ޣައްޒާއިން ޔަހޫދީ ދައުލަތް، އިސްރާއީލުގެ ތެރެއަށް 'އަލިފާން ފުއްޕާހަން' ފޮނުވުން ސަބަބެއް ކަމުގައި ދައްކައި، ޣައްޒާގެ އިންޖީނުގެއަށް ގެންދާ ތެޔޮ ޣައްޒާއަށް އެތެރެވިޔަނުދީ މިއަދުން ފެށިގެން ހުއްޓުވަން އިސްރާއީލުން ނިންމައިފިއެވެ.
މި ފިޔަވަޅު އެޅީ 'ތަންތަނުގައި ގަސްތުގައި އަލިފާން ރޯކުރުމުގެ ބޭނުމުގައި" ޣައްޒާއިން އިސްރާއީލުގެ ތެރެއަށް ފުއްޕާހަން ފޮނުވައި، އެ ފުއްޕާހަންތަކުން އިސްރާއީލުގެ ތަންތަނުގައި ރޯވަމުންދާތީ ކަމަށް އިސްރާއީލުގެ ޑިފެންސް މިނިސްޓްރީގެ ފަލަސްޠީނު މީހުންގެ މަދަނީ ކަންކަން ބަލަހައްޓާ ކޯޑިނޭޓަރުގެ ބަޔާނެއްގައި ވެއެވެ.
ފާއިތުވި އަހަރުއްސުރެ ޣައްޒާގެ ރައްޔިތުން ހަފުތާއަކު އެއް ފަހަރު ސަރަހައްދީ ރޮނގު ކައިރީ ކުރަމުން އައި މުޒާހަރާތަކުގައި ވަނީ ގިނަ އަދަދެއްގެ 'އަލިފާން ފުއްޕާހަންތައް އިސްރާއީލު ތެރެއަށް ފޮނުވާފައެވެ. ފުއްޕާހަމަކަށް ހީލިއަމް ފަދަ ގޭހެއް އެޅުމަށް ފަހު އޭގެ ފަހަތުގައި 'ޕެޓްރޯލް ބޮމެއް' ހަރުކޮށްގެން ހަދާފައި އުދުއްސާލާ 'އަލިފާން ފުއްޕާހަމުގެ' ސަބަބުން އިސްރާއީލު ތެރޭ އެތައް ސަތޭކަ ތަނެއްގައި އަލިފާން ރޯވެފައި ވެއެވެ.
އަދި "އެހެން ގޮތަކަށް އަންގަންދެން" މިކަން ދެމިއޮންނާނެ ކަމަށްވެސް ކޯޑިނޭޓާ އޮފް ގަވަމެންޓް އެކްޓިވިޓީސް އިން ޓެރިޓަރީސް (ސީއޯޖީޓީ) ގެ ބަޔާނުގައި ވެއެވެ. އިސްރާއީލުން މިއަދު ވަނީ މިސްރުން ޣައްޒާއަށް ތެޔޮ ހިފައިގެން އައި ލޯރީތައް ސަރައްދީ ރޮނގުގައި ހުންނަ ކަރީމް ޝްލޯމް ޗެކް ޕޮއިންޓުން ހުއްޓުވާފައެވެ. އެ ޗެކް ޕޮއިންޓް ބަލަހައްޓަނީ އިސްރާއީލް އެއާޕޯޓްސް އޮތޯރިޓީންނެވެ،
ޤަޠަރުން ފައިސާދީގެން، އދ.ން ވިލަރެސްކޮށްގެން ޣައްޒާއަށް ފޮނުވާ ތެލަކީ 2018 ވަނަ އަހަރު ފަހުކޮޅު އިސްރާއީލާ ޣައްޒާގައި ވެރިކަންކުރާ ހަމާސް ޖަމާއަތާ ދެމެދު ވެވުނު ވަގުތީ ސުލްހައިގެ އެއްބަސްވުމުގެ ދަށުން ފޮނުވާ ތެލެވެ. މި ތެޔޮ ލިބެން ފެށިފަހުން ޣައްޒާގެ ކަރަންޓުގެ ހާލަތު ރަނގަޅުވެ، އެ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ދުވާލަކު 12 ގަޑިއިރު ކަރަންޓު ލިބެމުން ދާކަމަށް އދ.ން ބުނެއެވެ. މި އެއްބަސްވުމުގެ ކުރިން ޣައްޒާގެ ރައްޔިތުންނަށް ކަރަންޓު ލިބެމުން ދިޔައީ ދުވާލަކު 6 ގަޑިއިރަށެވެ.
އިސްރާއީލުގެ ޣައްޒާ ހިސާރުކޮށްފައި އޮންނަތާ ދިހަ އަހަރު ވެއްޖެއެވެ. އިސްރާއީލުން ބުނަމުން ދަނީ އެއީ ހަމާސް އެކަހެރިކުރަން ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމުގައެވެ. އިސްރާއީލުގެ މިއަމަލީ ޣައްޒާގެ ދެ މިލިއަން ރައްޔިތުންނަށް ދެވޭ ޖަމާއީ އަދަބެއް ކަމުގައި ގިނަ ފަރާތްތަކަކުން ބުނަމުން ދާއިރު ވެސް އިސްރާއީލުން ދަނީ ގޮތްދޫނުކޮށް އަނިޔާވެރި ހިސާރު ދަމަހައްޓަމުންނެވެ.