މަޅުމަތި: ޤައުމު ދެކެ ލޯބިވުމުގެ ވާހަކަ

ޤައުމު ދެކެ ލޯބިވުމުގެ ވާހަކަ ދެއްކުމަކީ ސިޔާސީ އިސް މަޤާމުތަކުގައި ތިއްބަވާ ބޭފުޅުން ވަރަށް ގިނައިން ކުރައްވާ ކަމެކެވެ. އެއީ ފަސްގަނޑު ދެކެ ލޯބިވުން ކަމެއް، ޤައުމުގައި އެކުލެވިފައިވާ ވަކި ޚާއްޞަ ސިފައެއް ދެކެ ލޯބިވުން ކަމެއް ނުވަތަ ގައުމުގެ ހުރިހައި ރައްޔިތުން ދެކެ ލޯބިވުން ކަމެއް އެއްގޮތަކަށްވެސް ނޭނގެއެވެ. ފަސްގަނޑު ދެކެ ލޯބިވުން ކަމަށް ވާ ނަމަ މިހާރު ކަންތައްތައް ބަދަލު ވެގެން ގޮސްފައިވާ ގޮތުން ޤައުމު ދެކެ ލޯބިވުމަކީ ކުރަން އުނދަގޫ ކަމަކަށް ވަނީ ވެފައެވެ. ދަރިންނަށް ކިޔަވައި ދިނުމަށާއި، ބޭސްފަރުވާ އަށާއި، އެހެނިހެން ބޭނުން ތަކަށްޓަކައި ފަސްގަނޑު ދޫކޮށްލަން ދަނީ މަޖުބޫރު ވަމުންނެވެ. ޤައުމީ ލޯތްބަށްޓަކައި ދިރިއުޅުން ދޫކޮށްލެވޭކަށް ނެތެވެ.

ޤައުމު ދެކެ ލޯބިވުމަކީ ޤައުމުގައި އެކުލެވިފައިވާ ޚާއްޞަ ސިފައެއް ނުވަތަ ސިފަތަކެއް ދެކެ ލޯބިވުން ކަމަށް ވާ ނަމަ އެކަންވެސް ވަކި ފަސޭހައެއް ނޫނެވެ. އަޅުގަނޑުމެންގެ ޚާއްޞަ ސިފައަކީ ކޮބައިކަން އޮޅުން ފިލުވާނެ ގޮތެއް ނޭނގެއެވެ. މުސްލިމުންނަށް ވީތީ ދީން ދެކެ ވާ ލޯތްބަކީ ޤައުމު ދެކެ ލޯބިވުން ކަމަކަށް ހަމަ ގައިމުވެސް ނުވެއެވެ. ޤައުމަށް ޚިޔާނަތްތެރި ނުވުމަކީ ޤައުމު ދެކެ ލޯބިވުން ކަމުގައި ބެލެވިދާނެއެވެ.

ޚިޔާނަތަކީވެސް މިހާރު އެކި ގޮތް ގޮތަށް ތަރުޖަމާ ކުރެވޭ އެއްޗެކެވެ. ޤައުމު ދެކެ ލޯބިން ޤައުމުގެ ނުބައި ސިފަތައް ސިއްރު ކުރުމަކީ ވަފާތެރިވުން ކަމަށް ދެކޭ ބަޔަކުވެސް އެބަ އުޅެއެވެ. އެ މީސް މީހުން ޤަބޫލު ކުރާ ގޮތުގައި ތެދު ބަހުން ވާހަކަ ދެއްކުމަކީ ޚިޔާނަތްތެރިވުމެވެ. އަނެއް ބަޔަކު ބުނަމުން ދަނީ ދޮގު ހެދުމަކީ ޤައުމަށް ޚިޔާނަތްތެރިވުން ކަމުގައެވެ. އެހެންވީމާ ޚިޔާނަތްތެރިވުމަކީ ކޮބައިކަންވެސް މިހާރު ވަނީ އޮޅިފައެވެ.

