ޢަބްދުﷲ ދީދީގެ މައްސަލައިގައި ނެރުނު އަމުރު ޤާނޫނު އަސާސީއާ ޚިލާފުކަމަށް ނިންމައިފި

ފަނޑިޔާރު ޢަބްދުﷲ ދީދީ ސަސްޕެންޑްކުރި މައްސަލައިގައި ސުޕްރީމް ކޯޓުން ނެރުނު  އަމުރާ ޚިލާފަށް ނިންމާ ކޮންމެ ނިންމުމަކީ،  ބާތިލްވާނެކަމަށް ކަނޑައަޅައި އިއްޔެ އެކޯޓުން ނެރުނު އަމުރަކީ  ޤާނޫނޫ އަސާސީއާ ޚިލާފު އަމުރެއްކަމަށް ރައްޔިތުންގެ މަޖިލީހުން ނިންމައިފިއެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މިގޮތަށް ނިންމައިފައިވަނީ އެ މަޖިލީހުގައި ހިމެނޭ އެމްޑީޕީގެ ސުޕަރ މެޖޯރިޓީގެ 64 މެމެންބަރުން އަޣްލަބިއްޔަތުންނެވެ. ރައްޔިތުންގެ މަޖިލީހުގެ ނިންމުމުގައި، ޤާނޫނު އަސާސީން ރައްޔިތުންގެ މަޖިލީހަށް މުތުލަޤަށް މަތިކޮށްފައިވާ ބާރަށާއި އެ މަޖިލީހުގެ މަސައްކަތަށް ހުރަސް އެޅޭ ގޮތަށް ޤާނޫނު އަސާސީއާ ޚިލާފަށް އެއްވެސް ޢަމަލެއް ނުހިންގުމަށް ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓަށް ވަނީ އިލްތިމާސް ކުރައްވައިފައެވެ. މި އިލްތިމާސް އަކީ ޖުޑިޝަރީ ކޮމެޓީގެ ރިޕޯޓަށް ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރ ޙަސަން ލަތީފު ހުށަހެޅުއްވާ މާފަންނު އުތުރު ދާއިރާގެ މެމްބަރު ތާއީދު ކުރެއްވި އިޞްލާހެކެވެ. އިސްލާހާ އެކު ކޮމެޓީގެ ރިޕޯރޓްވެސް ފާސްކުރީ އެމްޑީޕީގެ ސުޕަރ މެޖޯރިޓީގެ 64 މެމްބަރުންގެ އަޣްލަބިއްޔަތުންނެވެ.

ރައްޔިތުންގެ މަޖިލީހުން ހަދާ ޤާނޫނުތައް ހިތުހުރިގޮތަކަށް ބަދަލު ނުކުރުމަށާއި މިނިވަން މުޢައްސަސާތަކުގެ ޤާނޫނީ އިޙްތިސާސްގެ ތެރެއަށް އަރައި ނުގަތުމަށް ވެސް އެ މަޖިލީހުން ވަނީ ސުޕްރީމް ކޯޓަށް އިލްމާސްކުރައްވައިފައެވެ. އަދި ސުޕްރީމްކޯޓްގެ ފަނޑިޔާރު ޢަބަދުﷲ ދީދީގެ ސަސްޕެންޝަން ދެމެހެއްޓުމަށް ޖޭއެސްސީން ނިންމި ނިންމުމަކީ ޤާނޫނީ ބާރު ލިބިގެންވާ ނިންމުމެއްކަމަށް ވެސް ރިޕޯރޓްގައި ވަނީ ކަނޑައަޅައިފައެވެ.

ސުޕްރީމްކޯޓްގެ ނުފޫޒުން ޖޭއެސްސީ  މިނިވަން ކުރުމުގެ މައްސަލަ މަޖިލީހުގެ ތަޅުމަށް ހުށަހެޅި ބަހުސް ކޮށް ނިންމުންތަކެއް ނިންމަވައިފައި ވަނީ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީން ހުށަހެޅި ރިޕޯޓާއި ގުޅިގެންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް މިމައްސަލަ ހުށަހެޅުމަށް ޖުޑީޝަރީ ކޮމެޓީން ނިންމެވީ ސުޕްރީމްކޯޓްގެ ނުފޫޒުން ޖުޑީޝަލް ސާރވިސް ކޮމިޝަން (ޖޭއެސްސީ) މިނިވަންކޮށް ދިނުމަށް ދައުލަތުގެ ބަންޑާރަ ނާއިބް އިބްރާހީމް ރިއްފަތާއި އެނޫންވެސް އެކޮމިޝަންގެ ބައެއް މެމްބަރުން އެދި ވަޑައިގެންފައި ވުމުންކަމަށް އެކޮމެޓީން ވަނީ ނިންމައިފައެވެ.

ސުޕްރީމް ކޯޓްގެ ނުފޫޒުގެ ދަށުން ޖޭއެސްސީ މިނިވަން ކުރުމުގެ  ބަހުސް ކޮށް، އެމަޖިލީހުން ސުޕްރީމް ކޯޓްގެ މައްޗަށް އިލްތިމާސްތަކެއް ފާސްކުރައްވައިފައި މިވަނީ، ޢަބްދުﷲ ދީދީގެ މައްސަލައިގައި ސުޕްރީމް ކޯޓުން ނެރެފައިވާ އަމުރާ ޚިލާފަށް ކުރެވޭ ކޮންމެ ކަމެއް ބާތިލްވާނެ ކަމަށް ސުޕްރީމް ކޯޓުން އިއްޔެއަމުރުކޮށްފައި ވަނިކޮށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.