"ރާއްޖޭގެ ސިޔާސީ ލީޑަރުން އަދީބު ދެކެ ޖެހިލުންވެ ވަޑައިގަންނަވާ"

ރާއްޖޭގެ ކުރީގެ ނާއިބު ރައީސް އަޙުމަދު އަދީބު މިނިވަންވެވަޑައިގެން ސިޔާސީ މައިދާނުން ދެން ފުރުސަތެއް ލިބިވަޑައިގެންފިނަމަ އެހެން ސިޔާސީ ލީޑަރުންނަށް ފުރުސަތު ގެއްލި ބާކީވާނެ ކަމަށް އެމްޓީޑީގެ ކައުންސިލް މެމްބަރަކު ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ އަދީބާމެދު ކުރި ދަޢުވާތަކާއި ޝަރީޢަތްތައް ބާޠިލް ކުރައްވައިފައިވާ ދަނޑވަޅެއްގައެވެ. އަދީބާ ދެކޮޅަށް ކޮށްފައިވާ ޙުކުމްތައް ބާޠިލް ކުރުމުން އެމަނިކުފާނު ވަނީ "މިނިވަން" ވެފައެވެ. އެހެންނަމަވެސް އަދި ވެސް އެމަނިކުފާނުގެ މައްޗަށް ތުހުމަތުތަކެއް ކުރެވޭތީ ގިނިކަންޏާ ދޫކޮށްލަން ދައުލަތުގެ ކަމާބެހޭ ފަރާތްތަކުން ބޭނުންފުޅެއް ނުވެއެވެ.

އެމަނިކުފާނު މިހާރު ހުންނެވީ އިންޑިއާގެ ބެންގަލޫރުގައެވެ. ބޭސްފަރުވާއަކަށް ބެންގަލޫރަށް ވަޑައިގެންނެވި އިރުވެސް ޕޮލިހާއި ކަރެކްޝަންސްގެ 7 ބޭފުޅަކު އަދީބުގެ އަރިހުގައި ވަޑައިގެންނެވެ. "އެގޮތަށް ކަންތައް ކުރެއްވީ އަދީބަކީ ވަރަށް ނުރައްކާތެރި ބޭފުޅެއްގެ ގޮތުގައި ލޭބަލް ކުރައްވާފައިވާތީ. އެކަމަކު ޙަޤީޤަތަކީ އެޔެއްނޫން. އަދީބަކީ ކޮންކަހަލަ ބޭފުޅެއްކަން ދެނެވަޑައިގަންނަވާ މީހުންނަށް އެނގޭނެ އަދީބަކީ އެ މަނިކުފާނުގެ މައްޗަށް ތުހުމަތު ކުރައްވައިފައިވާ ފަދަ ބޮޑެތި ކުށްތައް ނުކުރައްވާ ބޭފުޅެއްކަން،" އޭނާ ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ދައުރުގައި ރާއްޖޭގައި ހިންގާފައިވާ ތަރައްޤީގެ ގިނަ މަޝްރޫޢުތަކުގެ މޭސްތިރިއަކީ ވެސް އަދީބު ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ބުރިޖާއި އައިހެވަން މަޝްރޫޢާއި ފ. އަތޮޅުގެ މަޝްރޫޢަކީ އެންމެ މަޝްހޫރުވެގެންދިޔަ މަޝްރޫޢުތަކެވެ. އަދާ ހަމައަށް ނާއިބު ރައީސެއްގެ ގޮތުގައި އަދީބު ހުންނެވިނަމަ ފ. އަތޮޅު މަޝްރޫޢާއި އައިހެވަން މަޝްރޫޢާއި އައްޑޫ ސިޓީގައި 5000 އެނދުގެ ޖާގަ އޮންނާނީ ނިނަމަވާފައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އަދީބު ރާއްޖޭގެ ރައްޔިތުންގެ މަޖިލީސް ކޮންޓްރޯލް ކުރެއްވީ މެމްބަރުންނަށް ފައިސާ ދެއްވައިގެން ކަމަށް ދެކެވުނު ވާހަކަތައް ވެސް ވަނީ ދޮގު ކުރައްވައިފައެވެ. "އެމަނިކުފާނު އެކަން ކުރެއްވީ އެއްވެސް ފައިސާއެއް ދެއްވައިގެނެއްނޫން. ސީދާ މެމްބަރުންނާ ވާހަކަ ދައްކަވައިގެން ތަރައްޤީގެ ވާހަކަތައް ވިސްނުވައިދެއްވައި އަވަހަށް ކަންކަން ނިންމެވުމުގެ ވިސްނުންފުޅެއްގެ ތެރެއިން. އަދާ ހަމައަށް އެމަނިކުފާނު ނާއިބު ރައީސަކަށް ހުންނެވި ނަމަ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓާއި ޓާމިނަލް ވެސް އޮންނާނީ ނިމިފައިކަން ކަށަވަރު. އެހުރިހާ މަޝްރޫޢަކީ އެމަނިކުފާނުގެ އަތްޕުޅުމައްޗަށް ވިހެއި މަޝްރޫޢޫ" ކައުންސިލް މެމްބަރ ވިދާޅުވިއެވެ. މިފަދަ ކަންކަން އަދިވެސް އެމަނިކުފާނު ކުރައްވައި މަޝްހޫރުކަން ހޯއްދަވައިފާނެތީ މިހާރުގެ ސިޔާސީ ބޭފުޅުންވެސް އެމަނިކުފާނު ދެކެ ޖެހިލުންވެ ވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

2 ޚިޔާލު

  1. އަދީބު މިނިވަންކަމާއެކު ދޫކޮށްލާފައި ބެހެއްޓުމަކީ ޤަުމީ ސަލަމަތަށް ނުރައްކަލެއް ކަމަުގައި ސިޔާސީ ބޭފުޅުންނާއި ބައެއް ޢާއްމު ރައްޔިތުން ދެކޭތީ އެމަނކުފާނާމެދު ބެލެމުންދާ މައްސަލައް ނިމެންދެން ފުލހުންގެ ބެއްލެވުމުގެ ދަށުގައި ބެހެއްޓުން ރަނގަޅު ކަމުގައި ދެކެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.