ޑެންމާކުގައި ރަސޫލާގެ ކާޓޫނެއް ކުރެހީމާ އިސްލާމީ ބައެއް ގައުމުތަކުގައި މުޒާހަރާ ކުރިއެވެ. ކުރަމުން ގޮސް ބާޒާރުގެ ފިހާރަތަކެއްގައި ރޯކޮށްލީ ވާހަކަ ނޫސްތަކުން ފެނުނެވެ. އެއީވެސް ލޯތްބެކެވެ. އެއީ ދީނީ ލޯތްބެވެ. ދީން ދެކެ ވާ ލޯތްބެއްގެ ބޮޑުކަމުން އަމިއްލަ ފިހާރައިގައިވެސް ރޯކޮށްލަނީއެވެ. ބައެއް މީހުން ގައުމު ދެކެ ވާ ލޯތްބެއްގެ ބޮޑުކަމުން ގައުމުގެ މުހިއްމު ތަންތާގައި ހުޅުވެސް ޖަހައެވެ.

ގައުމުގެ ހުރިހައި އެންމެން ދެކެ ލޯބިވާ ބަޔަކުވެސް އުޅޭ ކަމަށް ވެއެވެ. އެމީހުން ކުރާ ކަމަކީ ވީ ގޮތަކުން ހޯދައި ނެރެގެން މީސްމީހުންގެ ސިއްރުތައް ބޭޒާރު ކުރުމެވެ. އަބުރާ ބެހުމެވެ. އަބުރާ ބެހުމަކީވެސް ގައުމީ ލޯތްބެވެ. އެއި އަދި މާ މޮޅު ގޮތަކަށް ކުރާ ކަމެކެވެ. އެންމެ ފުރަތަމަ ކުރާ ކަމަކީ ވަކި މީހެއްގެ އަބުރެއް ނެތް ކަމަށް އަމިއްލައަށް ފައިސަލާކޮށް ނިންމަނީއެވެ. އެއަށް ފަހު އެ މީހަކާ ދިމާއަށް ހިތުހުރި އެއްޗެއް ކިޔަން ފަށަނީއެވެ. ހުރިހައި ވާހަކައެއް ނިމޭއިރު އޮންނަނީ އެމީހާ ނަފްސާނީ ބަލި މީހަކަށް ވެފައެވެ. އޭނާގެ އަބުރާ ބެހުނުމީހާ ގައުމު ދެކެ ލޯބިން ފޯވެފައެވެ.

ކަންތައް ކޮންމެ ގޮތަކަށް އޮތް ކަމުގައި ވިޔަސް ޤައުމު ދެކެ ލޯބި ވާން ޖެހޭ ކަމަށް ގިނަ ބަޔަކު ޤަބޫލު ކުރެއެވެ. ޤައުމު ކިތަންމެ ހުތުރު ސިފައެއްގައި އޮތަސް އެ ލޯބި ދަމަހައްޓަން ޖެހެއެވެ. ޤައުމުގެ މިނިވަންކަމާއި، ސިޔާދަތަށް ހުރަސް އެޅޭ ފަދަ އެއްވެސް ކަމެއް އެކަކުވެސް ކޮށްގެން ނުވާނެއެވެ. ބައެއްގެ ނުފޫޒުގެ ދަށަށް ޤައުމު ވެއްޓިގެން ހިނގައިދާނޭ ފަދަ ކަމެއްވެސް ކޮށްގެން ނުވާނެއެވެ.

މިހިރީ ހައްތަހާވެސް ކޮށްގެން ނުވާނެ ކަންތައްތަކެވެ. މިއިން ކަމެއް ނުކޮށް ޤައުމީ ލަވަ ކިޔަމުންދާ މީހާ އަކީ ޤައުމު ދެކެ ލޯބިވާ މީހެއް ކަމަށް ބަލަމާތޯއެވެ؟ މި އުސޫލު ހިފެހެއްޓީމާވެސް އޮޅުން ފިލުވަން ޖެހޭ ކަންތައްތަކެއް ހުރެއެވެ. ޤައުމުގެ މިނިވަންކަމާއި، ސިޔާދަތަށް ހުރަސް އެޅޭ ކަންތައްތަކަކީ ކޮބައިކަން ދެނެގެންނަން އެބަ ޖެހެއެވެ. އެއް ބަޔަކު އެކަހަލަ ކަންތައްތަކުގެ ގޮތުގައި ފާހަގަ ކުރާ ކަންތައްތަކަކީ އަނެއް ބަޔަކު އެ ބައެއްގެ ހިތުގައި އޮންނަ ބޮޑު ޤައުމީ ލޯތްބެއްގެ ސަބަބުން ކޮށް އުޅޭ ކަންކަން ކަމުގައި ވަނީ ވެފައެވެ.

