ޗައިނާގެ ޒިންޖިއާންގ ޕްރޮވިންސުގައި މުސްލިމުން ރޯދަހިފުން މަނާ

ޒިންޖިއާންގ ޕްރޮވިންސުގެ މުސްލިމުން އުޅޭ ނުއުޅޭ ގޮތް ބެލުމަށް ޗައިނާއިން ދަނީ ގިނަ އަދަދެއްގެ ސީސީޓީވީ ކެމެރާ ބޭނުންކުރަމުން

ފާއިތުވި ތިން އަހަރެކޭ އެއްފަދައިން މި އަހަރުވެސް ރަމަޟާން މަހު ރޯދަހިފުން ޗައިނާގެ ޒިންޖިއާންގ ޕްރޮވިންސުގެ މުސްލިމުންނަށް މަނާކޮށްފައި ވާކަމުގެ ޚަބަރުތައް ލިބެމުން އެބަދެއެވެ. ޚަބަރުތައް ބުނާ ގޮތުގައި ޒިންޖިއާންގ ޕްރޮވިންސުގެ ސަރުކާރުން ވަނީ މުސްލިމް ރެސްޓޯރެންޓްތައް ދުވާލުގެ ވަގުތުގައި ހުޅުވާފައި ބެހެއްޓުންވެސް މަޖުބޫރުކޮށްފައެވެ.

ޒިންޖިއާންގގައި ދިރިއުޅޭ އުއިގޫރް ދަރިކޮޅުގެ މުސްލިމުންނާމެދު ޗައިނާ ސަރުކާރުން ހިންގާ ލާއިންސާނީ އަމަލުތަކުގެ ވާހަކައަކީ ދުނިޔޭގެ ޚަބަރު ފަތުރާ ވަސީލަތްތަކަށް އާ ވާހަކައެއް ނޫނެވެ. ޚާއްޞަކޮށް އިސްލާމްދީނުގެ ރުކުނެއްކަމުގައިވާ ރޯދައިގެ އަޅުކަން އަދާކުރުން މުސްލިމުންނަށް މަނާކުރުމަކީ ދުނިޔޭގެ އެއްވެސް ގައުމެއްގައި ކޮށްފައިވާ ކަމެއްކަން އެނގިފައި ނުވެއެވެ.

މުސްލިމުންނާ ދެކޮޅަށް އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކުގެ ތެރޭގައި، އެމީހުން އުޅޭ ނުއުޅޭ ގޮތް ބަލައި ފާރަވެރިވުމަށް ޚާއްޞަ މޯބައިލް އެޕްލިކޭޝަނެއް ބޭނުންކުރަންވެސް ޗައިނާއިން ވަނީ ފަށާފައެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތް، ހިއުމަން ރައިޓްސް ވޮޗްއިން ބުރާސްފަތި ދުވަހު ނެރުނު ރިޕޯޓެއްގައި ވާގޮތުން ޗައިނާއިން ދަނީ ޒިންޖިއާންގ ޕްރޮވިންސުގައި އިންޓެގްރޭޓެޑް ޖޮއިންޓް އޮޕަރޭޝަންސް ޕްލެޓްފޯމް (އައިޖޭއޯޕީ) ގެ ނަމުގައި ޕްރޮގްރާމެއް ބޭނުންކުރަމުންނެވެ. މި ޕްރޮގްރާމުން ސީސީޓީވީ ކެމެރާ މަންޒަރުތަކާ، މޫނު ދެނެގަންނަ ސޮފްޓްވެއާއާ، މީހާ އައިސް ގޮސް އުޅޭ ތަންތަނާއި، ވާހަކަދައްކައި ހަދާމީހުން ބަލައި ހަދައެވެ.

ޗައިނާއިން މުސްލިމުން ރޯދަހިފުން މަނާކުރަމުންދާތީ އެމެރިކާގެ މުސްލިމުން މިހާރުވަނީ ޗައިނާގެ އުފެއްދުންތައް ބޭނުންކުރުން ހުއްޓާލުމުގެ ހަރަކާތް ފަށާފައެވެ. 'ފާސްޓް ފްރޮމް ޗައިނާ' ގެ ނަމުގައި ފަށާފައިވާ މިހަރަކާތުގައި ގިނަ އަދަދެއްގެ މުސްލިމުން ދަނީ ބައިވެރިވަމުންނެވެ.

މިހަރަކާތުގައި ބައިވެރިވެވަޑައިގަންނަވާ އެމެރިކާގެ އިލްމުވެރިންގެ ތެރޭގައި ޔަޤީން އިންސްޓިޓިއުޓްގެ އިމާމް ޢުމަރު ސުލައިމާން، އިސްލާމިކް ސެމިނަރީ އޮފް އެމެރިކާގެ ޔާސިރު ޤާޟީ، އޯލް ޑަލެސް އޭރިޔާ މުސްލިމް ސޮސައިޓީގެ އިމާމް މުޙައްމަދު މާޖިދު ހިމެނިވަޑައިގަންނަވައެވެ.

ޗައިނާގައި މުސްލިމަކާ މެދު ޝައްކުގެ ނަޒަރުން ބަލާ ކަންކަމުގެ ތެރޭގައި ފޭލިގެއެއް ގެންގުޅުމާއި، ބޭރަށް ދަތުރުކޮށްފައިވާ މީހަކާއި ވާހަކަދެއްކުމާއި، ތުނބުޅި ދިގުކުރުމާއި، ރާ ބޯން ދެކޮޅުހެދުމާއި، ރޯދަހިފުމާއި، އާދަވެގެން ނަމާދުކުރުމާއި، ދީނީ ތަގުރީރު އަޑުއެހުމާއި، އިރުއެރުމުގެ ކުރިން ނާސްތާކުރުމާއި، އަރަބި އަކުރު ހުރި ޓީޝާޓެއް ލުމާއި، ދީނީ ޝިއާރެއް ދައްކުވައިދޭ ހެދުމެއް ލުމާއި، ކޮމިއުނިސްޓް ޕާޓީން ބާއްވާ ޕްރޮޕެގެންޑާ ބައްދަލުވުންތަކަށް ހާޒިރުނުވުން ހިމެނެއެވެ. މިފަދަ ކަމެއް ކުރާ މީހަކު ކޭޕްމެއްގައި ބަންދުކުރުމަކީ ގާތްކަމެކެވެ.  

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.