވުނު އެހެން ބޭންކުތަކުގެ ޗެކުތަކެއް މި ބޭންކުގެ ސަމާލުކަމަށް އައުމުން އިތުރަށް މިކަން މުތާލިއާ ކުރަން ވަނީ ފަށައިފައެވެ. އަދި ޖުލައި 21 ވަނަ ދުވަހު ބީއެމްއެލްއިން މަޖިލީހަށް ފޮނުވާފައިވާ ސިޓީގައި އެހެން ބޭންކުތަކުގެ މި ޗެކުތަކާބެހޭ މަޢުލޫމާތު ލިބުމުން ދިރާސާކުރުމަށްފަހު އިތުރު ތަފްސީލް ފޯރު ކޮށްދެވޭނެ ވާހަކަވެސް ދަންނަވާފައިވާނެ" ކަމަށް ވިދާޅުވެފައިވެއެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިކީހުގެ ޖަލްސާގައި މަޖިލީސްގެ ރައީސް ހާމަކުރެއްވި މަޢުލޫމާތުތަކަށް ބަލާއިރު ބޭންކުން މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ދެއްކި ވާހަކަތަކާއި ބޭންކުން މަޖިލީހަށް ހުށަހެޅުނު ސިޓީގައިވާ މަޢުލޫމާތުތައް މާނަކުރުމުގައި ތަފާތުތަކެއް ހުރިކަމަށް ފާހަގަ ކުރެވިފައިވާ ކަމަށް ވެސް އެބަޔާނުގައިވެއެވެ. މާލިއްޔަތު ކޮމިޓީގައި ވެސް އަދި މަޖިލީހަށް ފޮނުވި ސިޓީގައި ވެސް ބައުންސް ޗެކުތަކެއްގެ ވާހަކައެއް ހިމަނާފައި ނުވާނެ ކަމަށް ވެސް ބޭންކުން ވިދާޅުވެފައިވެއެވެ. އެމްއެމްޕީއާރުސީގެ މައްސަލާގައި މިހާރުވެސް ބޭންކުން ގެންދަވަނީ ތަޙުޤީގީ އިދާރާތަކަށް މަޢުލޫމާތު ފޯރުކޮށްދެމުން ކަމަށާއި އޭގެ ތެރޭގައި އެސްއޯއެފް އެކައުންޓުން ފައިސާ ޓްރާންފަރ ވެގެންދިޔަ އެކައުންޓުތަކާއި ނަގުދު ފައިސާ ނަގާފައިވާ ފަރާތްތަކުގެ މަޢުލޫމާތު ހިމެނޭ ކަމަށް ބޭނުން ވިދާޅުވެފައިވެއެވެ.

މިފަދަ މައްސަލަތައް ތަޙުޤީޤު ކޮށް އަވަހަށް ނިންމަވައި ޙަޤީޤަތް ހާމަވެގެން ދިޔުމަކީ ބޭންކުން ވެސް އެދިވަޑައިގަންނަވާ ގޮތް ކަމަށް އެބަޔާނުގައިވެއެވެ. މިކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުން އަދާކުރައްވަމުން ގެންދަވާ މަސްއޫލިއްޔަތުތަކަށް ބޭންކުން ފުރުހަމައަށް އެއްބާރުލެއްވުން ދެއްވާނެ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.