ނުކުޅެދުންތެރިކަން ހުންނަ މީހުން ކުރިންވަނީ ގަސްތުގައި މުޖުތަމަޢުން ހަވާސާކޮށްފައި: ޝިދާތާ

ފާއިތުވެ ދިޔަ އަހަރުތަކުގައި ދިވެހިރާއްޖޭގެ އުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތައް ބިނާކުރެވިފައި ވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުޑަކުދިން މުޖުތަމަޢުގައި ދިރިއުޅޭ ކަމަށް ރިޢާޔަތްކުރެވިގެންނޫން ކަމަށް ޖެންޑަރ މިނިސްޓަރ ވިދާޅުވެއްޖެއެވެ.

އެކަން އެ ފަދަ ޕްރޮޖެކްޓްތަކުގެ ނަތީޖާއިން ފެންނަން އެބަ އޮތް ކަމަށް ވެސް މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް  ޝިދާތާ ޝަރީފް ވިދާޅުވިއެވެ.

ރިވެލި އެވޯޑު 2019 ދިނުމުގެ ގޮތުން އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ފާއިތުވެ ދިޔަ އަހަރުތަކުގައި ޢާންމު ޚިދުމަތްދޭ ތަންތަން ބިނާކުރުމުގައި އެ ފަރާތްތަކުގެ ނުކުޅެދުންތެރިކަމަށް ރިޢާޔަތްކުރެވިފައިނުވާ ކަމަށެވެ. އޭގެ ބަދަލުގައި ފެނިގެންދިޔައީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް މުޖުތަމަޢުގެ ތެރެއިން ގަސްދުގައި ހަވާސާކޮށް، އެ ފަރާތްތަކުގެ ސިޔާސީ ނާޖާއިޒު ފައިދާތައް ނެގި މަންޒަރު ކަމަށް އެ ކަމަނާ ވިދާޅުވިއެވެ.

މިނިސްޓަރ ޝިދާތާ ވިދާޅުވި ގޮތުގައި ޒަމާންވީ 2020ގެ ތަޞައްވުރަށް ދިވެހިރާއްޖެ މަރުޙަބާ ކިޔަން ތައްޔާރުވާ އިރު، ނުކުޅެދުންތެރިކަން ހުންނަ މީހަކަށް އެހެން ފަރާތެއްގެ އެހީތެރިކަމެއް ނެތި ހިނގާބިނގާވެ އުޅުމާއި، ދަތުރުފަތުރުކުރުމާއި، އިމާރާތްތަކަށް ވާސިލުވެވޭނޭ މިންވަރަށް އިންތިޒާމުތައް ހަމަޖެއްސިފައި ނެތް ކަމީ ލަދުގަންނަން ޖެހޭ ކަމެއް ކަމަށެވެ. ތަހުޒީބަކީ އިންސާނާގެ ވިސްނުމާއި ފިކުރަށް އަންނަ ކުރިއެރުމެއް ކަމުގައިވާ ނަމަ، އެ ކަން މުޅި މުޖުތަމަޢުގެ ތެރެއިން ފެންނަން ޖެހޭ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ. އެ ގޮތުން މުޖުތަމަޢުގައި "އިންކްލޫސިވިޓީ" އަދި "އެކްސެސިބިލިޓީ" ނެތް ކަމުގައި ވަނީ ނަމަ އެއީ ތަހުޒީބުވެފައިވާ މުޖުތަމަޢުއެކޭ ނުދެންނެވޭނެ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ޝިދާތާގެ ވާހަކަފުޅުގައި އަދުގެ ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވައިގެން މި ކަންކަން އިޞްލާޙުކުރެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވިއެވެ. އެއީ ރިޔާސީ އިންތިޚާބުގެ ތެރެއިން ރައްޔިތުންނަށް ވެފައިވާ ވަޢުދެއް ކަން ފާހަގަކުރައްވައި، އެ ވަޢުދު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން ފުއްދަވައިދެއްވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އަރުވާ ކަމަށް މިނިސްޓަރ ޝިދާތާ ވިދާޅުވިއެވެ. އެ ގޮތުން މި ދައުރު ހަމަވެގެންދާ އިރު، ސަރުކާރުން ގެނެސްދޭ ތަރައްޤީގެ ނަތީޖާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދިރިއުޅުމުން ފެނިގެންދާނެ ކަމަށް އެ ކަމަނާ ވިދާޅުވިއެވެ.

މިނިސްޓަރ ޝިދާތާ އިތުރަށް ވިދާޅުވި ގޮތުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތެއް ކާމިޔާބީއާ ހަމައަށް ވާސިލުވެވެނީ، އެ ނޫން މީހަކު އެ ފަދަ ކާމިޔާބީއެއް ހޯދުމަށް ވާ ޤުރުބާނީއަށް ވުރެ އެތައް ގުނަ ބޮޑު ޤުރުބާނީތަކެއް ވެގެންނެވެ. އެ ގޮތުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރެއިން ގިނަ ފަރާތްތައް އެންމެ ފުރަތަމަ ކަޑައްތުކުރާ ހުރަހަކީ ޢާއިލާގެ ތެރޭގައި އެ ފަރާތްތަކުގެ ޤާބިލުކަމާ މެދު އޮންނަ ވިސްނުން ކަމަށާއި، އެއަށް ފަހު، މުޖުތަމަޢުގެ ތެރެއިން ކުރިމަތިވާ ގޮންޖެހުންތައް ކަމަށް އެ ކަމަނާ ވިދާޅުވިއެވެ. މި ހުރިހާ މަރުޙަލާތަކެއް ކަޑައްތުކުރުމަށް ފަހު ކާމިޔާބީއާ ހަމައަށް ވާސިލުވެވެނީ ކެތްތެރިކަމާއެކު ކުރެވޭ ދިގު އިންތިޒާރާއި މިންނެއް މަސައްކަތުން ހޯދޭ ހަނި ފުރުޞަތެއްގެ ތެރެއިން ކަމަށް ވެސް މިނިސްޓަރ ޝިދާތާ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.