ރައީސް އިބްރާހިމް މުޙަންމަދު ސޯލިޙު ރާއްޖޭގެ ވެރިކަމަށް ވަޑައިގެންނެވިއިރު ރާއްޖެ ވަނީ ދުވަހަކުވެސް ނުވާވަރަށް ބައިނަލް އަގްވާމީ މައިދާނުން އެކަހެރިވެފައި ކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ރާއްޖެއާ ބައިނަލް އަގްވާމީ މައިދާނާ ގުޅުވައިދިނުމުގެ މުހިންމު ބައްދަލުވުމެއް ކަމަށްވާ "މޯލްޑިވްސް ޕާޓްނާޝިޕް ފޯރަމް" މާދަމާ ރާއްޖޭގައި ފެށުމަށް ހަމަޖެހިފައިވާތީ އެކަމާބެހޭ މައުލޫމާތު ނޫސްވެރިންނަށް މިއަދު ދެއްވަމުން ފޮރިން މިނިސްޓަރ ޝާހިދު ވިދާޅުވީ ރައީސް ސޯލިޙު ވެރިކަމަށް ވަޑައިގެން ރާއްޖޭގެ ޚާރިޖީ ސިޔާސަތު އެންމެ ފުރަތަމަވެސް ބައްޓަން ކުރައްވަން ބޭނުންފުޅުވީ ރާއްޖެއާ ގުޅުން ކެނޑިފައިވާ ބައިނަލް އަވްމީ މައިދާނާ ގުޅުން އުފައްދައި އެފަރާތްތަކުގެ އިތުބާރު އަލުން ރާއްޖެއިން ހޯދުމަށެވެ. އެގޮތުން މިހާތަނަށްވެސް ޚާރިޖީ ސިޔާސަތުގައި އެންމެ މުހިންމު އިސްކަމެއް ދެއްވީ ރާއްޖެއަށް ބައިނަލް އަގުވާމީ މުޖުތަމައުން ލިބުން ހައްގު އިހުތިރާމާއި ގަދަރާއި އިތުބާރު ހޯދުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ޝާހިދު ވިދާޅުވީ މާދަމާއިން ފެށިގެން 2 ދުވަހުގެ މުއްދަތަށް ރާއްޖޭގައި ފަށާ ޕާޓްނާރޝިޕް ފޯރަމަކީވެސް ބައިނަލް އަގުވާމީ ދުނިޔެއާ ރާއްޖެއާ ދެމެދު އަޅާލެވޭ މުހިންމު ފާލަމެއް ކަމަށެވެ. ޝާހިދު ވިދާޅުވީ ޕާޓްނާރޝިޕް ފޯރަމަކީ ފެށުމެއް ކަމަށާއި މި ފޯރަމްގައި ރާއްޖޭގެ ތަރައްގީގެ ސިޔާސަތުތަކާބެހޭ މަޝްވަރާތައްވެސް ކުރިޔަށްދާނެ ކަމަށެވެ.
މިނިސްޓަރ ޝާހިދު ވިދާޅުވީ މާދަމާ ފަށާ ފޯރަމްގައި ރައީސް ސޯލިޙުގެ ކެބިނެޓް ހުރިހާ ވަޒީރުންވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ. މި ފޯރަމްގައި ހުރިހާ ވަޒީރުން ބައިއިވެރިވެވަޑައިގަންނަވާއިރު 35 ގައުމަކުން މި ފޯރަމްގައި ބައިވެރިވާނެއެވެ. އަދި ބައިނަލް އަގްވާމީ 27 ޖަމްއިއްޔާއަކުންވެސް ފޯރަމްގައި ބައިވެރިވެއެވެ. ފޯރަމްގައި ބައިވެރިވާ ހުރިހާ ފަރާތްތަކަށް ވަޒީރުން އެބޭފުޅުންގެ ދާއިރާތަކުގެ މައުލޫމާތު ހިއްސާ ކުރައްވާނެ ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ. އެހެންކަމުން މިއީ ރާއްޖެއާމެދު ބައިނަލް އަގްވާމީ މުޖުތަމައުގެ އިތުބާރު ހޯދުމަށް ވަރަށް މުހިންމު ދައުރެއް އަދާކުރާނެ ފޯރަމަކަށް ވެގެންދާނެ ކަމަށް ޝާހިދު ވިދާޅުވިއެވެ.