ނޮވެމްބަރު ތިނެއްގެ ޝަހީދުންގެ ލޭ ނުދެކޭ ވަޒީރުން އިތުރުފުޅު ހެއްދެވުމުން ވަރަށް ހުތުރު: ޢުމަރު

ނަވާރަސަތޭކަ އަށްޑިހަ އަށްވަނަ އަހަރު ނޮވެމްނަރު ތިނެއްގައި ހ. ހާޖަރާގޭ ޢަބްދުﷲ ލުތުފީ އިސްވެ ހުރެ ރާއްޖެއަށް އަރައި ޝަހީދުކޮށްލި ނަވާރަ ދިވެހީންގެ ލޭ ދެކެވަޑައި ނުގަނަވާ ވަޒީރުން ރައްޔިތުންގެ މަޖިލީހަށް ވަޑައިގެން އިތުރުފުޅު ހެއްދެވުމަކީ ވަރަށް ހުތުރު ކަމެއް ކަމަށް ވިދާޅުވެ ކުރީގެ ހޯމް މިނިސްޓަރ ޢުމަރު ނަސީރު މިހާރުގެ ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ އަށް ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.

ޢުމަރު މިހެން ވިދާޅުވީ ޢަބްދުﷲ ލުތުފީ ފިލައިގެން ދިޔުމުން އޭނާ ކުރިން ރާއްޖެ ނުގެނެވިފައިވަނީ އޭރުގެ ހޯމް މިނިސްޓަރ ޢުމަރު ނަސީރު އެކަމަށް އިސްކަމެއް ނުދެއްވުމުން ކަމަށް ވިދާޅުވެ މިއަދު ބޭއްވި މަޖިލިސް ޖަލްސާގައި މިނިސްޓަރ ޢިމްރާން ވިދާޅުވުމުންނެވެ.

ޢިމްރާން ވިދާޅުވީ އޭރު ލުތުފީ ގެންނަން ޢުމަރުގެ ހުއްދައެއް ލިބިވަޑައިގެންފައި ނުވާ ކަމަށް މަޢުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ. 2014 ވަނަ އަހަރު ލުތުފީ މާލެ ގެނައުމަށް ކުރަންޖެހޭ ކަންކަމުގެ އެންމެފަހު ސްޓޭޖާ ހަމައަށް ވެސް ދިޔަކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެހެންނަމަވެސް އޭނާ މާލެ ގެނައުމަކީ އެހާ މުހިންމު ކަމެއްނޫން ކަމަށް ފުލުހުންނަށް އެންގެވީ ޢުމަރު ކަމަށް ވެސް ޢިމްރާން ވިދާޅުވިއެވެ.

މި ވާހަކަތައް ދޮގުކުރައްވައި ޢުމަރު ފޭސްބުކުގައި ލިޔުއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ "މަޖިލީހުގައި މިނިސްޓަރ ޢިމްރާން އަޅުގަނޑާ ބެހޭގޮތުން ހެއްދެވީ ކަނޑައެޅިގެން ދޮގެއް. ލުތުފީ ހޯދުމަށް އެންމެގިނަ މަސައްކަތްކުރި ވަޒީރަކީ އަޅުގަނޑު،" ކަމަށެވެ.

ޢުމަރު ވިދާޅުވީ ލުތުފީ ހޯދަން އޭނާގެ ބޮލަށް ފައިސާ ހުށަހަޅައި އެހުށަހެޅި ފައިސާގެ ޢަދަދު ބޮޑުކުރީވެސް އޭނާ ކަމަށެވެ. ލުތުފީ ގެނައުމަށް މަސައްކަތް ކުރިކަން އަނގަބަހުން ހެކި ދެއްކުމުގެ ބަދަލުގައި ޢަމަލީ ގޮތުން ކުރައްވާފައިވާ ކަންކަމުން އެކަމުގެ ހެކި ފެންނާނެ ކަމަށް ވެސް ޢުމަރު ވިދާޅުވިއެވެ.

"އަޅުގަނޑުގެ ސުވާލަކީ ލުތުފީ ހުރިތަން ޢާއްމުންނަށް ހާމަކޮށްދިނީ ޢިމްރާނުތޯ ނުވަތަ އަޅުގަނޑުތޯ؟ ލުތުފީގެ ބޮލަށް ދިހަހާސް ޑޮލަރު ހުށަހެޅީ ޢިމްރާންތޯ ނުވަތަ އަޅުގަނޑުތޯ؟" ލުތުފީ ހޯދަން މަސައްކަތް ކުރެއްވިކަން ހާމަކުރެއްވުމުގެ ގޮތުން ޢުމަރު ވިދާޅުވިއެވެ.

ޢުމަރު ވިދާޅުވީ ނޮވެމްބަރު ތިނެއް ލައިގަތްއިރު އޭނާއަކީ ފަޚުވެރި ދިވެހި ސިފައިގެންގެ މީހެއް ކަމަށެވެ. އެހެން ކަމުން އެދުވަހު ޝަހީދުވި މީހުންގެ ލޭ ފެނިވަޑައިގެންނެވި ކަމަށާއި އަދި އެމީހުންގެ މޫނު ވެސް ފެނިވަޑައިގެންނެވި ކަމަށެވެ.

"އަޅުގަނޑަކީ ނޮވެމްބަރު ތިނެއްގެ ޙާދިސާގެ ލޭ ދުށް މީހެއް. މަރުވެފައިތިބި މީހުން ފެނުނު މީހެއް. އެމީހުންގެ މޫނު ދުށްމީހެއް. އެހެންވީމާ އަޅުގަނޑު ދެއްތޯ ލުތުފީ ގެންނަން މަސައްކަތް ކުރާނީވެސް،" ޢުމަރު ވިދާޅުވިއެވެ.

"މީގެ ނުކުތާއަކީ ޢިމްރާނަށް ފެނިވަޑައި ނުގަންވައޭ ނޮވެމްބަރު ތިނެއްގެ ލޭ. އަޅުގަނޑޭ ލޭ ދުށީ. ނޮވެމްބަރު ތިނެއްގެ ޚިދުމަތުގެ މެޑެލް ވެސް އޮންނާނެ އަޅުގަނޑުގެ އަތުގައި. ނޮވެމްބަރު ތިނެއް ލޮލުން ދެކެފައިހުރި ވަޒީރެއް އަޅުގަނޑަކީ އޭރު. އެހެންވީމާ އެކަން ނުދެކޭ މީހުން، ލުތުފީގެ އަނިޔާވެރިކަން ނުފެންނަ މީހުން، ޝަހީދުންގެ ލޭ ނުދެކޭ ވަޒީރުން، ވަޑައިގެން އިތުރުފުޅު ހެއްދެވުމަކީ ވަރަށް ހުތުރު ކަމެއް،" ޢުމަރު ވިދާޅުވިއެވެ.

ޢުމަރު ނަސީރާ ބެހޭ ގޮތުން ޢިމްރާން ހެއްދެވީ އިތުރުފުޅެއް ކަމަށް އޭރުގެ ކޮމިޝަނަރު އޮފް ޕޮލިސް އަޙުމަދު އަރީފު ވެސް ވަނީ ވިދާޅުވެފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.