ޤައުމީ ލޯބި ކޮންމެ ގޮތަކަށް އޮތް ކަމުގައި ވިޔަސް އެނގޭ އެއްޗަކީ މިއީ ދިވެހިންގެ ޤައުމު ކަމެވެ. ޤައުމު ފޮތި ކޮށްފައި ކޮންމެ މީހަކަށް އެތިކޮޅެއް ދޭ ނަމަ އެއިން އެތިކޮޅެއް ނުލިބޭނޭ އެއްވެސް ދިވެއްސަކު ހުރެގެން ނުވާނެއެވެ. މިހާރު ރާއްޖޭގެ މަސްރަޙުން ފެންނަ މަންޒަރުތަކަށް ބަލާ އިރު ބައެއް މީހުން މި ޙިއްޞާ ވަކި ބަޔަކަށް ނުދޭން އުޅެއޭ ހީވާ ގޮތް ވެއެވެ. ކޮންމެ ބަޔަކުވެސް ބަލަނީ ޤައުމަކީ ހަމައެކަނި އެ މީހުންގެ ޙައްޤެއް ކަމުގައެވެ. ޑިމޮކްރަސީ އަށް ތާއީދުކޮށް ތަޤްރީރު ކުރަމުން ދާ އިރުވެސް ޤައުމަކީ ހަމައެކަނި ތިމަންމެންގެ ޙައްޤެކޭ ބުނާހެންހީވެއެވެ.

ދުނިޔޭގެ ބައެއް ޤައުމުތަކަށް ބަލާ އިރު ޤައުމަށްޓަކައި ސީދާ ކަންތައްތަކެއް ކުރަނީ ހަމައެކަނި ސަރުކާރުންނެވެ. ޤައުމީ މަޞްލަޙަތު ހިފެހެއްޓުމާއި، ޤައުމުގެ ސަލާމަތީ ކަންތައްތައް ބެލެހެއްޓުމަކީ ސަރުކާރުން ކުރާ ކަންކަމެވެ. މި ނޫނަސް ޤައުމީ ކިޔާފައި ކުރާ ހުރިހައި ކަމެއް ކަހަލަ ގޮތަކަށް ކުރާތަން ފެންނަނީ ސަރުކާރުންނެވެ. ރައްޔިތުން ކުރާ ކަމަކީ ހަމައެކަނި ޤައުމު ދެކެ ލޯބިވުމެވެ. ލޯބިން ކުރަން ޖެހޭ ކަމަކީ ސަރުކާރުން އަންގާ ކަންތައްތައް ކުރުމެވެ.

އެހެންވީމާ ދިވެހިންވެސް ތިބެނީ އެފަދަ ގޮތަކަށް ނޫން ބާވައޭ ހިތަށް އަރައެވެ. ހަމަ ގައިމުވެސް އަޅުގަނޑު މި ހުންނަނީ ޤައުމު ދެކެ ވަރަށް ބޮޑަށް ލޯބި ވެގެންނެވެ. ޢުމުރުން ފާއިތުވެގެން ދިޔަ އަހަރުތަކަށް ބަލާ އިރު ޤައުމު ދެކެ ލޯބި ވެގެން ކުރެވުނު އެއްވެސް ކަމެއް ހަނދާނެއް ނެތެވެ. މިއީ އަޅުގަނޑު ފަދަ އާދައިގެ މީހެއްގެ ދިރިއުޅުން އޮތް ގޮތް ކަމުގައި ވިޔަސް ސިޔާސީ ދާއިރާގައި އުޅުއްވާ ބޭބޭފުޅުންގެ ޤައުމީ ލޯބީގެ ފިހުރިސްތު ވަރަށް ދިގު ވާނެއެވެ. އެ ބޭބޭފުޅުންގެ ވާހަކަފުޅު އަޑު އަހާ އިރު އަޅުގަނޑުމެން ހަނދާން ކުރަންވީ ކަމަކީ އެއީއެވެ. ފިހުރިސްތު ހެދި ގޮތުގެ ވާހަކަ ދައްކައިގެން ބޯ ހަލާކު ކުރުމުގެ ބޭނުމެއް ނެތެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.