ކ. އަތޮޅު މަދަރުސާއަށް މަލްޓިޕާޕަސް ހޯލަކާއި ކުލާސްރޫމް އިތުރު ކުރަން ހަވާލުކޮށްފި

ކ. ކާށިދޫގައި ހުންނަ ކ. އަތޮޅު މަދަރުސާއަށް 16 ކުލާސްރޫމް ހިމެނޭ 4 ބުރީގެ ޢިމާރާތަކާއި މަލްޓިޕާޕަސް ހޯލެއް ޢިމާރާތް ކުރުމުގެ މަސައްކަތް ކުންފުންޏަކާ މިއަދު ޙަވާލު ކުރައްވައިފައެވެ. އެކުންފުންޏާ މިމާސައްކަތް ޙަވާކު ކުރައްވާފައިވަނީ 365 ދުވަސް ތެރޭގައި ނިންމާ ގޮތަށް ތިރީސް ފަސް މިލިއަން އަށްޑިހަ ހަތް ހާސް އަށް ސަތޭކަ ސާދަ ރުފިޔާ ފަންސާސް އަށް ލާރިއަށް ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވިއެވެ.  މިއީ ޕީއެސްއައިޕީގެ ދަށުން މިއަހަރު ކުރިއަށް ގެންދާ ފުރަތަމަ މަޝްރޫޢެވެ.

  އެ ސްކޫލްއަކީ މިވަގުތު ދެ ދަންފަޅިއަށް ކިޔެވުން ގެންދަވާ ސްކޫލްއެއް، ނަމަވެސް މި ޢިމާރާތް ނިމުމުން އެ ސްކޫލް އެއް ދަންފަޅިއަށް ކިޔެވުން ބަދަލުކުރައްވާނެ ކަމަށް އެޑިޔުކޭޝަނުން ވިދާޅުވިއެވެ.

 މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ. އާއިޝަތު އަލީ އެވެ. ޑަބްލިއު އެންޑް އޭ އޯވާސީސް ޕީ.ޓީ.އީ ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިނގް ޑިރެކްޓަރ އަޖުހަދު ޢަބްދުﷲ ޒުހައިރެވެ.

މިއަޖަރު ޕީ.އެސް.އައި.ޕީގެ ތެރެއިން ޖުމްލަ 20 ޕްރޮޖެކްޓެއް އިއުލާންކޮށް އެވޯޑްކުރުމުގެ މަސައްކަތް ކުރިޔަށްދާ ކަމަށް މިނިސްޓްރީން ވިދާޅުވެފައިވެއެވެ. "އެއީ 54 ކްލާސްރޫމް، 16 މަލްޓި ޕާރޕޯސް ހޯލް، އަދި ސްކޫލްތަކަށް ބޭނުންވާ އެހެނިހެން 114 އުމްރާނީ ވަސީލަތް. މި ޕްރޮޖެކްޓްތައް މިމަސް (ޖުލައި) އަދި އޮގަސްޓް މަހުގެ ތެރޭގައި ކޮންޓްރެކްޓް ކުރެވޭނެކަމަށް ލަފާކުރެވޭ. މި ޕްރޮޖެކްޓްތަކަށް ޖުމްލަ 156 މިލިއަން ރުފިޔާ ޚަރަދުވާނޭ ކަމަށް ލަފާކުރެވޭ،" މިނިސްޓްރީން ވިދާޅުވެފައިވެއެވެ.

އޭގެ އިތުރަށް ޖުމްލަ 17 ޕްރޮޖެކްޓްގެ ޑިޒައިނިންގް މަސައްކަތް ކުރިޔަށްދާ ކަމަށާއި  އެއީ 175 ކްލާސްރޫމް، 04 މަލްޓި ޕާރޕޯސް ހޯލް، އަދި ސްކޫލްތަކަށް ބޭނުންވާ އެހެނިހެން ގިނަގުނަ އުމްރާނީ ވަސީލަތް ކަމަށްވެސް ވިދާޅުވެފައިވެއެވެ. އެ ޕްރޮޖެކްޓްތައް ކުރިޔަށް އޮތް 3 މަސް ތެރޭގައި ޑިޒައިން ކޮށް އިއުލާން ކުރެވޭނެކަމަށް ލަފާކުރެވޭ ކަމަށާއި އެ ޕްރޮޖެކްޓްތަކަށް ޖުމްލަ 434 މިލިއަން ރުފިޔާ ޙަރަދުވާނޭ ކަމަށް ލަފާކުރެވޭ ކަމަށް ވެސް އެޑިޔުކޭޝަނުން ވިދާޅުވިއެވެ.

"މީގެ އިތުރުން މާލެ އާއި އަތޮޅުތެރޭގެ ސްކޫލްތަކުގައި 2019 ވަނަ އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ފެށުމަށްޓަކައި، ސްކޫލް ތަކުގެ އާބާތުރަ ފިލުވުމަށް ކުރެވިފައިވާ ބޮޑެތި މަރާމާތުތަކަށާއި، އަލަށް ހުއްދަދެވުނު މަރާމާތުގެ މަސައްކަތްތަކަށާއި، އަޕްގްރޭޑިންގެ މަސައްކަތްތަކަށް ގާތްގަނޑަކަށް 40 (ސާޅިސް) މިލިޔަން ރުފިޔާ ޚަރަދުވެފައިވާނެ،" ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.