މަޅުމަތި: ޖީބު ހޫނުކުރާ ބޭސް

ވެރިމީހާއާ ބައްދަލު ކުރާން ކޮންމެ ދުވަހަކު ދެތިން މީހުން އާދެއެވެ.
ކޮންމެ މީހެއްގެ އަތުގައި ކުޑަވަރެއްގެ ޕާރުސަލެއް އޮވެއެވެ.
އެނބުރިދާއިރަކު އެ ޕާރުސަލެއް ނުގެންދެއެވެ.
އޮފީހުގައި ގިނަ ދުވަސްވީ މީހަކާ އަހަރެން ސުވާލު ކުރީމެވެ.
އެމީހުން އެ ގެންނަ ޕާރުސަލުގައި ހުންނަނީ ކޮން އެއްޗެއް ހެއްޔެވެ؟
އޭނާ ބުންޏެވެ.
އެއީ ހަދިޔާއެވެ.
ޖީބު ހޫނުކުރާ ބޭހެވެ.
އެކި ޕާރުސަލުގައި ހުންނާނީ އެކި ވަރަށެވެ.
ޖީބު ހޫނުވީ ވަރަކަށް މަސައްކަތް ހަލުވި ވާނެއެވެ.

* * *

ވެރިމީހާ ރިޝްވަތު ހިފަނީ ކީއްވެގެން ކަމެއް އަހަންނަކަށް ނޭނގެއެވެ.
އެއީ ތަނަވަސް މީހެކެވެ.
ބޮޑު ގެއެއް ހުރެއެވެ.
ދެތިން ފިހާރަ ހުރެއެވެ.
އެކަމަކުވެސް ރިޝްވަތު ހިފުން ހުއްޓައެއް ނުލައެވެ.

* * *

އެއް ދުވަހަކު ވެރިމީހާގެ ގެއަށް ކަމަކު ދާން ޖެހިއްޖެއެވެ.
ބަންދު ދުވަހެއްގެ ހަވީރުގެ ވަގުތެވެ.
ސައިބޯން އަންނާށޭ ބުނީމާ އަހަރެންވެސް އިށީނދެއްޖައީމެވެ.
ވެރިމީހާ އަތުގައި އޮތް "ބުޅާ ބިސްކޯދު" ޕެކެޓަކުން ބިސްކޯދެއް ނަގައި ބިންމަތީގައި ބާއްވައިފިއެވެ.
އޭނާ ގެންގުޅޭ ބުޅާ އައިސް ބިސްކޯދު ކާން ފަށައިފިއެވެ.
ކުއްލިއަކަށް މެއްސެއް އައިސް ބޫން އަޅުވާން ފަށައިފިއެވެ.
ބުޅާ ވަރަށް ހުސިޔާރު ވެގެން އޮވެފައި ޖެހި ލަތްކަކާއެކު އެ މެހި ކާލައިފިއެވެ.
ވެރިމީހާ ބުންޏެވެ.
ނިކަން ދެކިބަލާށެވެ.
އާދަވެފައި ހުންނަ ކަމެއް ނުއެއް ހުއްޓުވޭނެއެވެ.
އަގުބޮޑު ބިސްކޯދު ކާން ދިނަސް ބުޅާ މެހި ކެއުން ހުއްޓައެއް ނުލާނެއެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.