އީދަށް މުދާ ހިފައިގެން މީދުއަށް ދަތުރުކުރި ދޯންޏެއް ފަރަށް އަރައިފި

އީދަށް ބޭނުންވާ މުދާ ބަރުކޮށްގެން މާލެއިން ފުރައިގެން ދ.މީދޫއަށް ދަތުރުކުރި "ގެލެކްސީ" ނަމަކަށް ކިޔާ ދޯންޏެއް ރޭ ފަތިހު ފަރަކަށް އަރައިފިއެވެ.

އެމްއެންޑީއެފުން ވިދާޅުވި ގޮތުގައި އެދޯނި އަރައިފައިވަނީ މާލެ އަތޮޅު އިތާފުށީގެ އިރު ދެކުނުން 1.5 ނޯޓިކަލް މޭލުގައި އޮންނަ ފަރަކަށް ކަމަށެވެ. އެދޯނި ފަރަށްއެރިކަމުގެ މައުލޫމާތު ލިބިފައިވަނީ ރޭ ފަތިހު 04:15 އެހައިކަންހާއިރު ކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ. އެ މައުލޫމާތު ލިބުމާއެކު އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ލޯންޗެއް ވަނީ ޑައިވަރުންނާއެކު އެސަރަހައްދަށް ގޮސްފައެވެ.

ދޯނީ ފަރަށް އެރުމުން އޭގެ ހަލްގަނޑަށް ވަނީ ގެއްލުންވެފައެވެ. އޭގެ ސަބަބުން ދިޔަ ވަމުންދާތީ ދޯނީގައި މިވަގުތު ހުރި މުދާ ހުސްކުރުމަށްޓަކައި ދޯނީގެ ވެރިފަރާތުން ހަމަޖެއްސެވި އިތުރު ދޯންޏެއް މިހާރުވަނީ ގެލެކްސީ ދޯނި އޮތް ސަރަހައްދަށް ގޮސް މުދާ ހުސްކުރުމުގެ މަސައްކަތް ފަށައިފައި ކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ. މި ދޯނި ފުންކުރުމުގެ މަސައްކަތް ދޯނީގެ ވެރިފަރާތާ ގުޅިގެން އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ސިފައިން ކުރަމުންދާ ކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.

މި ހާދިސާ ހިނގި އިރު ދޯނީގައި 6 މީހުން ތިބިކަމަށާއި، އެއީ 2 ދިވެހިންނާއި 4 ބިދޭސީންނެވެ. އެއިން އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ. މިއީ ކަންނެލި މަސްވެރިކަންކުރާ ދޯންޏެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.