ދަރިވަރުންގެ އިހްތިރާމު ހޯދޭނީ ކިޔަވައިދޭ މާއްދާގެ ކޮންޓެންޓު މުދައްރިސުންނަށް ފުރިހަމައަށް އެނގިގެން: ހަޔަރ އެޑިއުކޭޝަން މިނިސްޓަރ

މުދައްރިސުންނަށް ދަރިވަރުންގެ އިހްތިރާމާއި ލޯބި ހޯދޭނީ ކިޔަވާދޭ މާއްދާގެ ކޮންޓެންޓު މުދައްރިސުންނަށް ފުރިހަމައަށް އެނގިގެން ކަމަށް މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ. އިބްރާހީމް ހަސަން ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ އާދީއްތަ ދުވަހުގެ ރޭ އަހްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލުގައި އޮތް ނެޝަނަލް އިންސްޓިޓިއުޓް އޮފް ހަޔަރ އެޑިއުކޭޝަން (އެންއައިއީ)ގެ ދަސްވެނިވުމުގެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރ ވިދާޅުވިގޮތުގައި މުދައްރިސުންނަކީ ކުލާހުގައްޔާއި ސްކޫލްގައި އަދި މުޖުތަމައާއި ގައުމު އާރާސްތުކުރުމުގައި މުހިއްމު ދައުރެއް އަދާ ކުރާ ބައެއް ކަމުގައެވެ. އެހެން ކަމުން ކޮންމެ މުދައްރިސަކީ ވެސް އެ މުދައްރިސަކު ކިޔަވާދެއްވާ ދާއިރާއިން ނަމޫނާ މުދައްރިސަކަށް ވާންޖެހޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިޖަލްސާގައި މިނިސްޓަރވަނީ އުނގެނުމަކީ ހޮބީއަކަށް ހެދުމަށް ދަރިވަރުންނާއި މުދައްރިސުންނަށް ވެސް އިލްތިމާސް ކުރައްވައިފައެވެ. އަދި އިލްމު ހޯދަންވާނީ ހަމައެކަނި ސަނަދެއްގެ ބޭނުމުގައި ނޫންކަމަށް ވިދާޅުވިއެވެ. ކޮންމެ މުދައްރިސަކަށްވެސް އެ މުދައްރިސަކު ކިޔަވައިދެއްވާ ދާއިރާގެ އެންމެ ފަހުގެ ޚަބަރުތަކާއި ކުރިއެރުންތައް އެނގިފައި އޮތުން މުހިއްމުކަން ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ތިމާ ސަނަދު ހޯދީ ކޮންތަނަކުންތޯ މުސްތަގުބަލުގައި ވަޒީފާ ދޭ ފަރާތްތަކުން ބަލާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ކިޔެވީ ކިހިނަކުންތޯ އާއި ކިޔެވި ކޯހުގެ މޮޑިއުލްތަކަކީ ކޮބައިކަން ކަށަވަރުކުރާނެ ކަމަށް ވެސް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ހަޔަރ އެޑިއުކޭޝަން މިނިސްޓަރުގެ އިތުރުން މިނިސްޓަރ އޮފް އޭޑިއުކޭޝަން ޑރ. އާއިޝަތު އަލީ ބައިވެރިވެ ވަޑައިގެންނެވިއެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.