އީސްޓާ އާދީއްތަ ދުވަހުގެ ހަމަލާގެ މައްސަލައިގައި ފުލުހުންގެ ވެރިޔާގެ މައްޗަށް ދައުވާއުފުލަން ޖެހޭ: އޭޖީ

21 އެޕްރީލްގެ ހަމަލާއަށް ފަހު ނިގަންބޯގެ ސެބަސްޓިއަން ކެތޮލިކް ފައްޅީގައި ފުލުހުން ހަރަކާތްތެރިވަނީ

ސްރީލަންކާގައި މިއަހަރުގެ އީސްޓާ އާދިއްތަ (21 އެޕްރީލް) ދުވަހު ދިން ޓެރަރިސްޓް ހަމަލާތަކުގެ މައްސަލައިގައި އޭރު ފުލުހުންގެ ވެރިޔާ، އިންސްޕެކްޓާ ޖެނެރަލް އޮފް ޕޮލިސް (އައިޖީޕީ) ޕުޖިތު ޖަޔަސުންދަރާއާއި، ޑިފެންސް ސެކްރެޓަރީ ހެމަސިރީ ފެނާންޑޯގެ މައްޗަށް "އިންސާނިއްޔަތާއި ޚިލާފު ޖަރީމާހިންގުމުގެ" ދައުވާ އުފުލަން ޖެހޭކަމަށް އެގައުމުގެ އެޓާނީ ޖެނެރަލް (އޭޖީ) ޑައްޕުލާ ޑިލިވޭރާ ވިދާޅުވެއްޖެއެވެ.

ސްރީލަންކާގެ ބައެއް ނޫސްތަކުން ބުނެފައިވާ ގޮތުގައި އެޓާނީ ޖެނެރަލް ވަނީ އެ ދެބޭފުޅުން ހައްޔަރުކުރުމަށް އެކްޓިންގ ޕޮލިސް ޗީފް ސީޑީ ވިކްރަމަރަތުނޭއަށް އިއްޔެ އަންގަވާފައެވެ.

"އެޕްރީލް 21 ގެ ހަމަލާތައް ހުއްޓުވުމުގައި އެ ދެ އޮފިޝަލުންގެ ޖިނާއީ އިހުމާލަށްޓަކައި، ދެ ބޭފުޅުން މެޖިސްޓްރޭޓެއްގެ ކުރިފުޅުމައްޗަށް ހާޒިރުކުރަން ޖެހޭ." ފުލުހުންގެ ވަގުތީ ވެރިޔާއަށް އޭޖީ ޑިލިވޭރާ ފޮނުއްވި ސިޓީފުޅެއްގައި ވެއެވެ.

"އެ ބޭފުޅުންގެ އިހުމާލު ބައިނަލްއަގްވާމީ ގާނުނުގައި އިންސާނިއްޔާތާއި ޚިލާފު ބޮޑު ޖަރީމާގެ ގުތޮގައި ސިފަކުރެވޭ އަމަލާ އެއްވަރު." އެ ސިޓީފުޅުގައި ވެއެވެ.

އެޓާނީ ޖެނެރަލްގެ ސިޓީފުޅުގައި ފުލުންގެ ވެރިޔާއަށާއި، ޑިފެންސް ސެކްޓަރީގެ މައްޗަށް މިހާ ބޮޑު ތުހުމަތެއް ކުރައްވާފައި ވަނީ، 21 އެޕްރީލްގެ ހަމަލާތުގެ މައުލޫމާތު ކުރިން ލިބިވަޑައިގެން ތިއްބަވައި، އެކަމާދެ ފިޔަވަޅު ނާޅުއްވައި ތިއްބެވީތީ ކަމަށް ވެއެވެ.

"ރަސްމީ މަސްއޫލިއްޔަތަށް އިހުމާލުވެފައިވާ ކަން...... ޖިނާއީ އިހްމާލުވެފައިވާކަން ސާބިތުކޮށްދިނުމަށް ފުދޭވަރަށް ހެކި އެބަހުރި." ކަންވެސް އޭޖީ ޑިލިވޭރާގެ ސިޓީފުޅުގައި ފާހަގަކުރައްވާފައި ވެއެވެ.

ލަސްނުކުރައްވައި، ދެ ބޭފުޅުންގެ ބަޔާން ނެގުމަށްވެސް އެޓާނީ ޖެނެރަލް ވަނީ ފުލުހުންގެ ވަގުތީ ވެރިޔާއަށް އަންގަވާފައެވެ.

އޭޖީ ޑިލިވޭރާ ވަނީ ސަލަމާތީ ކަންކަން ދޯދިޔާވުމުގެ މައްސަލައިގައި ފުލުހުންގެ ނުވަ އޮފިސަރެއްގެ މައްޗަށް ވެސް ތުހުމަތުކުރައްވާފައެވެ.

އެޓާނީ ޖެނެރަލް ވިދާޅުވެފައިވާ ގޮތުގައި، ޑިފެންސް ސެކްރެޓަރީ ފެންނާންޑޯ "ބޮޑެތި އިހުމާލުތަކެއް" ވެވަޑައިގެންފައިވާކަން ރިޔާސީ ކޮމިޝަނުގެ ތަހުގީގަށް ވަނީ ފެނިފައެވެ. ފެނާންޑޯ މިހާރު ވަނީ މަގާމުން އިސްތިއުފާދެއްވާފައެވެ. ފުލުހުންގެ ވެރިޔާ ޖަޔަސުންދަރާ އިސްތިއުފާދެއްވަން ދެކޮޅު ހެއްދެވުމުން ރައީސު ސިރިސޭނާ ވަނީ އޭނާ މަގާމުން ދުރުކުރައްވާފައެވެ.

ރައީސު މައިތިރިޕާލާ ސިރިސޭނާވެސް ވަނީ، އީސްޓާ އާދީއްތަ (21 އެޕްރީލް) ދުވަހު ހަމަލާތަކެއް ދިނުމަށް ރާވާކަމުގެ މައުލޫމާތު 4 އެޕްރީލްގައި ލިބިފައިވުމާއެކު ވެސް އެކަމާމެދު ފިޔަވަޅު އަޅުއްވާފައި ނުވާކަމުގެ ތުހުމަތު ފެނާންޑޯއާއި ޖަޔަސުންދަރާގެ މައްޗަށް ކުރައްވާފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.