ރާއްޖެ ބަލިކޮށް ބޫޓާން ފެށުން ރަނގަޅު ކޮށްފި

އައްޑޫ ސިޓީގައި މިއަދު ފެށި 15 އަހަރުން ދަށުގެ ޔޫއެފާ އެސިސްޓް އިންޓަނޭޝަނަލް މުބާރާތުގެ ފުރަތަމަ މެޗު ރާއްޖެއާ ވާދަކޮށް ބޫޓާން ކާމިޔާބުކޮށްފިއެވެ. އެ ޓީމުން މި މެޗު ކާމިޔާބުކުރީ 2-1 ލަނޑުނެވެ.

އައްޑޫ ފުޓުބޯޅަ ސްޓޭޑިއަމުގައި ކުޅުނު މިމެޗުގެ ފުރަތަމަ ލަނޑު މެޗުގެ 6 ވަނަ މިނިޓުގައި ޖަހައި ލީޑު ނެގީ ބޫޓާނެވެ. އެޓީމަށް މި ލަންޑު ޖަހައިދީފައިވަނީ ޖުގުމޭއެވެ. އެ ޓީމުން ދެވަނަ ލަނޑު ޖަހައި މެޗުގެ ލީޑު ފުޅާކުރީ 25 ވަނަ މިނިޓުގައެވެ. އެ ލަނޑު ބޫޓާނަށް ޖަހައިދިނީ ބިކާޝް ޕުރަދަންއެވެ.

މެޗުގެ ފުރަތަމަ ހާފު ކުޅުން ނިމުނީ 2-0 އިން ބޫޓާން ކުރީގައި އޮވެގެންނެވެ. ދެވަނަ ހާފުގައި ރާއްޖޭގެ ޓީމުން ވަނީ ފުރަތަމަ ހާފަށްވުރެ ރަނގަޅަށް ކުޅެ ހަމަލާތައް އުފައްދައިފައެވެ. ނަތީޖާއަކަށްވީ މެޗު ގެ 69 ވަނަ މިނިޓުގައި ރާއްޖެއިން ލަނޑު ޖަހައި ސުން ކަނޑުވާލުމެވެ. އެ ލަނޑު ޖަހައިދީފައިވަނީ ރާއްޖޭ ޓީމުގެ މުޙައްމަދު ޚަނާން އެވެ. އެފަހުން ވެސް ރާއްޖެއިން ވަނީ ލަނޑު ޖަހާނެ ފުރުސަތު ހޯދައި ބޭކާރުވެފައެވެ.

ޖުމްލަ 4 ޤައުމަކުން ވާދަކުރާ މި މުބާރާތުގައި މާދަމާ ކުޅެނީ ސަޢުދީޢަރަބިއްޔާއި، ލެޓުވިއެވެ.

މި މުބާރާތުގައި ވާދަކުރަނީ ދިވެހިރާއްޖެ، ސަޢުދީޢަރަބިއްޔާ، ބޫޓާން އަދި ލެޓުވިއާއެވެ. މުބާރާތުގެ ފައިނަލުގައި ބައްދަލުކުރާނީ ގޫރުޕްސްޓޭޖު ނިމޭއިރު އެންމެ ގިނަ ޕޮއިންޓް ހޯދާފައިވާ ދެޓީމެވެ. ފައިނަލް ކުޅޭނީ ޖުލައި 29 ވަނަ ދުވަހުއެވެ. ފައިނަލް ވެސް ކުޅޭނީ އައްޑޫ ފުޓުބޯޅަ ސްޓޭޑިއަމުގައެވެ.

އައްޑޫ ސިޓީގައި މިބާރާތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ރާއްޖޭގެ ނާއިބު ރައީސް ފައިސަލް ނަސީމާއި، އައްޑޫސިޓީގެ މޭޔަރ ޢަބްދުﷲ ސާދިގު ބައިވެރިވެ ވަޑައިގެންނެވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.