ކްރިމިނަލް ކޯޓްގައި ނުނިމި 1910 މައްސަލަ

ފޮޓޯ؛ ރައްޔިތުންގެ މަޖިލިސް

ކްރިމިނަލް ކޯޓްގައި ނުނިމި 1910 މައްސަލަ އެބަ އޮތް ކަމަށް ޖުޑީޝަލް ސާރވިސް ކޮމިޝަން(ޖޭއެސްސީ) އިން އެކުލަވާލެއްވި އެކޯޓާ ބެހޭ ރިޕޯރޓުން ހާމަވެއްޖެއެވެ. މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ފަށްޓަވަމުން ރިޔާސަތުން ވަނީ މަޖިލީހަށް ޖޭއެސްސީގެ ރައީސް ޢަބްދުﷲ ޢަރީފު އެރިޕޯރޓާއެކު ސިޓީއެއް ފޮނުއްވައިފައިވާކަން ހާމަކުރައްވައިފައެވެ. ރާއްޖެ އަކީ އެއްވެސް މައްސަލައެއް ނެތް، ޤައުމަކަށް ހަދައި ކޯޓުތަކުގައި ހުރި މައްސަލަތައް ނިންމުމަށް ބޭނުންވާކަން އަރީފްގެ ސިޓީން ސާފުވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.  

ޖޭއެސްސީގެ ރިޕޯރޓާ ޙަވާލާ ދެއްވާ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ ކްރިމިނަލް ކޯޓްގައި ނުނިމި 1910 މައްސަލަ އިގެ ތެރޭގައި 10 އަހަރު ވީ 12 މައްސަލަ އާއި 5 އަހަރު ވެފައިވާ 126 މައްސަލަ ހިމެނޭ ކަމުގައެވެ. ޖިނާޢީ އިޖްރުތާތު ޤާނޫނަށް 2 ޖުލައި 2017 ގައި އަމަލު ކުރަން ފެށި ފަހުން ކްރިމިނަލް ކޯޓުގައި 181 މައްސަލައެއް ހިމެނޭ ކަމަށް ވިދާޅުވި އެވެ. ކްރިމިނަލް ކޯޓުގައި ތިއްބަވަނީ ނުވަ ފަނޑިޔާރުން ކަމަށް ވެސް ރިޕޯޓާ ޙަވާލާ ދެއްވާ ރައީސް ނަޝީދު ވިދާޅުވި އެވެ.

އެކި ފަނޑިޔާރުންނާ ހަވާލުވެފައިވާ މައްސަލަ ތަކުގެ ޢަދަދާއި ނުނިމި ހުރި މައްސަލަ ތަކުގެ ބާވަތްތައް ވެސް ރިޕޯރޓް ގައި ހިމެނޭ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ފަނޑިޔާރުންގެ ފެންވަރާއި ތަޖްރިބާ ވެސް ރިޕޯރޓަގައި ބަޔާން ކޮށްފައި ވެއެވެ.

މި ރިޕޯރޓް އެކުލަވާލެއްވި ޖޭއެސްސީގެ ކުޑަ ކޮމެޓީގައި ހިމެނިވަޑައިގަންނަވަނީ ރައީސުލްޖުމްހޫރިއްޔާގެ މެމްބަރ އަދި ކޮމިޝަންގެ ނައިބު ރައީސް މަސްތޫރު ޙުސްނީ އާއި މަޖިލިހުގެ މެމްބަރުންގެ ތެރެއިން ޖޭއެސްސީ އަށް ކަނޑައެޅައިފައިވާ ތުޅާދޫ ދާއިރާގެ މެމްބަރ ޙިސާން ޙުޞައިނާއި ދަށު ކޯޓުތަކުގެ ފަރާތުން ޖޭއެސްސީގައި އިންނަވާ ފަނޑިޔާރު އަބްދުލްޣަފޫރު އިބްރާހިމެވެ

މި ރިޕޯރޓުގެ ބަހުސްގައި ވާހަކަ ދައްކެވި މެމްބަރުން ވަނީ ޝަރުޢީ މަރުހަލާގައި މައްސަލަތައް ނުނިމި ލަސްވަމުން ދާތީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. އަދި މިކަމުގެ ސަބަބުން އާންމު ރައްޔިތުންނަށް އިންސާފު ހޯދައި ނުދެވި އެތައް އަހަރެއް ވުމަކީ ކަންބޮޑުވާން ޖެހޭ ކަމެއްކަމަށް މެމްބަރުން ފާހަގަ ކުރެއްވިއެވެ.

ދިހަ އަހަރުވީ އިރު ނުނިމި ހުރި މައްސަލަތަކުގެ ތެރޭގައި ކުޑަކުދިންނާގުޅުން ހުރި މައްސަލަތައް ގިނަކަން ބައެއް މެމްބަރުން ވަނީ ފާހަގަ ކުރައްވައިފައެވެ. އަދި އެފަދަ މައްސަލަތަކުގެ ތެރޭގައި ކުޑަކުދިންނަށް ޖިންސީ ގޯނާ ކޮށްފައިވާ މައްސަލަތައް ހިމެނޭކަން ފާހަގަކޮށް އެކަމުގެ ކަންބޮޑުވުން ފާޅުކުރެއްވިއެވެ.

ބައެއް މެމްބަރުން ވިދާޅުވީ މައްސަލަތައް އަވަސް ކުރުމަށް ކޭސް މެނޭޖްމަންޓް ސިސްޓަމެއް އެކުލަވާލައްވަން ޖެހޭ ކަމުގައެވެ. އެއް ފަނޑިޔާރެއްގެ އަތުގައި ވަރަށް ގިނަ މައްސަލަތައް ހުރުމުން މައްސަލަތައް ނިންމަން ލަސްވާނެ ކަމަށްވެސް ބައެއް މެމްބަރުން ފާހަގަ ކުރެއްވިއެވެ.

ރިޕޯރޓް ޖުޑިޝަރީ ކޮމެޓީއަށް ގެންގޮސް ގޮތެއް ނިންމުން މުހިންމުކަމަށް ބައެއް މެމްބަރުން ވިދާޅުވިއެވެ.  ހުޅުދޫ ދާއިރޭގެ މެމްބަރ އިލްޔާސް ލަބީބު ވަނީ މިރިޕޯރޓާ ގުޅިގެން ހުށަހެޅުމެއް ހުށަހަޅުއްވައި ފައެވެ.  އޭނާ ހުށަހަޅުއްވައިފައި ވަނީ، ހުރިހާ ކޯޓެއްގައި ނުނިމި ހުރި ހުރިހާ  މައްސަލައެއް ނިންމުމަށް ހުރި ހުރަސްތައް ދެނެގަނެ، އެހުރަސްތައް ގިރާކުރުމަށް ޖޭއެސްސީ ނިންމަވާފައިވާ ހިނދު، ކޯޓްތަކުގެ މައްސަލަތައް އަވަހަށް ނިންމުމަށް އެކޮމިޝަނުން ގެންގުޅޭ އަމާޒަށް ވާޞީލްވުމަށް ، އެހީތެރިވުމަށް ޖުޑިޝަރީ ކޮމެޓީއާ ހަވާލު  ކުރުމަށެވެ. މި ހުށަހެޅުމަށް ވަނީ ތާއީދު ލިބިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.