ޒިންޖިއާންގގެ ހަމަނުޖެހުންތަކަށް 10 އަހަރު ފުރޭއިރު، ޗައިނާއިން ދަނީ އުއިގޫރް މުސްލިމުންގެ ސަގާފަތް ނައްތާލަމުން

ތުރުކީގައި ދިރިއުޅޭ އުއިގޫރް މުސްލިމުން އިއްޔެ އިހުތިޖާޖުކުރަނީ

އިރުމަތީ ތުރްކިސްތާނު، ނުވަތަ (ޗައިނާގެ ނަމުންނަމަ) ޒިންޖިއާންގ ޕްރޮވިންސުގައި  މީގެ 10 އަހަރު ކުރިން، 05 ޖުލައި 2009 ގައި، ހިނގި ނަސްލީ ހަމަނުޖެހުންތަކަށް އިއްޔެ 10 އަހަރު ފުރުނުއިރު އެ ޕްރޮވިންސުގެ މުސްލިމުންގެ ހާލަތު ވަނީ ކަންބޮޑުވާން ޖެހޭ ފަދަ ނިކަމެތި ހާލަތަކަށް ވައްޓާލާފައެވެ.

ޗައިނާއިން ދަނީ އުއިގޫރް މުސްލިމުން ދީނީ އަދި ނަސްލީ ޝަޚުސިއްޔަތު ފޮހެލައި، އެމީހުން ސަގާފަތް ނައްތާލުމަށް ކުރެވެން އޮތްހާ މަސައްކަތެއް ކުރަމުންނެވެ. އެތައް މިލިއަން މުސްލިމުން ވަނީ ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ޖަރުމަނުގެ ނާޒީން ހިންގި ފަދަ ކޭންޕުތަކުގައި ބަންދުކޮށްފައެވެ.

ޗައިނާގެ ދެކުނުގެ ޕްރޮވިންސެއް ކަމުގައިވާ ގޮއާންޑޮންގގައި ހުންނަ ކުޑަކުދިން ކުޅޭ ތަކެތި ހަދާ ފެކްޓަރީއެއްގައި 2009 ވަނަ އަހަރުގެ ޖޫންމަހު ފަހުކޮޅު ޗައިނާގެ ހާން ދަރިކޮޅުގެ ބަޔަކާއި އުއިގޫރް މުސްލިމުންގެ ބަޔަކާ ދެމުދު ހަމަނުޖެހުން ހިނގައި މުސްލިކުންގެ ދެ މީހަކު މަރުވިއެވެ.

މި ޚަބަރު ޒިންޖިއާންގ ޕްރޮވިންސުގެ ވެރިރަށް އުރްގުމީއަށް ފޯރުމާއެކު، 05 ޖުލައި 2019 ވީ ދުވަހު އެތައް ހާސް ބަޔަކު ސުލްހަވެރި މުޒާހަރާއެއްގައި އެރަށުގެ މަގުތަކަށް ނުކުތެވެ. ޗައިނާ ދަރިކޮޅުގެ މީހުން ނުކުމެ އެމީހުންނަށް ހުރަސްއެޅުމުން ދެ ފަރާތުގެ ދެމެދުގައި ފެށުނު އަރައިރުން ބޮޑު ހަމަނުޖެހުމަކަށް ބަދަލުވެ، އުއިގޫރް މުސްލިމުންގެ 200 ވަރަކަށް މީހުން މަރުވިއެވެ.

އެ ހާދިސާއަށް ފަހު ދިހަ އަހަރު ވީއިރު، އޭރު އުއިގޫރް މުސްލިމުންނާ ދެކޮޅަށް ޗައިނާ ސަރުކާރުން ފެށި ނަސްލީ އިމްތިޔާޒު ސިޔާސަތު އަދާއި ހަމައަށް ވަނީ ދެމިގެން ގޮސްފައެވެ. މުސްލިމް ގައުމުތަކުންވެސް  އެކަމަށް ލޯ މަރާލައިގެން ތިބިއިރު، އުއިގޫރް މުސްލިމުން މިއަދުވެސް ދަނީ އެހީއަށް އެދެމުންނެވެ.

"އަހަރުމެންގެ ފިރިހެން ކުދިންނަށް ދަނީ އަނިޔާކުރަމުން. އަހަރުމެންގެ އަންހެން ކުދިން ޗައިނާގެ ހާން ދަރިކޮޅުގެ މީހުންނާ ކައިވެނިކުރުމަށް ދަނީ މަޖުބޫރުކުރަމުން. އަހަރުމެންގެ ކުޑަކުދިން ޔަތީމުޚާނާތަކަށް ފޮނުވަނީ. އަހަރުމުންނަކީ (އުއިގޫރް) މުސްލިމުންނަށް ވީތީ." އުރްގުމީ ހަމަނުޖެހުމަށް 10 އަހަރު ފުރުމާ ގުޅިގެން ދެއްކެވި ވާހަކައިގައި އީސްޓް ތުރްކިސްތާން ނޭޝަނަލް އެސެންބްލީގެ ރައީސު ސައްޔިދު ތުމްތުރްކް ވިދާޅުވިއެވެ.

ޒިންޖިއާންގ ޕްރޮވިންސުގައި 10 މިލިއަން މުސްލިމުން އުޅެއެވެ. އެއީ އެ ޕްރޮވިންސުގެ އާބާދީގެ %45 އެވެ. މުސްލިމުން އެއް މިލިއަން މީހުން މިހާރު ތިބީ 'ސިޔާސީ ގޮތުން އަލުން ތަރުބިއްޔަތު' ކުރުމުގެ ނަމުގައި ކޭންޕުތަކުގައި ބަންދުކޮށްފައެވެ.

ތުމްތުރްކު ވިދާޅުވިގޮތުގައި އުއިގޫރް މުސްލިމުން ސަގާފަތް ފޮހެލުމަށް ކުރާ މަސައްކަތުގައި ޗައިނާއިން ވަނީ މުސްލިމުން ލިޔުމަށް ބޭނުންކުރާ އަކުރު ބޭނުންކުރުމް މަނާކޮށްފައެވެ. އެތައް މިސްކިތެއް ތަޅަފާއެވެ. އަދި ސަގާފީ ތަރިކައިގެ ތެރޭގައި ހިމެނޭ އެތައް ތަނެއް ހަލާކުކޮށްލާފައެވެ.

ޗައިނާއިން ގެންގުޅޭ ނަސްލީ އިމްތިޔާޒު ސިޔާސަތު ދުނިޔޭގެ ސަމާލުކަމަށް ގެނައުމަށް އުއިގޫރް މުސްލިމުން ވަނީ އިއްޔެ އެމެރިކާއާއި، ތުރުކީއާއި، މެލޭޝިޔާފަދަ ގައުމުތަކުގައި އިހުތިޖާޖުތައް ބާއްވާފައެވެ. އެހެންނަމަވެސް، އެކަމަށް ދުނިޔެ މާބޮޑު ސަމާލުކަމެއް ދީފައި ނެވެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.