މަތީ ތަޢުލީމާ ބެހޭ ޤާނޫނެއްގެ ބިލް ޑްރާފްޓް ކުރަނީ

ފޮޓޯ؛ ރައީސް އޮފީސް

މަތީ ތަޢުލީމާ ބެހޭ ޤާނޫނެއްގެ ބިލް ޑްރާފްޓް ކުރެއްވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރ  ޑރ. އިބްރާހީމް ޙަސަން ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިކަން ހާމަކުރެއްވީ ޤައުމީ ޔުނިވަރސިޓީގެ ބިލާއި އިސްލާމިކް ޔުނިވަރސިޓީގެ ބިލަށް ޚިޔާލު ހުށަހެޅުމަށް ޤައުމީ ތަރައްޤީގެ ކޮމެޓީއަށް ވަޑައިގެން މަޢުލޫމާތު ދެއްވަމުންނެވެ.

މިނިސްޓްރ ވިދާޅުވީ މަތީތަޢުލީމާ ބެހޭ ކަންކަން ކުރިއަށް ގެންދާއިރު މަތީތަޢުލީމާ ބެހޭ ސިޔާސަތުތަކެއް ކަނޑައެޅިފައި އޮންނަންޖެހޭ ކަމުގައެވެ. އެ ފަދަ ސިޔާސަތެއް ކަނޑައެޅުމަށް ޤާނޫނެއްގެ މުހިންމުކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. ދެ ޔުނިވަރސިޓީގެ ޤާނޫނު އައީ އެފަދަ ޤާނޫނެއް ނެތިކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ ފުރަތަމަ އަންނަން ޖެހޭނެ ޤާނޫނަކީ މަތީ ތަޢުލީމާ ބެހޭ ޤާނޫނުކަމުގައެވެ.

ދެ ޔުނިވަރސިޓީގެ ބިލާ ގުޅޭގޮތުން މެމްބަރުންގެ ސުވާލުތަކުގެ ތެރެއިން ޔުނިވަރސިޓީގެ ކޯސްތަކަށް ނަގާ ކުދިންގެ ފެންވަރު ދަށްވަމުންދާ މައްސަލައާ ބެހޭގޮތުން މެމްބަރެއްގެ ސުވާލަކަށް ޖަވާބު ދެއްވަމުން ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރީޓީއަށް ވެސް ޤާނޫނީ ބާރު ލިބެންޖެހޭ ކަމުގައެވެ. އެހެންކަމުން އެ ކަމަށްވެސް ޤާނޫނެއްގެ ބިލް ޑްރާފްޓް ކުރެއްވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ވިދާޅުވިއެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއަށް ޤާނޫނީ ބާރުވެރިކަން ދިނުމަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ރިޔާސީ ވަޢުދުތަކުގެ ތެރޭގައި ވެސް ހިމެނޭ ކަމެއްކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

"ރާއްޖޭގައި ދެވޭ މަތީ ތަޢުލީމުގެ ފެންވަރު ކަށަވަރު ކުރުމަކީ އަޅުގަނޑުމެން ކުރަން ބޭނުންވާ ކަމެއް އެކަން އަޅުގަނޑުމެންނަށް މިކުރެވެނީ އަޅުގަނޑު ދެކޭ ގޮތުގައި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއަށް ޤާނޫނީ ބާރުވެރިކަމެއް ލިބިދީގެން، އިންސްޓިޓިއުޝަނަލް އޮޑިޓް ކުރެވެންޖެހޭ. ހުއްދަ ދެވޭ ގޮތަށްތޯ ޕްރޮގަރާމްތައް ހިންގަނީ ބަލަން ޖެހޭ." ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.